މަސްތުވާތަކެއްޗާއެކު، ކުޅުދުއްފުށި ސިޓީން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކު ސިޓީ، ދޫޑިގަން، ކަރަންފޫގެ މުހައްމަދު އުމީން (19އ)، ހދ. ކުމުންދޫ، ފަހިވާ، އާއިޝަތު އަލީ (30އ) އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 27 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުހައްމަދު އުމީން 15 ދުވަހަށް އަދި އާއިޝަތު އަލީ ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށި، އުރަހަ، ހުސައިން ނައީމް (44އ) އަދި ކުޅުދުއްފުށި، ބަންޑާރަހިޔާ 002 ޕީ، އަބްދުއްރަހުމާން މުހައްމަދު (45އ) ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅު ފެނިފައިވާ އިރު، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމްކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.