ދިފާއީ އެއް އަޑަނަޔަކުން ހިމާޔަތް ހޯދުމުގެ މުހިންމު އެއްބަސްވުމެއްގައި ސައޫދީ އަރަބިޔާއާއި ތުރުކީވިލާތް އަދި ޕާކިސްތާނުން މިހާރު އެވަނީ ސޮއިކޮށްފައެވެ. އިސްލާމީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި މުހިންމު ގައުމުތަކުގެ ތެރޭގައި ހިމެނޭ މި ތިންގައުމު ދިފާއީގޮތުން އެއް ވައުފަށަކުން ގުޅާލައި އެއް އައްޑަނަޔަކުން ހިމާޔަތް ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކުރީ އިސްލާމުންގެ އެންމެ މުގައްދަސް ސިޓީކަމަށްވާ މައްކާގައެވެ. އޮގަސްޓް ހަތެއްވީ ހުކުރުދުވަހު މި ލިޔުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނާއި ސައޫދީ އަރަބިޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ސޮއިކުރެެއްވީ މައްކާގެ އައްސަފާ ގަނޑުވަރުގައެވެ. ގަސްރު އައްސަފާ ނުވަތަ ސަފާގަނޑުވަރަކީ ސަފާ ފަރުބަދަޔާއި ގާތުގައި 1981 ވަނަ އަހަރު ސައޫދީގެ އޭރުގެ ރަސްގެފާނު ޚާލިދު ބިން އަބްދުލްއަޒީޒު ބިނާކުރެއްވި ޝާހީ ގަޑުވަރެކެވެ. މައްކާގައި ހުންނަ ޝާހި ގަނޑުވަރުގެ ގޮތުގައެވެ.
މައްކާގެ ހަރަމްފުޅާ ޖެހިގެން ހުންނަ ތަނެއްގައި ހުކުރުދުވަހުގެ ރޭގަނޑު އިޝާނަމާދަށްފަހު މި މުއާހަދާ ވުޖޫދުކުރުމަކީ މައުނަވީގޮތުން ވަރަށްވެސް މުހިންމު ގިނަ މެސެޖުތަކެއް ލިބިގެންދާ ކަމެކެވެ. މިޒާތުގެ މުއާހަދާއެއް ވުޖޫދުކޮށް އިސްލާމީ އައްޑަނައެއްގެ ސިފަ މިގެނައީ މެދުއިރުމަތީގެ މަސްރަހު ވަރަށް ނާމާންވެފައިވާ ދަނޑިވަޅެއްގައެވެ. ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ތިންގައުމަކީވެސް އީރާނުގެ އަވައްޓެރިންނެވެ. އެކަމަކު އީރާނާ ޚިލާފަށް ސުންނީ މެޖޯރިޓީ ގައުމުތަކެވެ. މި އެއްބަސްވުމުގެ އަސާސަކީ މި ތިންގައުމުންކުރެ ގައުމަކާ ދެކޮޅަށް އެއްވެސް ބަޔަކު އަސްކަރީ އެއްވެސް ހަރަކާތެއް ހިންގުމަކީ އަނެއް ދެގައުމާވެސް ދެކޮޅަށް ހިންގާ ހަރަކާތެއް ނުވަތަ އުދުވާނެއް ކަމަށް މާނަކުރުމެވެ. މި މާއްދާ މިގޮތަށް އޮތުމުން މި މުއާހަދާއަށް ވަރަށް ބޮޑު ބުރަދަނެއް ލިބެއެވެ. ކޮންމެ ގައުމަކުންވެސް މި އިއްތިހާދަށް ގެެނެސްދޭ ބަރުދަނާއި ބާރު ވަރަށްވެސް ބޮޑެވެ.
