މިދިޔަ ބުދަ ދުވަހުގެ ރޭ ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ރޭ ބުނެފިއެވެ.

އެ ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ދިޔަ ހިއްކުމަށް ދޯނީގައި އެ ވަގުތު ހުރި ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެއްގެ އިތުރުން ދޯނީގެ ކެޕްޓަނެވެ.

އެމީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއްނެތި އަންނަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދަނީ:

  • ސާޖަންޓް އިބްރާހީމް އަހްމަދު - އެމްއެންޑީއެފް
  • ފްސާޖަންޓް އަލީ ނާފިއު - ޕޮލިސް
  • މުހައްމަދު ހަމްދޫން - ދޯނީގެ ކެޕްޓަން

އެ ތިން މީހުން ގެއްލުނު ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނަށް ބޭނުންވާ އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށާއި އަޑިއަށް ދިޔަ އުޅަނދާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭރުގެ ގައުމުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

"މީހުން ހޯދުމުގެ މަސައްކަތުގައި ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ އޮޕަރޭޝަނާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ހާދިސާގައި އަޑިއަށްދިޔަ ސަޕްލައި ދޯންޏަކީ ތ. މަޑިފުށީގެ ދޯންޏެކެވެ.

އެނގިފައިވާ ގޮތުގައި ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް، ކަނޑުގަދަވެ ރާޅު ދޯނި ތެރެޔަށް އަރަން ފެށުމުން ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން ވަނީ ސަލާމަތީ ބާރުތަކުގެ އެހީއަށް އެދިފައެވެ. އެއާއެކު، ގއ. ވިލިނގިލީގައި ތިބޭ ފުލުހުންގެ ޓީމަކާއި ގދ. ތިނަދޫން ސިފައިންގެ ޓީމެއް އެތަނަށް ގޮސް، އުޅަނދު ސަލާމަތް ކުރެވޭތޯ ބެލި އެވެ. އެ މީހުން ދިޔައީ ދިޔަ ހިއްކުމަށް ބޭނުންވާ ޕަމްޕުވެސް ހިފައިގެންނެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިންގެ ޓީމުން ގޮސް ފުރަތަމަ ސަލާމަތްކުރީ ދޯނީގައި ތިބި ފަޅުވެރީންނެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންކަންވެސް އެނގިފައިވެއެވެ. ދޯނީގެ ދިޔަ ހިއްކުމަށް ދޯނީގައި އެ ވަގުތު ދެ ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހަރަކާތްތެރިވަމުން ދިޔަކަމަށް މައުލޫމާތު ލިބެއެވެ.

"ކުއްލިއަކަށް ދޯނި އަރިއަޅާލައި އަޑިއަށް ދިޔައީ، އެއިރު ގެއްލުނު ތިން މީހުންގެ އިތުރުން އިތުރު ފުލުހަކުވެސް ދޯނީގައި ހުރި. ދޯނި އަޑިއަށްދާން އުޅުމުން އެ މީހާ މޫދަށް ފުންމައިލީ" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.