އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް މަޝްވަރާކުރަން ތާއީދުކުރާ ކަމަށާއި ނަމަވެސް އަމާންދޭން މަޖުބޫރު ނުކުރެވޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ޕެޒެޝްކިއަން މިހެން ވިދާޅުވީ، ހުކުރު ދުވަހު އޭނާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އޭނާ ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާ އެކު މަޝްވަރާކޮށް، ފަހުމުނާމާއެއްގައި ސޮއިކުރުމަށް އީރާނުގެ ސަރުކާރުން ނިންމި ނިންމުމުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.

ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، އީރާނުން ހަނގުރާމަ ފަށާފައި ނުވާނެ ކަމަށެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމީ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށާއި ބޭނުންތެރިކަމެއް ނެތް ކުރިމަތިލުންތަކުން ސަލާމަތްވުމަށް ކަމަށެވެ.

މަޝްވަރާތަކަށް އެއްބަސްވުމަށް އީރާނުގެ އިސްވެރިންނަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގުކުރެއްވިއެވެ. ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، ބޮޑެތި ނިންމުންތައް ނިންމާފައި ވަނީ ގައުމުގެ އިސްވެރިންގެ ރުހުމާއެކު، އެ ފަރާތްތަކާ ގުޅިގެންނެވެ.

އެމެރިކާއިން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާހާ ހިނދަކު އީރާނުން ވެސް އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށާއި އެމެރިކާއިން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އެއްބަސްވުމުގައި ދެމިއޮތުމުގެ އެއްވެސް ވާޖިބެއް އީރާނުގެ މައްޗަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ އަދި ދިފާއީ ބާރުވެރިކަން ދޫކޮށްލުމަށް ކުރާ އެއްވެސް ޑިމާންޑެއް ގަބޫލު ނުކުރާނެ ކަމަށް ވެސް ޕެޒެޝްކިއަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އީރާނުގެ ދުޝްމަނުން މަސައްކަތް ކުރަނީ އެ ގައުމުގެ ދިފާއީ ބާރު ނައްތާލައި، ގައްޒާއަށް ދިމާވެފައިވާ ފަދަ ހާލަތަކަށް އީރާން ވައްޓާލުމަށެވެ.

އެމެރިކާއާ އެކު ވެފައިވާ ފަހުމުނާމާއާ ގުޅިގެން އީރާނުގެ އިސްވެރިންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓުތަކާ ގުޅިގެން، މަގާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޕެޒެޝްކިއަން ވަނީ ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެއެވެ.

މިދިޔަ ޖޫން މަހު ސޮއިކުރި މި ފަހުމުނާމާގެ ދަށުން، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށްޓަކައި 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ ގޭޝްމް ރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ދެ ގޮވުމެއް ގޮވާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އީރާނުގެ ނޫހެއް ކަމަށްވާ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުންތައް ގޮވާފައި ވަނީ އީރާނުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކަކާ ގުޅިގެންނެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ ރަސްމީ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.