މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް" ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި 15,577 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 8,263 ފަތުރުވެރިންނާ އަޅައި ބަލާއިރު 89 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ރިޕޯޓުގައިވެއެވެ.
ކްރޫޒްލައިނާތަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަމަށް ރިޕޯޓުގައި ބުންޏެވެ. އެގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ފެބްރުއަރީ މަހުގައެވެ. އެ މަހު 5,237 ފަތުރުވެރިން ކްރޫޒްލައިނާތަކުގައި އައިސްފައިވާ އިރު، މާޗު މަހު 4,049 ފަތުރުވެރިން އަދި އޭޕްރިލް މަހު 3,457 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައެވެ.
ކްރޫޒްލައިނާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ފްރާންސްގެ ފަތުރުވެރިން ކަމަށް ރިޕޯޓުގައި ބުންޏެވެ. ފްރާންސުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ 31,508 ފަތުރުވެރިންގެ ތެރެއިން 5.4 ޕަސަންޓް ފަތުރުވެރިން ރާއްޖެއަށް އައީ ކްރޫޒްލައިނާތަކުގައި ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ. މިއީ މިދިޔަ އަހަރަށްވުރެ ދަށް އަދަދެއް ނަމަވެސް، ޗައިނާ މާކެޓުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެގޮތުން 213,000 އަށްވުރެ ގިނަ ފަތުރުވެރިންނާ އެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ މަގާމު ޗައިނާއިން ވަނީ ދަމަހައްޓާފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
ކޮމެންޓް