ދުނިޔޭގެ ފުޓްބޯޅައިގައި ޔޫރަޕަށްފަހު ދެން އެންމެ ވަރުގަދަ ސަރަހައްދަކީ ދެކުނު އެމެރިކާއެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުގެ ނަމަކީ ކޮންމެބޮލްއެވެ. ޔޫރަޕުގެ ކޮންފެޑެރޭޝަން ކަމަށްވާ ޔުއޭފާއަށްފަހު ދެން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ކޮންފެޑެރޭޝަނަކީވެސް ކޮންމެބޮލްއެވެ. މި ކޮންފެޑެރޭޝަނުގައި ހިމެނެނީ ޖުމްލަ ދިހަ ގައުމެވެ. ދިހަ ފުޓްބޯޅަ އެސޯސިއޭޝަނެވެ. ކޮންމެބޮލް ގައި ހިމެނެނީ ދިހަ ގައުމުކަމަށްވިޔަސް ދެކުނު އެމެރިކާ ބައްރުގައި އޮތީ އެންމެ ދިހަ ގައުމެއް ނޫނެވެ. ޖުމްލަ ބާރަ ގައުމު އެބައޮތެވެ. އެކަމަކު އޭގެތެރެއިން ދެ ގައުމެއް ކޮންމެބޮލްގައި ނުހިމެނެއެވެ. އެއީ ސުރިނަމާއި ގަޔާނާއެވެ. އެ ދެގައުމު ބައިވެރިވެފައިވަނީ އުތުރު އަދި މެދުތެރޭ އެމެރިކާގެ ކޮންފެޑެރޭޝަން ކަމަށްވާ ކޮންކަކަފްގައެވެ. ކޮންމެބޮލްގައި ހިމެނޭ ދިހަ ގައުމުގެ ތެރެއިން ހަތަރު ގައުމެއް ނުވަތަ ފަސް ގައުމެއް ކޮންމެ ވޯލްޑްކަޕަކުންވެސް ފެނެއެވެ.
ކޮންމެބޮލްގެ ދިހަ ގައުމުގެ ތެރެއިން މިހާތަނަށް ވޯލްޑްކަޕަށް ދުވަހަކުވެސް ކޮލިފައިނުވަނީ އެންމެ ގައުމެކެވެ. އެއީ ވެނެޒުއެލާއެވެ. ވެނެޒުއެލާއަކީ ދެކުނު އެމެރިކާ ބައްރުގައި ފަސްވަނަޔަށް އެންމެ ބޮޑު އާބާދީއެވެ. އެކަމަކު ވޯލްޑްކަޕަކަށް ކޮލިފައިނުވެއެވެ. ކޮންމެފަހަރަކުވެސް ކޮލިފައިންގައި ކުޅެއެވެ. ވަރަށް ވާންވެސް ކުރެއެވެ. އެކަމަކު ކޮލިފައިވާ ވަރެއް ނުވެއެވެ. އޭގެ ސިއްރެއްވެސް އޮވެއެވެ. ދެކުނު އެމެެރިކާގެ އެހެން ހުރިހާ ގައުމެއްގައި އެއްވަނަ ކުޅިވަރަކީ ފުޓްބޯޅައެވެ. މަގުބޫލްކަމުގެ ގޮތުން ފުޓްބޯޅަޔާ ވާދަކުރެވޭ އެހެން ކުޅިވަރެއް ނުވެސް އޮވެއެވެ. އެކަމަކު ވެނެޒުއެލާ ތަފާތެވެ. ވެނެޒުއެލާގައި އެންމެ މަގުބޫލު ކުޅިވަރަކީ ބޭސްބޯޅައެވެ. ގައުމީ ކުޅިވަރަކީވެސް އެއީއެވެ. ދެކުނު އެމެރިކާގެ ދިހަ ގައުމުގެ ތެރެއިން ހަތަރު ގައުމެއް ނުވަތަ ފަސް ގައުމެއް ކޮންމެ ވޯލްޑްކަޕަކުންވެސް ފެނިގެންދާއިރު ބައެއް ގައުމުތަކުގައި ގިނައީ ކަޅުނަސްލުގެ ކުޅުންތެރިންނެވެ.
ޚާއްސަކޮށް ބްރެޒިލްއާއި ކޮލަމްބިއާ އަދި އިކުއެޑޯރުގައި ކަޅުނަސްލުގެ ތަރިން ގިނައެވެ. އެކަމަކު އާޖެންޓީނާއާއި ޕެރަގުއޭ އަދި ޗިލީގެ ޓީމުތަކުން ކަޅުނަސްލުގެ ކުޅުންތެރިން ފެނުން މަދެވެ. މީގެތެރެއިން އާޖެންޓީނާއަކީ ހަމަ ކޮންމެ ވޯލްޑްކަޕަކުންވެސް ފެންނަ ޓީމަކަށްވެފައި ދިވެހިން 1986 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕުގެ މެޗުތައް ބަލަމުން އަންނައިރު ކަޅުނަސްލުގެ ހަމަ އެންމެ ކުޅުންތެރިއަކުވެސް އެޓީމުން ނުފެންނާތީ އެއީ ކީއްވެގެންތޯ ވަރަށް ގިނަބަޔަކު ސުވާލު ކުރެއެވެ. ސަބަބު ގުޅިފައިވަނީ ގައުމުގެ އާބާދީއާއެވެ. އާޖެންޓީނާއަކީ ދެކުނު އެމެރިކާގެ ތިންވަނަޔަށް އެންމެ ބޮޑު އާބާދީއެވެ. ގާތްގަނޑަކަށް 47 މިލިޔަނެވެ. އޭގެތެރޭގައި ކަޅުނަސްލުގެ މީހުންގެ ނިސްބަތް އެންމެ ޕަސަންޓަކަށްވުރެވެސް ކުޑައެވެ. އާޖެންޓީނާގައި ދިރިއުޅޭ ކަޅުނަސްލުގެ މީހުންގެ ތެރެއިންވެސް ޕްރޮފެޝަނަލް ގިންތީގައި ހިމެނިގެން ފުޓްބޯޅަ ކުޅޭ މީހުން ވަރަށް މަދެވެ. އެހެންވީމާ އާޖެންޓީނާ ޓީމުން ކަޅުނަސްލުގެ ކުޅުންތެރިން ނުފެންނަނީއެވެ.
އާޖެންޓީނާގެ މުޅި ފުޓްބޯޅަ ތާރީޚަށް ބަލާއިރުވެސް ސީނިއަރ ގައުމީ ޓީމަށް މިހާތަނަށް ކުޅެފައިވަނީ ކަޅުނަސްލުގެ އެންމެ ތިން ކުޅުންތެރިންނެވެ. ފުރަތަމަ ކުޅުންތެރިޔަކީ އެންގޯލާއިން ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވާ އަލެހަންދުރޯ ސަންތޯޝްއެވެ. އާޖެންޓީނާގެ ސީނިއަރ ޓީމަށް އޭނާ ކުޅެފައިވަނީ 1922 ވަނަ އަހަރުން 1925 އަށެވެ. ދެވަނަ ކުޅުންތެރިޔަކީ ހޯސޭ ރާމޯސް ޑެލްގާޑޯއެވެ. އެއީ ވަރަށްވެސް މަޝްހޫރު ޑިފެންޑަރެކެވެ. އޭނާވަނީ 1958 ވަނަ އަހަރާއި 1962 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާއަށް ކުޅެފައެވެ. އާޖެންޓީނާގެ ކެޕްޓަންކަންވެސް ކުރިއެވެ. ހޯސޭ ރާމޯސް ޑެލްގާޑޯގެ އާއިލާއަކީ ކޭޕް ވާރޑުން ހިޖުރަކުރި އާއިލާއެކެވެ. ކެރިއަރުގެ ފަހުކޮޅު ބްރެޒިލްގެ ލެޖެންޑް ޕެލޭއާއެކު ޑެލްގާޑޯ ވަނީ ބްރެޒިލްގެ ސަންތޯޝް ކުލަބަށްވެސް ކުޅެފައެވެ. ތިންވަނަ އަދި އެންމެފަހު ކުޅުންތެރިޔަކީ ހެކްޓަރ ބެލޭއެވެ. އޭނާއަކީ ގޯލްކީޕަރެކެވެ.
