ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަލުން ވެރިކަމުގެ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ، އެ މަނިކުފާނު އަނެއްކާވެސް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަނިކުފާނު ޖަލަށްލުމަށް ކޯޓުން ހުކުމްކުރީ، ސޯލިހު ނުފޫޒު ފޯރުވައިގެންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"މުއިއްޒު މިއީ އަޅުގަނޑާއެކު އުޅުއްވި ވަޒީރެއް، ތި އެމްއެމްޕީއާރްސީ ކަންކަތާ އެކަންތައްވެސް ހަމަ މުއިއްޒަށް ހަމަ އަޅުގަނޑުމެންނަށް އެނގޭ ވަރަށް އެނގިވަޑައިގަންނަވާނެ އިނގޭތޯ. އެހެންވީމާ ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ އެކަހަލަ ކޮރަޕްޝަން ކަމެއްގަ އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުގެ ބޮލުގަ ބަދުނާމު އެޅުވިޔަސް އެކަމެއް ނުވާނެކަން" ޔާމީން ވިދާޅުވިއެވެ.
ސަރުކާރު ހިންގުމުގެ ކަންކަން ރައީސް މުއިއްޒަށް ރަނގަޅަށް ކުރިއަށް ނުގެންދެވިދާނެ ކަމަށާއި އަދި އިތުރުފުޅު ހެއްދެވުން ފަދަ ކަންކަން ކުރެއްވިޔަސް ރައީސް މުއިއްޒު، އަނިޔާވެރިވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމާ ހަމަ އަޅުގަނޑު ކޮންފިޑެންސްއާއެކީގަ ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް މުއިއްޒަކީ އެގޮތަށް އަނިޔާވެރި ބޭފުޅަކަށް ވެދާނެކަމަށް" ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑަކީ ރައީސްކަން ކޮށްފަހުރި ބޭފުޅެއް. އެހެންމާ، އަޅުގަނޑުމެން ވަރުގެ މީހަކަށް އެ ވަރުގެ އަނިޔާއެއް ދެއްވަފާނެކަމަށް އަޅުގަނޑު ހަމަ ޕާސަނަލީ ގަބޫލުނުކުރަނީ. މުއިއްޒު ކުރައްވަފާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި. ދެން ފުރުސަތެއް ލިބުނަސް އޭނާ (ސޯލިހު) ކުރައްވަފާނެ. އެކަމަކު މުއިއްޒު ހަމަ ނުކުރައްވާނެކަން އަޅުގަނޑަށް ގަބޫލު ކުރެވޭތީ އެހެން މި ދެންނެވީ"
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް ގަބޫލު ކުރެވެނީ ރައީސް މުއިއްޒު އަނިޔާވެރި ނުވާނެކަން ގަބޫލުކުރެވޭތީ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ޔާމީން ވިދާޅުވީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ ކޯޓުގެ މިހާރު އޮތް އެ މައްސަލަ ގާތްގަޑަކަށް ނިމިފައި އޮތް މައްސަލައެއް އެއީ އިނގޭތޯ. ގާތްގަނޑަކަށް ހުރިހާ އަޑުއެހުމެއް ނިމިއްޖެ، ހެކިބަސް ނަގާ ހުރިހާކަމެއް ނިމިއްޖެ. ދެން މިހާރު އޮތީ ހުލާސާ ބަޔާން. އެ މައްސަލައިގެ އަޅުގަނޑާ އެކީގަ ޖޮއިންޓްލީ އެހެން މީހެއްގެ މައްޗަށް ދައުވާކުރަން އެ މައްސަލަ ފޮނުވީ، އިނގޭތޯ. ދެ މީހެއްގެ މައްޗަށް ދައުވާކުރަން އެ މައްސަލަ ފޮނުވީ. އަނެއް މީހާގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނަގައިފި ކޯޓުން. އެހެންވީމާ ކޮބާތޯ ނުފޫޒު ނުފޯރުވި" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ކޯޓުތަކައް ނުފޫޒު ފޯރުވާ ކަމަށާއި ނަމަވެސް އެ މައްސަލައަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވިކަމަށް ދަންނަވަން ބޭނުންނުވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އެކިއެކި ސަރުކާރުތަކުން އެކި ވަރަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިވާނެ ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ކޯޓުތައް މިނިވަންކަމާއެކު ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.
"އެއްވެސް ފަނޑިޔާރަކަށް އެއިރު ޖުޑިޝަރީގައި ތިއްބެވި ފަނޑިޔާރުން އެއްވެސް ފަނޑިޔާރަކަށް ކެރިވަޑައެއް ނުގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފޯނުކޮށްފަ ވަކި މައްސަލައެއް ވަކި ގޮތަކަށް ނިންމަން ބުނިކަމަށް. އަޅުގަނޑު ނުހުންނާނެ ބެހިފައެއް" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނުގެ މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ކަހަލަ މައްސަލައެއްވެސް އެ ދުވަސްވަރު ކޯޓުތަކުގައި ކުރިއަށްނުދާ ކަމަށް ޔާމީން ވިދާޅުވިއެވެ. ވެރިކަމުގެ ދައުރުގެ ތެރެއިން އެންމެ ނުރައްކާތެރިކަމަކަށް ދިމާވީ 2018 ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކުރެވޭ ކަމަށާއި، ފަނޑިޔާރުގޭގެ ނަޒާހަތްތެރިކަން ދަމަހައްޓަން ޖެހޭނީ ފަނޑިޔާރުން ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަކު، މިނިސްޓަރަކު ނުވަތަ ރައީސް އޮފީހުން އަންގާ އެންގުމަކަށް ފަނޑިޔާރުން ބޯލަބައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބޮޑެތި ވިޔަފާރިވެރިންގެ މައްސަލަތައް އަދުލުއިންސާފުގެ ބޭރުން ފަނޑިޔާރުން މީގެކުރިން ނިންމާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ފަނޑިޔާރުގެ މިނިވަންކުރާނެ ގޮތުގެ ވިސްނުންތަކެއް އެބަހުރި ކަމަށާއި އެކަން ހާމަކުރުމުގެ ބަދަލުގައި ބޭނުންފުޅުވަނީ އަމަލުން އެކަންކޮށްފައި ދައްކަންކަަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނަކީ، ގާނޫނުއަސާސީ ހެދުމުގައި، ގާނޫނޫ ހެދުމުގައި އަދި މަޖިލީހުގެ އިތުރުން އިގްތިސޯދީ ކަންކަމުގައި ހަރަކާތްތެރިވެފައިވާ ބޭފުޅަކަށްވާތީ ކަންތައް އިސްލާހު ކުރާނެ ގޮތުގެ ވިސްނުންތަކެއް އެބަހުރިކަމަށް ޔާމީން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް