ވޯނާ ބްރަދާސްއިން 'ގޭމް އޮފް ތްރޯންސް' ގެ ފުރަތަމަ ފީޗާ ފިލްމު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން ރަސްމީކޮށް ކަށަވަރުވެއްޖެއެވެ. ދަ ހޮލީވުޑް ރިޕޯޓާއާއި ލޮސް އެންޖެލިސް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަޝްހޫރު ޓީވީ ސީރީޒް 'ހައުސް އޮފް ކާޑްސް' އަދި 'އެންޑޯ' ގެ ލިޔުންތެރިޔާ ބޯ ވިލިމަންއާއެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ދަ ހޮލީވުޑް ރިޕޯޓާއިން ބުނެފައިވަނީ، މިއީ 'ޑޫން' ފަދަ ބޮޑު ބަޖެޓެއްގެ ފިލްމެއްގެ ގޮތުގައި އުފައްދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. ފިލްމުގެ ވާހަކަ ބިނާކުރުމަށް ހަމަޖެހިފައިވަނީ ވެސްޓެރޯސް ފަތަހަކުރި ޓާގޭރިއަން ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު އޭގަން އައްވަލްގެ މައްޗަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ޖޯޖް އާރް.އާރް މާޓިންގެ 'އަ ސޯންގް އޮފް އައިސް އެންޑް ފަޔާ' ފޮތްތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފުރަތަމަ ސިނަމެޓިކް ފިލްމެވެ.

މި އަހަރުގެ ޖެނުއަރީ މަހު ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ޖޯޖް އާރް.އާރް މާޓިން ވަނީ އެޗްބީއޯއާއި ވޯނާ ބްރަދާސް ގުޅިގެން އޭގަންގެ ފަތަހައިގެ ވާހަކަ ކިޔައިދޭ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމުގެ އިޝާރާތެއް ކޮށްފައެވެ. އަދި މާޗު މަހުގެ ތެރޭގައި ޕޭޖް ސިކްސް އިން ވަނީ ވިލިމަން މި ފިލްމުގެ ފުރަތަމަ ޑްރާފްޓް ލިޔެ ނިންމާފައިވާކަން ރިޕޯޓުކޮށްފައެވެ.

ކުރިން 2013 ވަނަ އަހަރު ގޭމް އޮފް ތްރޯންސްގެ ޝޯރަނަރުން ކަމަށްވާ ޑޭވިޑް ބެނިއޮފް އަދި ޑީ.ބީ ވައިސް ވަނީ ސީރީޒް ނިންމާލުމުގެ ގޮތުން ތިން ފިލްމެއް އުފެއްދުމަށް ހުށަހަޅައިފައެވެ. ނަމަވެސް އޭރު އެޗްބީއޯއިން ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށް، ޓީވީ ސީރީޒްއެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމާފައެވެ. މިހާރު އިއުލާންކޮށްފައިވާ ފިލްމު ރިލީޒްކުރާނެ ތާރީހެއް ވޯނާ ބްރަދާސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.