ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން، އިންޑިއާއާ ދެކޮޅަށް އޮކްޓޯބަރު މަހު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައި، އެކަން ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، އެމެޗަކީ މިވަގުތު ކުޅެން ޖެހޭ މެޗެއް ނޫން ކަމަށާއި، އެމެޗުން ވާނެ ފައިދާއަކީ ކޮބައިތޯ ސުވާލު ކުރެވޭ ކަމަށް ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިއާ ބުނެފިއެވެ.
އިންޑިއާއާ ދެކޮޅަށް ބްރެޒިލުން ކުޅޭ އެކުވެރިކަމުގެ މެޗު އަންނަ އޮކްޓޯބަރު މަހު ތިންވަނަ ދުވަހު ކަލްކަތާގައި އޮންނާނީ ވިވެކަންޑާ ޔޫވާ ބަރާތީ ކްރިރަންގަންގައެވެ. އެއީ ބްރެޒިލްގެ ހާއްސަ އޭޝިއާ ޓުއާގައި ހިމެނޭ މެޗެކެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލުން އޭޝިއާއަށް ކުރާ ދަތުރުގައި ފުރަތަމަ ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެއީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ. އަދި އިންޑިއާއަށް ބްރެޒިލް ޓީމު ދާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ.
ދުނިޔޭ ރޭންކިންގް 138 ވަނައިގައި މިވަގުތު އޮތް އިންޑިއާއިން ވަރުގަދަ ބްރެޒިލާ ދެކޮޅަށް ނުކުންނަން ތައްޔާރުވާ އިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް ފީފާ ރޭންކިން ގަދަ ފަހެއްގައި ހިމެނޭ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. ބްރެޒިލް މިވަގުތު އޮތީ ފީފާ ރޭންކިންގެ ފަސްވަނައިގައެވެ.
އެ މެޗު ދިމާވަނީ ފީފާއިން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވެފައިވާ ފީފާ އާސިއާން ކަޕް ތެރެއަށެވެ. އިންޑޮނޭޝިއާގައި އޮންނަ އާސިއާން ކަޕް އަންނަ މަހު 21 އިން އޮކްޓޯބަރު ހަ ވަނަ ދުވަހަށް އެގައުމުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެ މުބާރާތުގައި ވާދަކުރަން އިންޑިއާ ވަނީ ނިންމައިފައެވެ.
"ބްރެޒިލާ ދެކޮޅަށް މެޗު ކުޅެން މިއީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން. އެއީ ފީފާ އާސިއާން ކަޕްވެސް އޮތް ތާރީހު. އެ މުބާރާތަށާއި ބްރެޒިލްގެ މެޗަށް ގައުމީ ޓީމު އެކުލެވިގެންދާނެ ގޮތެއް މިހާރު ނޭނގެ،" ބުޓިއާ ބުންޏެވެ.
އިންޑިއާއިން އާސިއާން ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރާ ވާދަކުރަން ޖެހޭ އިރު، މުބާރާތުގައި ކުރިއަށްދާނީ ގްރޫޕް އެއްވަނަ އެކަންޏެވެ. ބުޓިއާ ބުނީ ކޮލިފިކޭޝަން އެހާ އުނދަގޫކޮށް އޮއްވާ، ބްރެޒިލް ކަހަލަ ގައުމަކާ މެޗެއް ކުޅެން ފޯކަސް ކޮށްގެންވާނެ ފައިދާއެއް ނެތް ކަމަށެވެ.
"އަހަރެންގެ ހިތަށް އަރަނީ ކީއްކުރަންބާއޭ ބްރެޒިލާ އެ ދުވަސްކޮޅު މެޗެއް މި ކުޅެނީ. އަދި އެއީ އިންޑިއާ ފުޓުބޯޅައަށް ކޮން ފައިދާއެއް ކުރާނެ ކަމެއްތޯއޭ. ހަގީގަތުގައި ކުރާނެ ފައިދާއެއް ނެތް،" ބުޓިއާ ބުންޏެވެ.
އިންޑިއާގެ ފުޓުބޯޅަ މިވަގުތު އަނެއްކާވެސް އުނދަގޫ ހާލަތެއްގައި އޮތް އިރު، ދާދިފަހުން ޖަމްޝެދްޕޫރް އެފްސީ ވަނީ ލީގުން ވަކިވެ، ކްލަބު ހުއްޓާލަން ނިންމައިފައެވެ. އެކަމުގައި ބުޓިއާގެ އިތުރުން ނިކިލް ޕޫޖަރީވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ބުޓިއާ ބުނީ ޕީއާރަށް ކުރާ މަސައްކަތް ކުޑަކޮށް، ގައުމީ ލީގާއި ޔޫތު ޑެވަލޮޕްމެންޓް ރަނގަޅުކޮށް އިހުލާސްތެރި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ފުޓުބޯޅައިގެ އަސްލު ހާލަތު ފޮރުވަން ހައި ޕްރޮފައިލް މެޗެއް ކުޅުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް