ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރިއަށް ކުނި އަޅާ މީހުން ވީޑިއޯ ފުޓޭޖުތަކުން ފާހަގަކޮށް، ޖޫރިމަނާކުރާނޭކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ދީފިއެވެ.

ފަހި ފްލެޓްތައް ކައިރިއަށް އެއްކޮށްފައި ހުރި ކުނިތައް ނަގަން މިއަދު ހެނދުނު ކުރިޔަށްގެންދިޔަ "މަދިރިން ރައްކާ" އިވެންޓް ފެއްޓެވުމަށްފަހު އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވަނީ، ފަހި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުންވެސް އެ ސަރަހައްދަށް ކުނި އަޅާ މީހުން ފާހަގަކޮށް، ކުނި އަޅާ ފަރާތްތަކަށް ސަމާލުވެ، ކުނި އަޅަންޏާ އެފްޑީސީއަށާއި އެޗްޑީސީއަށް ރިޕޯޓުކުރުމަށް އެދިވަޑައިގެންފައެވެ.

"ރިޕޯޓްކުރުމުން އެކަމަށް ސަމާލުވެ، ފިޔަވަޅު އަޅަމުންދާނަން. އޭގެ އިތުރުން މިތަން ސާފުކޮށް ނިމުމުން ސަރަހައްދު ތަރައްގީކޮށް ގާ އެޅުމާއި، ރައްޔިތުން ބޭނުންވާ ގޮތަށް ގްރީން ސްޕޭސްވެސް ތަރައްގީކުރާނަން،" ރަޒާން ވިދާޅުވިއެވެ.

އެކަންކަން ފުރިހަމަ ކުރެވޭނީ ފަހި ފްލެޓްތަކުުގައި ދިރިއުޅޭ ރައްޔިތުންވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެއްބާރުލުންދީގެން ކަމަށާއި އަދި ގަވައިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް އެ ކުންފުންޏަށް އެންގުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

8 އޮގަސްޓް 2026، ހުޅުމާލެ، އެޗްޑީސީން ކުރިއަށްގެންދިޔަ "މަދިރިން ރައްކާ" ކޮމިޔުނިޓީ ކްލީންއަޕްގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"މިއީ މިހާރު މިތާ އުފެދިފައި ހުރި ހުރިހާ ކުނިތައް ނަގައި ސާފުކޮށް ރައްޔިތުން އެދޭގޮތަށް އަމާން ޓަވަރުތަކަކަށް، ސާފު ޓަވަރުތަކަކަށް ހަދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެއް. ކުނިތައް އެއްލާލެވުމުން މި ސަރަހައްދު ވަރަށް ބޮޑަށް ސާފުވެގެންދާނެ،" ރަޒާން ވިދާޅުވިއެވެ.

ރަޒާން ވިދާޅުވީ އެ ސަރަހައްދުގައި މިހާރު ހުރި ކުނިތައް ނަގައި ނިމުން އެތަނަށް އެއްކުރާ ކުނިތައް، އެޅޭނެ އިތުރު ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ކުނި އަޅާ މީހުންވެސް ފާހަގަކޮށް ނަސޭހަތްތެރިވުމަށް ރައްޔިތުން ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެ ފްލެޓްތަކުގެ ތިރީގައި މިހާރު ހަރުކޮށްފައި ހުރި ކެމެރާތަކުގެ އޮންލައިން މަރުހަލާ ނިމުމުން، ކުނި އަޅާ މީހުންގެ ފޮޓޯ ހާމަވާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދަނީ އެކަމާ ގުޅުންހުރި ހުޅުމާލޭގެ އިދާރާތަކާ ގުޅިގެން ކަމަށްވެސް ރަޒާން ވިދާޅުވިއެވެ.

"ޓެސްޓިން ކޮށް ނިމޭއިރަށް ލައިވްވާނެ، ފޮޓޯ ފެންނާނެ. ފެނުނީމަ އެކަންކަމާ، ހުޅުމާލެ ޕޮލިސް އަދި އެޗްޑީސިއާ ގުޅިގެން ނެރެވޭނެ ގޮަތްތައް ހޯދަން. ފުދޭވަރެއްގެ ޔަގީންކަމެއް ދޭނަން ކުނިތައް ޖަމާނުވާނެ. ރައްޔިތުންނަށް ދޭނެ ނަސޭހަތަކީ، ކުނިއަޅާ މަންޒަރު ފެނިއްޖެއްޔާ އެބޭފުޅުންނަށް ނަސޭހަތްތެރިވުން. އެކަން އެގޮތަށް ނުވަންޏާ އަޅުގަނޑުމެންނަށް ރިޕޯޓުކޮށް، އަޅުގަނޑުމެންގެ ސްޓާފުން އެކަންކަމަށް އެހީތެރިކަން ދެއްވާނެ. އެގޮތަށް ވިޔަނުދޭން. ތަނަކަށް ކުނި އަޅާފައި ހުރިއްޔާ، ފޮޓޯ ނަގާފައި ރިޕޯޓް ސިސްޓަމް މެދުވެރިކޮށް ރިޕޯޓުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

8 އޮގަސްޓް 2026، ހުޅުމާލެ، އެޗްޑީސީން ކުރިއަށްގެންދިޔަ "މަދިރިން ރައްކާ" ކޮމިޔުނިޓީ ކްލީންއަޕްގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އިތުރު އެހީއެއްގެ ގޮތުން ފަހި ފްލެޓްތަކުން ހަދާފައިވާ ވައިބާ ގްރޫގްތަކުގައި ޖެނެރަލް ކޯލް ސެންޓަރަށް ގުޅޭނެ ހާއްސަ ނަމްބަރެއްް ހިއްސާ ކުރާނެ ކަމަށް އެފްޑީސީން ބުންޏެެވެ.

"ވެބްސައިޓުން ނަމްބަރު ފެންނަން އިންނާނެ. ޓެނެންޓެއް ވެއްޖެއްޔާ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭނެ. ސެއާ ކުރާނަން ޓެނަންޓް ގްރޫޕްތަކަށް ވެސް އިތުރަށް ގުޅޭނެ ނަމްބަރެއް. ނަމްބަރު ޕޯސްޓްވެސް ޝެއާކޮށްލަދޭނަން. އެދުމަކީ ހުރިހާ ރައްޔިތުން އަޅުގަނޑުމެންނާ އެއްކޮށް، އަޅުގަނޑުމެންގެ ޓީމުތަކާއެއްކޮށް، މިތަން އަބަދުވެސް ސާފު ކުރިގޮތަށް، ސާފުތާހިރު، ހުރިހާ ބޭފުޅުންނަށްވެސް ބޭނުންކުރެވޭ ރީތި ތަނެއްގެ ގޮތުުގައި ބާއްވައިދިނުން. މިއީ ތިޔަ ބޭފުޅުންގެވެސް ތަންތަން. އެހެންވީމަ އެގޮތަށް ބޭއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން،" ރަޒާން ވިދާޅުވިއެވެ.

މީގެ ކުރިން އެ ސަރަހައްދަށް ބަދަލުވި ރައްޔިތުން އުކާލާ ކުނި ނެގުމަށް، 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެފްޑީސީން މި މަހުގެ ފުރަތަމަ ހަފުތާގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

އެފްޑީސީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން މެއި މަހު އަދި ޖޫން މަހު އެކަނިވެސް 4.95 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. އެފްޑީސީން ބުނިގޮތުގައި މިހާތަނަށް 5،040 ޓަނުގެ ކުނި އެ ސަރަހައްދުން ވަނީ ނަގައިފައެވެ.