މިދިޔަ އަހަރު ރާއްޖޭގައި މަރުވި މީހުންގެ ތެރޭގައި 61 ޕަސަންޓަށްވުރެ ގިނައީ ފިރިހެނުންކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
"މޯލްޑިވްސް ވައިޓަލް ސްޓެޓިސްޓިކްސް ކުއާޓަލީ ބުލެޓިން" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ޖުމްލަ 1,399 މީހުން މަރުވެފައިވާ އިރު، އޭގެ ތެރެއިން 858 މީހުންނަކީ ފިރިހެނުންނެވެ. އެއީ މަރުވި މީހުންގެ 61.3 ޕަސަންޓެވެ. އަންހެނުން މަރުވި ނިސްބަތަކީ 38.6 ޕަސަންޓެވެ. މިއީ މަރުވި ކޮންމެ 158.8 ފިރިހެނަކަށް 100 އަންހެނުންގެ ނިސްބަތް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓުގައިވާ ގޮތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެ ސަރަހައްދުން 830 މަރު (59.3 ޕަސަންޓް) ރިޕޯޓުކޮށްފައިވާ އިރު، އަތޮޅުތަކުން މަރުވެފައިވަނީ 569 މީހުންނެވެ. މާލޭގައި މަރުވި މީހުންގެ ނިސްބަތް އިތުރުވެފައި ވަނީ، އަތޮޅުތަކުގައި ދިރިއުޅޭ މީހުން އެމަޖެންސީ ހާލަތްތަކުގައާއި އިތުރު ފަރުވާއަށް މާލެއަށް ގެނައުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މާލެ ފިޔަވައި އެންމެ ގިނަ މަރު ރިޕޯޓުކޮށްފައި ވަނީ ހދ. އަތޮޅާއި އައްޑޫ ސިޓީން ކަމަށް ރިޕޯޓުގައި ބުންޏެވެ.
މަރުވި މީހުންގެ އުމުރުފުރާތަކަށް ބަލާއިރު އެންމެ ބޮޑު ޕަސަންޓެއް ހިއްސާ ކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެގޮތުން އުމުރުން 65 އަހަރުން މަތީގެ 858 މީހުން މަރުވެފައިވާ އިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ 451 މީހުން ވަނީ މަރުވެފައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އުމުރުން 0 އާއި 4 އަހަރާ ދެމެދުގެ 75 ތުއްތުކުދިންނާއި 5 އަހަރާއި 17 އަހަރާ ދެމެދުގެ 14 ކުޑަކުދިންނާއި ފުރާވަރު ކުދިން މަރުވެފައިވާ ކަމަަށް ރިޕޯޓުގައި ބުންޏެވެ.
މިދިޔަ އަހަރު އެއް އަހަރުން ދަށުގެ 70 ކުދިން މަރުވެފައިވާ އިރު، ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމާ ގުޅިގެން ފަސް މައިން މަރުވެފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މިދިޔަ އަހަރު 1,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 5,625 ކުދިން އުފަންވެފައިވާ ކަމަަށް ރިޕޯޓުގައި ބުންޏެވެ.
މުހައްމަދު އިޝާން
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ކޮމެންޓް