ބޮލީވުޑްގެ އެކްޓަރު ރާޖްޕާލް ޔާދަވް ނަގާފައިވާ 16.61 ކްރޯޑު ރުޕީސްގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ދެ ގޯއްޗެއް ނީލަން ކިޔަން ސެންޓްރަލް ބޭންކް އޮފް އިންޑިއާއިން ނިންމައިފިއެވެ.

އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުއްތަރު ޕްރަދޭޝްގެ ޝާހްޖަހާންޕޫރުގައި ހުންނަ މި ދެ ގޯތި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންލައިންކޮށެވެ. މި ދެ ގޯތީގެ އަގު 3.19 ކްރޯޑު ރުޕީސްއަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާޖްޕާލް މި ލޯނު ނެގީ އޭނާ ޑައިރެކްޓުކުރި ފުރަތަމަ ފިލްމު ކަމަށްވާ “އަތާ ޕަތާ ލާޕަތާ” އުފެއްދުމަށެވެ. ނަމަވެސް ފިލްމަށް އާމްދަނީ ނުލިބި، ލޯނު ދެއްކޭ ގޮތް ވަނީ ނުވެފައެވެ. މި ލޯނަށް ގެރެންޓީ ދީފައިވަނީ އޭނާގެ އަންހެނުން ރާދާ ޔާދަވް އަދި މަންމަ ގޯދާވަރީ ޔާދަވްގެ ނަމުގައި ހުރި މުދަލުންނެވެ.

މި މައްސަލައާ ގުޅިގެން ރާޖްޕާލް އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ބޭބެ ޝްރީޕާލް ޔާދަވް އިންޑިއާގެ ދައިނިކް ބާސްކަރް ނޫހަށް ބުނި ގޮތުގައި، ލޯނު ދެއްކުމާ ގުޅޭ ގޮތުން ބޭންކާއެކު މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި މައްސަލަ އަވަހަށް ހައްލުކުރެވޭނެ ކަމަށާއި، ގޯތި ނީލަން ކިޔަން ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.