ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ.

އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ސިއްހީ މައްސަލަތަކަކަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

މިދިޔަ ޖޫން މަހު އޮތް ވޯލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް ކުޅެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ބަދަލުގައި މެސީގެ މޫނުމަތިން ފެނުނީ ހިތާމަވެރިކަމެވެ. އެ މެޗަށްފަހު މެސީ ބުނީ އޭނާއަށް ރޮވުނީ ފުޓުބޯޅައާ ގުޅުންހުރި ކަމަކާ ހެދި ނޫން ކަމަށެވެ.

"އަހަންނަށް ރޮވުނީ ކީއްވެ؟ އޭގެ އެއްވެސް ގުޅުމެއް ފުޓުބޯޅައަކާ ނެތް. އަހަރެން މި ހޭދަކުރީ އުނދަގޫ ދުވަސްތަކެއް،" މެސީ ބުނެފައިވެއެވެ. މެސީގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ މެދުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އަދި އެއީ އޭނާގެ ބައްޕަގެ ސިއްހީ ހާލަތާ ގުޅިގެން ދެއްކި ވާހަކަތަކެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރި އިރު، އެކަމާ ގުޅޭގޮތުން ފުށުއަރާ އެކި ވާހަކަތައް ދިޔައީ ފެތުރެމުންނެވެ.

އެ ވާހަކަތަކާ ގުޅިގެން މެސީގެ އާއިލާއިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޯޖް މެސީއަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ހޯދަމުންދާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ފެތުރެމުންދާ ރިޕޯޓުތަކާއި އަޑުތަކަށް ބަލާއިރު، އާއިލާގެ މުޅިން އަމިއްލަ ކަމަކާ މެދު ބައެއް މީހުން އަމަލުކޮށްފައިވާ އިހުތިރާމްކަން ކުޑަ ގޮތާމެދު އާއިލާއިން ފުންކޮށް ކަންބޮޑުވުން ފާޅުކުރަން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ފަހުން، މިދިޔަ މަހުގެ ފަހުކޮޅު އޮތް މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އޯލް ސްޓާ ގޭމްގައި މެސީ ކުޅެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭނާ އެ މެޗުގައި ނުކުޅުނީ ބައްޕަގެ ގާތަށް ޒިޔާރަތްކުރުމަށެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ އެމްއެލްއެސްގެ މެޗަކަށް އެނބުރި އައިސްފައެވެ.