ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ބާރު އަޅުއްވަނީ، ގާނޫނު ހަދާ ބާރުގެ މިނިވަންކަން ކަށަވަރު ކުރެއްވުމަށް ކަމަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މަހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މަމްދޫހު މިހެން ވިދާޅުވީ، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ "ގަޓްސް" ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މަޖިލިސް މެންބަރުންނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ގާނޫނު އަސާސީއަށް 18 އަހަރު ފުރުމުން ފާހަގަކުރައްވައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިހާރު އޮތް މަޖިލިސް މެންބަރުންނަކީ، ހިތްވަރެއް ނެތް މެންބަރުންތަކެއް ކަމަށެވެ. އެ މެންބަރުންގެ ތަޅުދަނޑި އޮންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ބާރުގަދަ ތަނަކީ މަޖިލިސްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެތަން އެންމެ ބާރުގަދަ ތަނަށް ވަނީ ގާނޫނު ހެދުމުގެ އިތުރުން ހުރިހާ ހައްގުތަކެއް ހިމާޔަތްކުރުމުގެ ހަގީގީ މެންޑޭޓު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާތީ ކަމަށެވެ.

ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން މަމްދޫހު ވިދާޅުވީ، ފައްޔާޒަށް ތި ހުރެވެނީ، އޮޅުމެއްގައި ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހާ ތަފާތުކޮށް، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މިހާރުގެ މަޖިލީހަކީ، ގައުމީ ވިސްނުމުގައި ހިނގާ މިނިވަން މަޖިލީހެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒަކީ އެމްޑީޕީގެ ވެރިކަމުގައި ފައްޔާޒާއެކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތްބާނާހެން، މަޖިލީހުގެ ކަންކަމަށް އަތްބާނާނެ އަދި އެ ކަންކަމުގެ ތެރެއަށް ވެދެވަޑައިގަންނަވާނެ ވެރިއެއް ނޫންކަމަށް މަޖިލީހުގެ ސާފު މެޖޯރިޓީ ހެކިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެފަދަ ކަމަކަށް އެމަނިކުފާނު ބާރުވެސް ނާޅުއްވާނެ. އަބަދުވެސް ބާރު އަޅުއްވާނީ، ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަން ކަށަވަރު ކުރެއްވުމަށް،"