ސައުދީ އަރަބިއްޔާ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުމުގައި މިސްރުން ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތުރުކީގެ ހާރިޖީ ވަޒީރު ހާކަން ފިދާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާ، އަނާދޮލޫ އޭޖެންސީގެ "އެޑިޓާސް ޑެސްކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިދާން ވިދާޅުވި ގޮތުގައި، "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ފުޅާކުރުމަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ތަސައްވުރެކެވެ. މި މަހުގެ 7 ވަނަ ދުވަހު މައްކާގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި، ތުރުކީގެ ރައީސް އުރުދުގާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރެއްވި މި އެއްބަސްވުން ހަމައެކަނި ތިން ގައުމަށް ހާއްސަކުރުމުގެ ބަދަލުގައި، އިތުރު ގައުމުތައް މި ކުޑައިގެ ދަށަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަކީ ނޭޓޯގެ އާޓިކަލް 5 އާ އެއްގޮތަށް، އެއް ގައުމަށް ދޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލައިގެން އަމަލު ކުރާނެ ދިފާއީ އެއްބަސްވުމެއް ކަމަށް ފިދާން ވިދާޅުވިއެވެ. ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މަޝްވަރާތަކަށްފަހު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ނޭޓޯއާ އެއްގޮތަށް ވަޒީރުންގެ ކޮމިޓީއަކާއި ސިޔާސީ އަދި އަސްކަރީ ކޮމިޓީތައް އެކުލަވާލާނެއެވެ. އަދި މި އިއްތިހާދުގެ މައި އިދާރާ ގާއިމުކުރާނީ ސައުދީ އަރަބިއްޔާގައެވެ.

މިއީ ވަކި ގައުމަކަށް ނުވަތަ ވަކި ނުރައްކަލަކަށް އަމާޒުކޮށްގެން އެކުލަވާލި އެއްބަސްވުމެއް ނޫން ކަމަށާއި މިއީ ހަމައެކަނި ދިފާއީ މަގުސަދެއްގައި ގާއިމުކުރި ގުޅުމެއް ކަމަށް ފިދާން ވިދާޅުވިއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ގުޅިފައިވާ އަސްކަރީ ތަމްރީނުތަކާއި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ފިދާން ވިދާޅުވި ގޮތުގައި، އަސްކަރީ އިއްތިހާދުތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައިދިނުމަށް މިފަދަ ތަމްރީނުތަކަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.