އެމެރިކާގެ ނިއު މެކްސިކޯގެ ކޯޓަކުން، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލައެއްގައި މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
މި ޖޫރިމަނާ ކުރީ ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ކުޑަކުދިންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބޭ ކަމަށާއި، އެ ކުދިންނަށް އަމާޒުކޮށް ހިންގާ ޖިންސީ ގޯނާގެ އަމަލުތަކުން ރައްކާތެރިކޮށްދިނުމުގައި މެޓާ ނުކުޅެދިފައިވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.
ނިއު މެކްސިކޯގެ ފަނޑިޔާރު ބްރަޔަން ބީޑްޝައިޑް ވިދާޅުވި ގޮތުގައި، މެޓާގެ ޕްލެޓްފޯމްތަކަކީ މުޖުތަމައަށް އޮތް ބޮޑު އުނދަގުލެކެވެ. އަދި އެ ކުންފުނީގެ އުފެއްދުންތަކުން ކުޑަކުދިންނަށް ލިބޭ ގެއްލުމަކީ ކާރުހާނާތަކުން ބޭރުކުރާ ވިހަ ގޭހާ އެއްފަދަ އެއްޗެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ކޯޓުން އެންގި ގޮތުގައި މި ފައިސާ ޖަމާކުރަން ޖެހޭނީ ކުޑަކުދިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ނަފްސާނީ ފަރުވާ ދިނުމަށް ގާއިމުކުރާ ފަންޑަކަށެވެ. މީގެ ތެރެއިން 420 މިލިއަން ޑޮލަރު ހަރަދުކުރާނީ ޒުވާނުންނަށް ފަރުވާ ދިނުމަށެވެ.
ފައިސާގެ ޖޫރިމަނާގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މެޓާގެ ޕްލެޓްފޯމްތަކަށް ބަދަލުތަކެއް ގެނައުމަށްވެސް ކޯޓުން ވަނީ އަންގައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ޕްލެޓްފޯމް ބޭނުންކުރާ ވަގުތު ލިމިޓުކުރުމާއި، ނޮޓިފިކޭޝަންތައް ކޮންޓްރޯލްކުރުން ހިމެނެއެވެ.
މި ނިންމުމާ ގުޅިގެން މެޓާއިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކާ މެދު ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ހަގީގަތާ ހިލާފު ދައުވާތަކުން ދިފާއުވުމަށް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މެޓާ
މެޓާ
މެޓާ
މެޓާ
ކޮމެންޓް