ރާއްޖެއަކީ ބަރުލަމާނީ ނިޒާމަކަށް ފައްކާވެފައިވާ ގައުމަކަށް ނުވާތީ އެ ނިޒާމަށް ތާއީދު ކުރެވެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ޔާމީން މިރޭ ވިދާޅުވީ ވެރިކަން ހިންގުމުގެ އެންމެ އިސް ބާރު އޮންނަންވާނީ އެކެއްގެ އަތްމަތީގައި ކަމަށެވެ. ބޮޑުވަޒީރަކާއި ރައީސަކު ތިބެގެން ބާރުތައް ބަހާލައިގެން ވެރިކަން ކުރުމަކީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށާއި އެއީ ހަރުދަނާ ނިޒާމެއް ނޫން ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ފައިސާގެ ނުފޫޒެވެ. ރައްޔިތުންގެ މަޖިލީހަކީ "ވިކޭ" ތަނެއްގެ ގޮތުގައި ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، މަޖިލިސް މެންބަރުން ގައުމީ މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ މަންފާއަށް އިސްކަންދޭ ތަން ފެންނަމުންދާ ކަމަށެވެ.

އަދި ބޮޑެތި ވިޔަފާރިވެރިންގެ ނުފޫޒު މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ، އެފަދަ ތަނަކަށް ގައުމުގެ ހުރިހާ ބާރުތަކެއް ދޫކޮށްލުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި ނަމަވެސް، އެއީ ހަމައެކަނި އެ ނިޒާމުގެ "ތިއަރީ" ރަނގަޅުވުމުން ކުރެއްވި ތާއީދެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް އަމަލީ ގޮތުން ކަންކަން ފެންނަމުންދާ ގޮތުން، ގައުމުގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު މަޖިލީހަށް ދިނުމަކީ ރާއްޖެއަށް އެންމެ ރައްކާތެރި ގޮތް ކަމަށް މިހާރު ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނަކީ މަޖިލީހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވުމުން، މަޖިލީހުގެ އެތެރޭގެ ކަންކަން ހިނގާ ގޮތް ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، މިހާރުގެ ހާލަތަށް ބަލާއިރު ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށޭނަ ނިޒާމެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.