މިދިޔަ ބުދަ ދުވަހުގެ ރޭ ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ދިޔަ ހިއްކުމަށް ދޯނީގައި އެ ވަގުތު ހުރި ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެއްގެ އިތުރުން ދޯނީގެ ކެޕްޓަނެވެ.

އެމީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދަނީ:

  • ސާޖަންޓް އިބްރާހީމް އަހްމަދު - އެމްއެންޑީއެފް
  • ސާޖަންޓް އަލީ ނާފިއު - ޕޮލިސް
  • މުހައްމަދު ހަމްދޫން - ދޯނީގެ ކެޕްޓަން

އެ އޮޕަރޭޝަނާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން މިއަދު ބުނީ ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ހާދިސާގައި އަޑިއަށްދިޔަ ސަޕްލައި ދޯންޏަކީ ތ. މަޑިފުށީގެ ދޯންޏެކެވެ.

އެނގިފައިވާ ގޮތުގައި ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް، ކަނޑުގަދަވެ ރާޅު ދޯނި ތެރެޔަށް އަރަން ފެށުމުން ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން ވަނީ ސަލާމަތީ ބާރުތަކުގެ އެހީއަށް އެދިފައެވެ. އެއާއެކު، ގއ. ވިލިނގިލީގައި ތިބޭ ފުލުހުންގެ ޓީމަކާއި ގދ. ތިނަދޫން ސިފައިންގެ ޓީމެއް އެތަނަށް ގޮސް، އުޅަނދު ސަލާމަތް ކުރެވޭތޯ ބެލި އެވެ. އެ މީހުން ދިޔައީ ދިޔަ ހިއްކުމަށް ބޭނުންވާ ޕަމްޕުވެސް ހިފައިގެންނެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިންގެ ޓީމުން ގޮސް ފުރަތަމަ ސަލާމަތްކުރީ ދޯނީގައި ތިބި ފަޅުވެރީންނެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންކަންވެސް އެނގިފައިވެއެވެ. ދޯނީގެ ދިޔަ ހިއްކުމަށް ދޯނީގައި އެ ވަގުތު ދެ ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހަރަކާތްތެރިވަމުން ދިޔަކަމަށް މައުލޫމާތު ލިބެއެވެ.

"ކުއްލިއަކަށް ދޯނި އަރިއަޅާލައި އަޑިއަށް ދިޔައީ، އެއިރު ގެއްލުނު ތިން މީހުންގެ އިތުރުން އިތުރު ފުލުހަކުވެސް ދޯނީގައި ހުރި. ދޯނި އަޑިއަށްދާން އުޅުމުން އެ މީހާ މޫދަށް ފުންމައިލީ" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.