ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކު، ބަލިމީހަކަށް ޖިންސީ ގޯނާކުރި ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
ޑޮކްޓަރަށް ދައްކަންދިޔަ މީހަކަށް ޑޮކްޓަރު ޖިންސީ ގޯނާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވާހަކަތަކާ ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން، އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް، ކޮންމެ މައްސަލައަކީ ވެސް އެ ހޮސްޕިޓަލުން ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި، ހާއްސަ އިސްކަމެއްދީގެން ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން އަމަލުކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަންކަމުގައި ދަންނަވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.
"ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބައެއް ވާހަކަތަކަކީ މި ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކުރަމެވެ. ހުޅުމާލެ ހޮސްޕިޓަލަކީ ބަލިމީހުންނަށް ދެވޭ ފަރުވާއާއި ސިއްހީ ހިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާއެކެވެ..،" ހުޅުމާލޭ ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ބަަލިމީހުން ބަލައި ފަރުވާދިނުމުގައި، ބަލިމީހުންގެ ކަރާމަތާއި އަމިއްލަ މިނިވަންކަމަށް އިހުތިރާމުކުރުމާއި ބަލިމީހާގެ ރުހުން ހޯދުމުގެ އިތުރުން، ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާ އެއްގޮތަށް އެންމެހާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުން އަމަލުކުރުމަށް އެ ހޮސްޕިޓަލުން އަބަދުވެސް ބާރު އަޅާ ކަމަށެވެ.
ދައުލަތުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާއަކަށްވުމުން، ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ، ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ ހޮސްޕިޓަލުގެ ފަރާތުން ކަށަވަރުކުރާނެ ކަމެއް ކަމަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.
"ހޮސްޕިޓަލާއި ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތް ބެލުމެއްނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިން އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބި، ސިއްހީ ހިދުމަތްތަކަށް އޮންނަ އިތުބާރު ގެއްލިގެންދިއުމަކީ މި ހޮސްޕިޓަލުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެގެންދިޔަ ނުދިނުމަށް، ކަށަވަރުނުވާ ހަގީގަތާ ހިލާފު މައުލޫމާތުތައް ނުފެތުރުމަށް މިފަދަ ކަންކަން ކުރަމުންދާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ..،" ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ބަޔާނުގައި އިތުރަށް ބުނީ އެ ހޮސްޕިޓަލުގެ ހިދުމަތްތަކާއި މުވައްޒަފުންނާ ދޭތެރޭ ރައްޔިތުން ބަހައްޓާ އިތުބާރަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި ރައްކާތެރި، އަހުލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ، ބަލިމީހުންނަށް އިސްކަންދޭ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލާއި ހޮސްޕިޓަލުގެ އެންމެހާ މުވައްޒަފުން ވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ކޮމެންޓް