ކަންނަޑާގެ މަޝްހޫރު އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު “ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް”ގެ ޓްރެއިލާ ރަސްމީކޮށް އާންމުކޮށްފިއެވެ. މި ޓްރެއިލާ ނެރެފައިވަނީ އޮގަސްޓު 8 ވަނަ ދުވަހުގެ ރޭ ބެންގަލޫރުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

ކޭވީއެން ޕްރޮޑަކްޝަންސްއާއި ޔަޝްގެ މޮންސްޓާ މައިންޑް ކްރިއޭޝަންސް ގުޅިގެން އުފައްދާ މި ފިލްމުގެ ޓްރެއިލާއިން ފެންނަނީ އެކްޝަން ގިނަ މަންޒަރުތަކެކެވެ. ގީތޫ މޯހަންދާސް ޑައިރެކްޓުކުރާ މި ފިލްމުގައި ޔަޝްގެ އިތުރުން ކިއާރާ އަދުވާނީ، ނަޔަންތާރާ، ހުމާ ގުރޭޝީ، ތާރާ ސުތާރިއާ އަދި ރުކްމިނީ ވަސަންތު މުހިންމު ރޯލުތަކުން ފެނިގެންދާނެ ކަން ޓްރެއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގައި ޔަޝް އަދާކުރަނީ “ރާޔާ” އަދި “ޓިކެޓް”ގެ ނަމުން ނަންދީފައިވާ ދެ ރޯލެކެވެ.

މި ފިލްމާ ގުޅޭގޮތުން ޔަޝް ބުނި ގޮތުގައި މިއީ އާދައިގެ އެކްޝަން ފިލްމެއް ނޫނެވެ. “ޓޮކްސިކްގައި ފުން ނަފުސާނީ ކަންތައްތަކެއް އެކުލެވިގެންވޭ. އަދި އިންސާނީ ހަޔާތުގެ ޝައުގުވެރި ކަންތައްތަކެއް ފެނިގެންދާނެ. މި ފިލްމުން ފެންނާނީ އަނދިރި ކެރެކްޓާއެއް ހުށަހަޅައިދޭ ތަފާތު ގޮތެއް،” ޔަޝް ބުންޏެވެ.

މީގެ ކުރިން މާޗު މަހު އަދި ޖޫން މަހު ނެރެން ތާވަލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ފަސްކުރުމަށްފަހު، މިހާރު މި ފިލްމު ސިނަމާތަކަށް ނެރުމަށް ރަސްމީކޮށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓު 26 ގައެވެ. މިއީ 2022 ވަނަ އަހަރު ނުކުތް “ކޭޖީއެފް: ޗެޕްޓާ 2” އަށްފަހު ޔަޝް ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.