ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް ހުރަސްނާޅުއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަނިކުފާނަށް ދިން ފަދަ ބޮޑު އަނިޔާއެއް ދެއްވަން ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މުއިއްޒު ކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ މިހެން މި ދެންނެވީ. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ އިރާދަކުރެއްވިއްޔާ ހަމަ 2028 ގައި ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ ކަމަށް،" ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އިންތިހާބެއް ކާމިޔާބު ކުރެވޭވަރުގެ ތާއީދެއް ރައީސް މުއިއްޒަށް މިހާރު ނެތްކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުން ފެނިގެން ދިޔައީ ރައްޔިތުން ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައި ތިބި މިންވަރު ކަމަށެވެ.