ސައޫދީ އަރަބިޔާއަކީ ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ބިޔަ ގައުމެވެ. އެންމެ ބޮޑު އާބާދީއެވެ. އެންމެ ބޮޑު އިގްތިސާދެވެ. ގަލްފުގެ އެންމެހައި އަރަބި ގައުމުތަކުގެ ލީޑަރަކީވެސް ސައޫދީ އަރަބިޔާއެވެ. ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮނެރޭ ގައުމަކީވެސް އެއީއެވެ. އެހެންވީމާ މި އިއްތިހާދަށް އިގްތިސާދީ ކެރިފޯރުންތެރިކަމާއި ހަކަތަ އެގައުމުން އެބަގެނެސްދެއެވެ. ވަރަށްވެސް ބޮޑަށެވެ. ޕާކިސްތާނަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އަސްކަރިއްޔާއެވެ. އަދަދުގެ ގޮތުންނާއި ތަޖުރިބާޔާއި ތަމްރީނުގެ ގޮތުންނެވެ. އިސްލާމީ ދުނިޔޭގައި ނިއުކުލިއަރ ހަތިޔާރު ލިބިގެންވާ ހަމައެކަނި ގައުމަކީވެސް ޕާކިސްތާނެވެ. އެހެންވީމާ މި އިއްތިހާދަށް އަސްކަރީ ބަރުދަނާއި ނިއުކުލިއަރ ހަތިޔާރުގެ ކަށަވަރުކަން ޕާކިސްތާނުގެ ސަބަބުން ލިބިގެން އެބަދެއެވެ. ތުރުކީވިލާތަކީ ކުރީއްސުރެ ނޭޓޯގެ މެންބަރު ގައުމެކެވެ. އެމެރިކާއަށްފަހު ނޭޓޯގެ އެންމެ ބިޔަ އަސްކަރިއްޔާއެއް އޮތީވެސް ތުރުކީވިލާތުގައެވެ.
ދުނިޔޭގައި މިހާރު އެންމެ ޒަމާނީ އަދި އެންމެ އިތުބާރު އަސްކަރީ ސިނާއަތެއް އޮތީވެސް ތުރުކީވިލާތުގައެވެ. ޚާއްސަކޮށް އަސްކަރީ ޑްރޯން އުފެއްދުމާއި ކުރުރާސްތާގެ މިސައިލް އުފެއްދުމުގައި ތުރުކީވިލާތާ ވާދަކުރެވޭ ގައުމުތައް ވަރަށްވެސް މަދެވެ. އެހެންވީމާ ތުރުކީވިލާތުގެ ސަބަބުން މި އިއްތިހާދަށް ސިނާއީ ބާރުވެރިކަމާއި އަސްކަރީ ޓެކްނޮލޮޖީގެ އިތުބާރު ލިބިގެންދެއެވެ. މިތިން ގައުމު އެއް ވައުފަށަކުން ގުޅާލައި އެއް އައްޑަނައެއްގެ ނިވަލަށް ވަނުމުގެ މާނަޔަކީ އިގްތިސާދީ ގޮތުންނާއި އަސްކަރީގޮތުން އަދި ޖިއޮޕޮލިޓިކަލް ކެރިކުޅަދާނަކަމުގެ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިއްތިހާދު ކަމަށްވުމެވެ. ވެގެންދިއުމެވެ. ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން މި މުއާހަދާގެ އެންމެ ވަރުގަދަ ނުގުތާއަކީ މި ތިން ގައުމުގެ ތެރެއިން ގައުމަކާ ދެކޮޅަށް އެހެން އެއްވެސް ބަޔަކު ހަމަލައެއް ދީފިނަމަ އެއީ އަނެއް ދެގައުމާވެސް ދެކޮޅަށް ހިންގި އުދުވާނެއް ކަމަށް ބަލައިގެން ތިން ގައުމު ގުޅިގެން އެއްވާނެއްގަައި އެ ހަމަލައަކަށް ރައްދުދިނުމާބެހޭ މާއްދާއެވެ.
