ނިއުކާސަލްގެ ކެޕްޓަންކަން ކުރެމުންދިޔަ ބްރެޒިލްގެ ބްރޫނޯ ގިމަރޭސް، އާސެނަލަށް ބަދަލުވުމަކީ ކްލަބުން ބޭނުންވި ގޮތެއް ނޫން ކަމަށް ނިއުކާސަލްގެ ޓެކްނިކަލް ޑިރެކްޓަރު ރޮސް ވިލްސަން ބުނެފިއެވެ.

އާސެނަލުން ގިމަރޭސްގެ ސޮއި ހޯދައި، އެކަން ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، ދެ ކްލަބުން އެއްބަސްވީ 77 މިލިއަން ޕައުންޑަގް އަގަކަށެވެ. އާސެނަލާއި ނިއުކާސަލް އަގަކަށް އެއްްބަސްވުމުގެ ކުރިން ގިމަރޭސް ވަނީ އާސެނަލަށް ދާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފައެވެ. ފުރަތަމަ ގިމަރޭސް ހޯދަން އާސެނަލުން ކުރި 55 މިލިއަން ޕައުންޑްގެ ބިޑަކާއި 70 މިލިއަން ޕައުންޑްގެ ބިޑަކަށް ނިއުކާސަލްއިން ނޫނެކޭ ބުނެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

"އަހަރެމެން ބޭނުން ވެގެނެއް ނޫން ބްރޫނޯ ވިއްކާލީ. އެއީ ޕްލޭންގައިވެސް އޮތް ކަމެއް ނޫން. ވެރިންވެސް އަދި އަހަރެންވެސް ބޭނުންވި ކަމެއް ނޫން. އެއީ އަހަރެމެންގެ ކެޕްޓަން. މުހިއްމު ކުޅުންތެރިއެއް. ދެން އޮތީ އަގު، އެއީ އެ އުމުރުގެ ކުޅުންތެރިޔަކަށް ރެކޯޑު އަގެއް،" ވިލްސަން ބުންޏެވެ.

ވިލްސަން ބުނީ ބްރޫނޯ ކްލަބާ ދޭތެރޭ ކަންތައް ކުރީ އިހުތިރާމާއެކުގައި ކަމަށާއި، އޭނާ ކްލަބު ދޫކޮށްލީ ރީތިކޮށް ބުނެފައި ކަމަށެވެ.

ނިއުކާސަލްގައި މިވަގުތު އުނދަގޫ ހާލަތެއް އޮތް އިރު، އެ ޓީމުގެ ކޯޗުކަމުގައި ހުރި އެޑީ ހޯވް ވަނީ މަގާމު ދޫކޮށްލައިފައެވެ. ނިއުކާސަލްއިން ވަނީ މިހާތަނަށް ސާންޑްރޯ ޓޮނާލީއާއި އެންތަނީ ގޯޑަންވެސް ވިއްކާލައިފިއެވެ.

އުމުރުން 28 އަހަރުގެ ގިމަރޭސް، ބްރެޒިލާއެކު ވޯލްޑް ކަޕްގައިވެސް މޮޅަށް ކުޅެފައިވާ އިރު، އޭނާ އާސެނަލަށް ބަދަލުވާން އެންމެ ބޮޑަށް ބޭނުންވާ ސަބަބެއް ކަމަށް ހަބަރުތައް ބުނީ ޗެމްޕިއަންސް ލީގުގައި ކުޅުމަށެވެ. ނިއުކާސަލް އަންނަ ސީޒަނުގައި ޔޫރަޕް ފުޓުބޯޯޅައެއް ނުކުޅޭނެއެވެ. އެއީ 12 ވަނައިގައި ނިންމާލުމުންނެވެ.