އެމެރިކާއިން އަމަލުތައް އިސްލާހުކުރަންދެން ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދްރު ވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނަކާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި، ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އެމެރިކާއިން ފުރިހަމަކުރަންޖެހޭ ގިނަ ޝަރުތުތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އުވާލުމާއި މެދުއިރުމަތީގެ ސަރަހައްދުން އެމެރިކާގެ އަސްކަރީ ފައުޖުތައް ބޭލުން ހިމެނެއެވެ.

މީގެ އިތުރުން، ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމާއި ހަމަނުޖެހުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް އީރާނުން ވަނީ ޑިމާންޑްކޮށްފައެވެ. އަދި އެކި ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ އާއި މުދާ އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް ވެސް ޒުލްގަދްރު ވަނީ ގޮވާލައްވާފައެވެ.

މި ޝަރުތުތައް ހާމަކުރައްވަމުން ޒުލްގަދްރު ވިދާޅުވީ، “އެމެރިކާއިން އޭގެ އަމަލުތައް އިސްލާހުކުރަންދެން ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި” ކަމަށެވެ. އަދި ހަނގުރާމައިގެ ހާލަތުގައި ވިޔަސް އަދި މަޝްވަރާގެ މޭޒުމަތީގައި ވިޔަސް، މި ޑިމާންޑްތައް ދޫކޮށްލުމަށް ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެއްބަސްނުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހުރަސްކުރާ މުހިންމު މަގެކެވެ. މި ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

އޮމާން މެދުވެރިވެގެން ވަގުތީ ގޮތުން ބޯޓުފަހަރަށް ދަތުރުކުރެވޭނެ މަގެއް ހުޅުވާލުމާ ގުޅޭގޮތުން އީރާނުން މަޝްވަރާކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމަޔަށް އާދެވުނު ނަމަވެސް، ކަނޑުއޮޅި އެއްކޮށް ހުޅުވާލާނީ އެމެރިކާއިން އީރާނުގެ ޝަރުތުތައް ފުރިހަމަކުރުމުންނެވެ.