ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރީ އޮންނަ ހުސް ތަންތަން ތަރައްގީކުރަން ނިންމާފައިވަނީ ހިޔާ ފްލެޓްތައް ކައިރީ ތަރައްގީކޮށްފައިވާ ގޮތަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
"މަދިރިން ރައްކާ" ތީމްގެ ދަށުން ކޮމިއުނިޓީ އިވެންޓެއްގެ ގޮތުގައި ފަހި ފްލެޓްތައް ކައިރީ އަޅާފައިވާ ކުނިތައް އެޗްޑީސީ އާއި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހުޅުމާލެ ފުލުހުންނާއި އެ ސަރަހައްދުގެ ބައެއް ރައްޔިތުން ނުކުމެ ވަނީ ސާފުކޮށްފައެވެ.
އެ ހަރަކާތް ފައްޓަވައިދެއްވުމަށްފަހު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެޗްޑީސީން ހުޅުމާލެ ތަރައްގީއަށް ގެންނަ ބަދަލުތަކުން އެ ސަރަހައްދެއްގައި ދިރިއުޅޭ އެންމެންގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ފަރާތްތަކަށް ވެސް ހިތްފަސޭހަ ތަނަކަށް ހެދުމަށް ތަރައްގީގެ ގިނަ ކަންކަން ރާވައި ނިިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން މިހާރު ހިޔާ ސަރަހައްދުގައި ކުނި ޖަމާކޮށްފައި އޮތްތަން ސާފުކޮށް ނިމުމުން، އެތަނުގައި ޕާކުތަކެއް ގާއިމް ކުރުމަށް އެފްޑީސީއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
"ކޮމިއުނިޓީ ތެރޭގައި ހުންނަ ހުސް ތަންތަނަކީ ޕާކުތަކާއި ރައްޔިތުންނަށް އެންމެ ރަނގަޅު މާހައުލެއް ގާއިމް ކުރުމަށް ނިންމާފައިވާ ތަންތަން. މިއަދު ކުނިއަޅާފައިވާ މާހައުލުގައި ވެސް، ޕާކެއް ގެނައުމަށްޓަކައި ކަނޑައަލާފައިވާ ތަންތަން. އެހެންވީމަ މިތަންތަނުގައި މަސައްކަތް ފަށާނަން. ރައްޔިތުންނަށް ދޭންޖެހޭ މާހައުލު ފޯރުކޮށްދިނުމަށްޓަކައި، ހޮޅުއަށިތަކާއި ކުޑަކުދިން ކުޅޭނެ ތަންތަނާއި ޖޯލިފަތިތަކާ،" ޒުހައިރު ވިދާޅުވިއެވެ.
އެ ސަރަހައްދުވެސް ތަރައްގީ ކުރަން ނިންމާފައި ވަނީ މިހާރު ހުޅުމާލެ ފޭސް ދޭއްގެ ކޮމިއުނިޓީ މާހައުލަތައް ތަރައްގީކޮށްފައިވާ ފެންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިތަންތަނުގައި ދިރިއުޅޭ އެންމެން، ކޮމިއުނިޓީގެ ހުރިހާ އެންމެން އައިސް އެކުވެލައިގެން، ހިޔާގެ ފްލެޓްތަކުގެ އޭރިޔާތަކުގައިވެސް ހުރިގޮތަށް ހަމަ މިދިމާލުގައި ވެސް، އެ ޕާކުތައް ހެދިގެން ދާނެ، އެކަން ވަރަށް އަވަސް މުސްތަގުބަލެއްގައި ފަށައިގެން ކުރިޔަށްގެންދާނަން،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު ވިދާޅުވިއެވެ.
މުޅި ހުލުމާލެ އަކީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ސާފު މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށް ކޮމިނިޓީތަކުގައި ދިރިއުޅޭ އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް