ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ހޯދުމަށް ބާސެލޯނާއިން ކުރި ފުރަތަމަ ބިޑަށް މެންޗެސްޓާ ސިޓީން ނޫނެކޭ ބުނެފިއެވެ.

ރޮޑްރީ، 30، ވޯލްޑް ކަޕްގައި ވިދާލި އިރު، ސްޕެއިނުން ތަށި ހޯދުމަށް ކުރި ދަތުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އޭނާއެވެ. މިދިޔަ ސީޒަނުގެ ބޮޑު ބައެއް އަނިޔާއެއްގައި ހޭދަކުރުމަށްފަހުވެސް ރޮޑްރީ ވަނީ ސްޕެއިނަށް މޮޅަށް ކުޅެ، މުބާރާތުގެ ރަން ބޯޅަވެސް ހޯދައިފައެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އެ އެއްބަސްވުން އާކުރުމަށް އޭނާގެ ވިސްނުމެއް ނެތް ކަމަށް ނޫސްތައް ބުނެއެވެ. ސިޓީ ދޫކޮށްލަން ރޮޑްރީ ބޭނުންވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ސިޓީން އޭނާ ވިއްކާލަން ބޭނުންވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެހެން ނަމަވެސް، ސިޓީން ރޮޑްރީއަށް ބޭނުންވާ އަގަކީ 60 މިލިއަން ޕައުންޑް ކަމަށްވެސް ސްޕެއިން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ރެއާލް މެޑްރިޑުންވެސް ރޮޑްރީ ހޯދުމަށް މަސައްކަތްތަކެއް ކޮށް، އެ ޓްރާންސްފާ ފުރިހަމަ ކުރުމާ ގާތަށް ޖެހިލި ނަމަވެސް، މިހާރު ރޮޑްރީ ދިޔުން ގާތީ ބާސެލޯނާއަށް ކަމަށް ހަބަރުތައް ބުނެއެވެ. ބާސާއިން ރޮޑްރީ ހޯދަން ފުރަތަމަ ކުރި ބިޑަކީ 38.5 މިލިއަން ޕައުންޑްގެ ބިޑެކެވެ. އެ ބިޑަށް ސިޓީން ނޫނެކޭ ބުނެފައިވާކަން ބީބީސީންވެސް ވަނީ ޔަގީން ކޮށްދީފައެވެ.

ބީބީސީން ބުނެފައި ވަނީ ރޮޑްރީއާއެކު ރެއާލުން ކުރަމުންދާ މަޝްވަރާތައް މިހާރު ނިންމާލާފައިވާ ކަމަށެވެ. އެކަން ރޮޑްރީގެ އެޖެންޓް ކަޑޭނާ ސާވެސް ވަނީ ޔަގީން ކޮށްދީފައެވެ.