އިސްލާމިކް މިނިސްޓްރީން، މާލޭގައި ތަރައްގީކުރާ އާ ވަގުފު އިމާރާތް "ދާރުލްއަރްގަމް"ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބިންގާ އެޅި އެ މަޝްރޫއަކީ 39.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ފައިނޭންސިންގެ އެހީގައި ކުރިއަށްގެންދާ އެ އިމާރާތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދާރުލްއަރްގަމްއަކީ 12 ފަންގިފިލާގެ އިމާރަތެއް ކަމަށެވެ. އެ އިމާރާތަކީ ގިނަ ވަސީލަތްތަކެއް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެއް ކަމަށާއި އެގޮތުން އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑް ފްލޯގައި ޕާކިން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް އަދި ދެވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މަތީ ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމްތަކާއި ނަމާދު ކުރާނެ ހާއްސަ ކޮޓަރިތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ނުވަތަ ރޫފްޓޮޕް ތަރައްގީކުރަނީ ހިތްފަސޭހަ އޯޕަން ޓެރަސްއެއްގެ ގޮތުގައި ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ އެ އިމާރާތް ފަރުމާކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމުތަކާ އެކުގައި ކަމަށެވެ.

އެ އިމާރާތް ހުޅުވުމުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ އާމްދަނީގެ ތެރެއިން 20 ޕަސަންޓް ޒަކާތު ހައުސްއަށް ހާއްސަކުރާއިރު، ބާކީ 80 ޕަސަންޓް ޖަމާކުރާނީ އިސްލާމިކް ވަގުފް ފަންޑަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފް މަޝްރޫއުތައް ފުޅާކުރުމަށް ނިންމައިފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައިވެސް އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.