ހެކްޓަރ ބެލޭވަނީ 1978 ގެ ވޯލްޑްކަޕާއި 1982 ގެ ވޯލްޑްކަޕުގައި އާޖެންޓީނާގެ ސްކޮޑުގައި ހިމެނިފައެވެ. އެކަމަކު ދެފަހަރުވެސް ބަދަލު ކީޕަރެެއްގެ ގޮތުގައެވެ. އާޖެންޓީނާގެ ގޯލް ބަލަހައްޓަން އޭނާ ކުޅެން ނުކުތީ 1976 ވަނަ އަހަރުން ފެށިގެން 1982 ވަނަ އަހަރާ ދެމެދު އެންމެ ތޭރަ މެޗުގައެވެ. ކޮންމެއަކަަސް 1982 ގައި ހެކްޓަރ ބެލޭ ކުޅުން ހުއްޓާލިފަހުން އާޖެންޓީނާގެ ސީނިއަރ ޓީމަށް ކަޅުނަސްލުގެ ކުޅުންތެރިއަކު ސެލެކްޓް ކުރެވިފައެއް ނުވެއެވެ. އެގޮތުން އާޖެންޓީނާގެ ޖޯޒީގައި 1986 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަޅު ނަސްލުގެ ކުޅުންތެރިޔަކު ނުފެންނަނީއެވެ. އުންމީދު ކުރެވޭ ގޮތުން މި އިންތިޒާރު އަދި ހަތަރު އަހަރު ފަހުން ނިމުމަކަށް އަތުވެދާނެއެވެ. ދެން އެންމެ އަވަހަށް ބޭއްވޭ ވޯލްޑްކަޕަކީ 2030 ގެ ވޯލްޑްކަޕް ކަމަށްވާއިރު އެ މުބާރާތުގައި އާޖެންޓީނާ ޓީމުން ކަޅު ނަސްލުގެ ކުޅުންތެރިއަކު ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މި އުންމީދު ގުޅިފައިވަނީ މިހާރު ސަތާރަ އަހަރުވީ ސްޓީވެން ކިކި ރާމޯސްއާއެވެ. އޭނާއަކީ އާޖެންޓީނާގެ ކުލަބެއްކަމަށްވާ ވެލެޒް ސާސްފީލްޑްގެ ޔޫތު ޓީމުގެ ކުޅުންތެރިއެކެވެ. ދާދިފަހުން އާޖެންޓީނާގެ ސަތާރަ އަހަރުން ދަށުގެ ޓީމަށް އޭނާ ވަނީ ސެލެކްޓްކޮށްފައެވެ. މެޗުތަކެއްވެސް ވަނީ ކުޅެފައެވެ. ކިކި ރާމޯސް އުފަންވީ ހެއިޓީގައެވެ. އެތަނަށް 2010 ވަނަ އަހަރު އައި ބިންހެލުމުގައި ހާލުގައި ޖެހުނު އާއިލާއަކަށް އުފަން ކުއްޖެކެވެ. އެހާދިސާއަށްފަހު އާޖެންޓީނާގެ ދެމަފިރިޔަކު އޭނާ އެޑަޕްޓްކޮށްގެން އާޖެންޓީނާއަށް ގެންދިޔައިރު އުމުރަކީ އެންމެ ނުވަ މަހެވެ. ކިކި ރާމޯސްއަކީ ވިންގަރެކެވެ. ދުވެލި ބާރުވެފައި ޑްރިބްލިންގައި ދެވަނައެއް ނެތެވެ. ގިނަބަޔަކު އޭނާ ސިފަކުރަނީ ބްރެޒިލްގެ ވިނީ ޖޫނިއަރގެ ކޮޕީއެއްގެ ގޮތުގައެވެ. މިކަންކަން މިހެންހުރީމާ 2030 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާ ޓީމުން އޭނާ ފެނިދާނެ ކަމަށް ގަބޫލު ކުރެވެނީއެވެ. ހުނަރުވެރިކަމުންނެވެ. މޮޅުކަމުންނެވެ. އެހިސާބަށްދާއިރު އޭނާގެ އުމުރުވެސް އެކާވީހަށް އަރާނެއެވެ.
އިމާދު ލަތީފު
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ އަކީ ކަޓާފަ ތިބި ބައެއްނު ޖެހޭނީ އަލުން ފަށަން
އިބްރާހީމް ނާސިރު މުހަންމ - 1 ދުވަސް ކުރިން