މި މާއްދާގެ އިތުރު ތަފްސީލެއް ބޭނުންވާނަމަ ބުނެވެންއޮތީ މިހެންނެވެ. އިންޑިޔާއިން އިސްވެ ޕާކިސްތާނަށް ހަމަލައެއް ދީފިނަމަ ތުރުކީވިލާތާއި ސައޫދީ އަރަބިޔާއިން އިންޑިޔާއާ ދެކޮޅަށް ތެދުވާނެއެވެ. ތުރުކީވިލާތަށް އިޒްރޭލުގެ އުދުވާނެއް އަމާޒުވެއްޖެނަމަ ޕާކިސްތާނާއި ސައޫދީ އަރަބިޔާއިން ވަގުތުން ތެދުވާނެއެވެ. ހަމައެބީދައިން ސައޫދީ އަރަބިޔާއަށް އީރާނުގެ ހަމަލައެއް އަމާޒުވެއްޖެނަމަ އީރާނާ ދެކޮޅަށް ތުރުކީވިލާތާއި ޕާކިސްތާނު ތެދުވުންވެސް ލާޒިމުވާނެއެވެ. އެކަންކަން އެއޮތީ ވަރަށް ސާފުކޮށެވެ. މިދެންނެވި ކަހަލަ ހަމަލާތަކެއް ނާންނަހާ ހިނދަކު މި އިއްތިހާދު އޮންނާނީ ހަރަކާތެއްނެތިފައި ހިމޭނުން ބާވަައެވެ. ނޫނެކެވެ. ހަނގުރާމައިގެ ހާލަތެއް އޮތަސް ނެތަސް ދިފާއީގޮތުން ގުޅިގެން މަސައްކަތް ކުރުމާއި ޓެކްނޮލޮޖީ ބަދަލުކުރުމާއި ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންދިއުމާއި ޖާސޫސީ މައުލޫމާތު ބަދަލު ކުރުންފަދަ ކަންކަން އަބަދުވެސް ކުރިއަށް ގެންދާނެއެވެ. އެވާހަކަ ވާހަކަވެސް މުއާހަދާގައި ބަޔާންވެގެންވެއެވެ.
ސައޫދީއަރަބިޔާއާއި ތުރުކީވިލާތާއި ޕާކިސްތާނު ދިފާއީގޮތުން އެކަތިގަނޑަކަށް ވުމުގެ މުއާހަދާގެ ނަމަކީ މައްކާ މުއާހަދާ އެވެ. އޭގައި ސޮއިކޮށް އަސްކަރީ އިއްތިހާދެއް ވުޖޫދުކުރި ދަނޑިވަޅަކީ ކުރީގައިވެސް އިޝާރާތް ކުރެވުނު ފަދައިން މެދުއިރުމައްޗާއި މުޅިދުނިޔެއަށް ވަރަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެފައިވާ ދަނޑިވަޅެކެވެ. އެމެރިކާ އީރާނުގެ ހަނގުރާމައިގެ ސަބަބުންނެވެ. އެމެރިކާގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުންނެވެ. ސައޫދީ އަރަބިޔާއަކީ މިހާތަނަށް ދިފާއީ ކަންކަމުގައި ހަމައެކަނި އެމެރިކާއަށް ބަރޯސާ ކުރަމުންއައި ގައުމެކެވެ. އެކަން ދެން އެހެން ނޯންނާނެކަން ކަށަވަރުވެގެން ހިނގާއްޖެއެވެ. ނޭޓޯގެ ދިފާއީ ކުޑައިގެ ދަށުން ލިބިދާނޭ ހިމާޔަތަކަށް އެކަނި ބަރޯސާކޮށްގެން އޮތުން ތުރުކީވިލާތުން ދޫކޮށްލައިފިކަންވެސް އެއޮތީ ހާމަވެފަައެވެ. ހިތަށްއެރީމާ ހިތަށްއެރި ވަގުތެެއްގައި ޕާކިސްތާނަށް ހަމަލަދީ ޕާކިސްތާނަށް ފެން ލިބޭ މަގުތައްވެސް ބަންދުކުރުމަކީ އިންޑިޔާއަށް ލިބިގެންވާ ހައްގެއްކަމަށް އިންޑިޔާއިން ބަލާބެލުންވެސް މައްކާ މުއާހަދާގެ ސަބަބުން ބަދަލުވާނެއެވެ. ނުވަތަ ބަދަލުވާން ވާނެއެވެ.
އިމާދު ލަތީފު
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް