އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތައް ގަވާއިދާ ހިލާފްވެގެން ޖޫރިމަނާ ކުރުމަށްފަހު، އުޅަނދުވެސް ޓޯ ކުރާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ، އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދު ތަކާ ގުޅޭ ގަވާއިދުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ
އެގޮތުން ގަވާއިދާ ހިލާފުވުމުން، އުޅަނދުގެ ވެރިފަރާތުން ޖޫރިމަނާ ދައްކާނެ ގޮތް ގަވާއިދުގައި އޮތް އިރު، ހުރި ތަނަކުން ނަގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދު ފަހަރު 48 ގަޑިއިރަށްފަހު ނޫނީ ދޫ ނުކޮށްލާ ގޮތަށް ގަވާއިދުގައި ކަނޑައަޅާފައިވާކަން ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
މާލޭ ސަރަހައްދުގައި ޕާކް ކުރާނޭ ޖާގަތައް ހެދިފައިނުވާ އިރު، ގިނަ އަދަދެއްގެ ރައްޔިތުންނަކީ، އަދާކުރާ ވަޒީފާގެ އިތުރުން އަނބި ދަރިން ސްކޫލަށް ގެންދިއުމާއި ވަޒީފާއަށް ގެންދިއުމަށްޓަކައި އެއްގަމު އުޅަނދުގެ ބޭނުންކުރާ ބައެއް ކަމަށް ވެސް ސިޓީގައި ވެއެވެ.
އެހެންކަމުން ގަވާއިދާ ހިލާފަށް ޕާކުކުރާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން އެ ފަރާތުން ދުވަހުގެ ދުވަހުގެ މަސައްކަތުގައި ބޭނުންކުރާ އެއްގަމު އުޅަނދު ޓޯ ކުރުމަކީ އެފަދަ ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު ދައްޗެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
އެހެން ކަމުން އެކަންބޮޑުވުންތަކަށް ހައްލެއް ގެނެވޭނީ ކޮން ކަމަކުންތޯ ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އާއި ފުލުހުންގެ ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުުވުމެއް ބާއްވައި ދިނުމަަށް އެ ސިޓީގައި މެންބަރު ވަނީ އެދިފައެވެ.
އިބްރާހިމް ޒަކީ
އެއްގަމު އުޅަނދު
އެއްގަމު އުޅަނދު
އެއްގަމު އުޅަނދު
އެއްގަމު އުޅަނދު
ކޮމެންޓް