ހުޅުމާލެ ފޭސްދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރިއަށް އެއްކޮށްފައިވާ ކުނީގެ ބަރުދަނުގައި 670 ޓަނު ހުރި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީ އާއި އެފްޑީސީ އާއި ހުޅުމާލެ ފުލުހުން ގުޅިގެން ފަހި ފްލެޓްތައް ކައިރިއަށް އެއްކޮށްފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ކުރިޔަށް ގެންގޮސްފައެވެ.

'މަދިރިން ރައްކާ'ގެ ނަމުގައި ކުރިޔަށްގެންދިޔަ އެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފަހި ފްލެޓްތައް ކައިރިޔަށް އެއްކޮށްފައިވާ ކުނީގެ ބަރުދަނުގައި 670 ޓަނު ހުރި ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ ގާތްގަނޑަކަށް 450-500 ކާރުގެ ބަރުދަން ކަމަށާއި އެޗްޑީސީގެ ޓީމުތަކުން މިއަދު ވެސް ހުލުމާލޭ ސާފު ކުރުމުގެ ކަންކަން ކުރިޔަށްގެންދާނެ ކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން ފަހި ފްލެޓްތައް ކައިރިއަށް ކުނި އަޅާ މީހުން ވީޑިއޯ ފުޓޭޖުތަކުން ފާހަގަކޮށް، ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ދީފައެވެ.

އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން އިއްޔެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފަހި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް އެ ސަރަހައްދަށް ކުނި އަޅާ މީހުން ފާހަގަކޮށް އެފަރާތްތައް އެފްޑީސީއަށާއި އެޗްޑީސީއަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.

"ރިޕޯޓްކުރުމުން އެކަމަށް ސަމާލުވެ، ފިޔަވަޅު އަޅަމުންދާނަން. އޭގެ އިތުރުން މިތަން ސާފުކޮށް ނިމުމުން ސަރަހައްދު ތަރައްގީކޮށް ގާ އެޅުމާއި ރައްޔިތުން ބޭނުންވާ ގޮތަށް ގްރީން ސްޕޭސްވެސް ތަރައްގީ ކުރާނަން،" ރަޒާން ވިދާޅުވިއެވެ.

އެކަންކަން ފުރިހަމަ ކުރެވޭނީ ފަހި ފްލެޓްތަކުުގައި ދިރިއުޅޭ ރައްޔިތުން ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެއްބާރުލުން ދީގެން ކަމަށާއި އަދި ގަވައިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް އެ ކުންފުންޏަށް އެންގުމުން ކަމަށް އޭނާ ވިދާޅުވިއެވެ.