"ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރަށް ހުޅުވާލައި، "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް އިފްތިތާހުކޮށްފިއެވެ.

މިއީ ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީ އަދި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރެވެ. އަދި މިނިސްޓްރީގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ނަފާ ލޯން ސްކީމްވެސް އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް، ނަފާ ސްކީމް ވަނީ ތައާރަފުކޮށްފައެވެ. މި ދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ، ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމްތަކެކެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ "ދަނޑުވެރި މަންފާ" ސްކީމް އަމާޒުކުރެވެނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށް ކަމަށާއި ގްރާންޓްގެ ފުރަތަމަ ބުރު ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާއެކު ކަމަށެވެ.

ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުވެސް މި ހުޅުވާލެވުނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށް ކަމަށާއި މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމުކޮށްގެން ދަނޑުވެރިކަންކުރުމަށް ދޭ ފުރުސަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ގްރާންޓް ސްކީމްގެ މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ޕްރޮޖެކްޓްގެ ރަށްތަކުގައި މީގެ ކުރިން ވަނީ ކުރިއަށް ގެންދެވިފައިވެއެވެ. ދަނޑުވެރި މަންފާ ގްރާންޓް ސްކީމަކީ އެސްއެމްއީ ޑިޖިޓަލް އާއެކު ކުރިއަށްދާ ސްކީމެއް ކަމުން ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލުންނެވެ.

"ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗާ، ޓެރަސް ނުވަތަ ވާޓިކަލް ގާޑަނިން، ޕޯލްޓްރީ އެންޑް ސްމޯލް ލައިވް ފާމިން، އެގްރޯ ޕްރޮސެސިން އެންޑް ވެލިއު އެޑިޝަން، އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގްރިގަލްޗާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ މެންޑޭޓާ އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސާވިސް، ޕެޓް ފާމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ދޫކުރެވިގެންދާނެ ކަމަށެވެ.

މި ދެ ފައިނޭންސިންގެ މަގުސަދަކީ ރާއްޖޭގެ ދަނޑުވެރިންނަށް އެ ފަރާތްތަކުގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް މަގުފަހިކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުކުރުމެވެ.