ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނޭޕާލްގެ ފުޓުބޯޅަ އިދާރާ، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ސަސްޕެންޑް ކޮށްފައިވުމާއެކު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުން ފުރުސަތު ގެއްލުމާ ގާތުގައި އޮތް އިރު، އެ ގައުމުގެ ކުރީގެ އަދި މިހާރުގެ ކުޅުންތެރިންވެސް އެކަމުގެ ހައްލަކަށް ސަރުކާރަށް ގޮވާލައިފިއެވެ.
ފީފާއިން އަންފާ ސަސްޕެންޑް ކުރަން ނިންމާފައި ވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒު އެ އިދާރާއަށް ވަދެފައިވާތީ ކަމަށް އަންފާގެ ޖެނެރަލް ސެކްރެޓަީ ކިރަން ރާއީ ވަނީ ވިދާޅުވެފައެވެ.
ނޭޕާލްގެ ފުޓުބޯޅަ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްޕޯޓްސް ކައުންސިލާއި އަންފާއާ ދެމެދު މައްސަލަތައް ގޯސްވެފައިވާ އިރު، އެ މައްސަލަ ގޯސްވީ އަންފާގެ އިންތިހާބުގެ މައްސަލައިގައެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފީފާއިން އަންފާ ސަސްޕެންޑްކޮށްފައިވާ އިރު، ފީފާއިން އަންގާފައިވަނީ ސަސްޕެންޑްކޮށްފައިވާ މިމުއްދަތުގެ ތެރޭގައި، ނޭޕާލްގެ ގައުމީ ޓީމާއި އެއްވެސް ކްލަބަކަށް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. މިސަސްޕެންޝަނުގެ މުއްދަތުގެ ތެރޭގައި، ފީފާއާއި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ފަރާތުން ނޭޕާލްގެ ފުޓްބޯޅައަށް ލިބެމުން އަންނަ އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަންވެސް ފީފާއިން ނޭޕާލަށް ވަނީ އަންގައިފައެވެ.
ފީފާގެ އެންގުންތަކާ އެއްގޮތަށް އަންފާ ހިންގަން ފުރުސަތު ލިބި، ހުރި މައްސަލަތަކަށް ހައްލެއް އައިސްފިނަަމަ ސަސްޕެންޝަން އުވާލާނެކަން ފީފާއިން ވަނީ އަންގައިފައެވެ.
މައްސަލަތަކުގެ ތެރެއިން ސްޕޯޓްސް ކައުންސިލުން އަންފާއާ ގުޅުންހުރި 24 އޮފިޝަލަކު އެގައުމު ދޫކޮށް ފުރުން މަނާކޮށްފައިވެސް ވެއެވެ.
ނޭޕާލްގެ ލީގުވެސް 2023 ވަނަ އަހަރު ޖޫން މަހަށްފަހު ރަނގަޅަށް ކުރިއަށް ގެންދެވިފައިނުވާ އިރު، މިފަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ގުރުވެސް ނަގާފައި ވަނީ އެގައުމު ނުލައެވެ. އެހެން ނަމަވެސް ސާފުން ބުނީ އަންނަ މަހު 30 ގެ ކުރިން ނޭޕާލްގެ ސަސްޕެންޝަން އުވާލައިފިނަމަ ސާފް ޗެމްޕިއަންޝިޕުން ފުރުސަތު ދޭނެ ކަމަށެވެ.
ނޭޕާލުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މުބާރާތެއްގައިވެސް ކުޅެމުން އަންނަ އިރު، ފުރަތަމަ ފަހަރަށް މުބާރާތް ގެއްލިދާނެތީ ކުރީގެ ކުޅުންތެރިންވެސް ވަނީ ސަރުކާރަށް މައްސަލަ ހައްލުކުރަން ހޮވާލައިފައެވެ.
"އިއްޒަތްތެރި ޕްރައިމް މިނިސްޓަރަށް ގޮވާލަން. އެތައް ހާސް ފުޓުބޯޅަ ކުޅުންތެރިންނެއްގެ މުސްތަގުބަލު މިވަނީ ބަނަވެފައި. އެކަންކަމަށް ހައްލު ހޯދައިދޭން އެދެން. އަދި އެކަމަށް ހައްލު ނުހޯދިއްޖެނަމަ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުން ފުރުސަތު ގެއްލި ނޭޕާލްގެ ފުޓުބޯޅަ އަލުން އިޔާދަނުކުރެވޭ ވަރު ވެދާނެ،" އަންފާގެ ޓެކްނިކަލް ޑިރެކްޓަރު ހާރީ ހަދްކާ ބުނެފައިވެއެވެ.
ގައުމީ ޓީމަށް ގިނަ ގޯލްތަކެއް ޖަހައިދީފައިވާ ހަދްކާ ބުނީ އެތައް އަހަރެއް ވާންދެން ކުޅުންތެރިން ދެކެމުން އައި ހުވަފެންތަކެއް ފެއިލްވިޔަ ނުދޭން، ސަރުކާރުން އިސްވެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރަން ޖެހޭ ކަމަށެވެ. ނޭޕާލްގެ ކުޅުންތެރިންނަށް ދަނޑު މައްޗަށް ނުކުމެ، ކުޅެން ރަނގަޅު މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް ހަދްކާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް