ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން މުބާރާތް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026" (ޑީއެމްޖީސީ 2026) ގެ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ރޮކެޓް ލީގު ކޮލިފަޔާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތު ކަމަށެވެ. އެގޮތުން، މި ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ އިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައި ކަމަށް ދިރާގުން ބުންޏެވެ.
މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެއެވެ.
ދިރާގުން ބުނީ ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔާތަކުން ކުރި ހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި މުބާރާތުގެ އެމްއެލްބީބީ ކޮލިފަޔާ އަދި ރޮކެޓް ލީގު ކޮލިފަޔާގައި ބައިވެރިވުމަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު މި މަހުގެ 6 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު އެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.
މި ކޮލިފަޔާގެ ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 10,000 ރުފިޔާ ކަނޑައަޅައިފައިވާ އިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 5,000 ރުފިޔާ، ރަނަރަޕް އަށް 3,000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 2,000 ރުފިޔާ ލިބިގެންދާނެއެވެ.
ރޮކެޓް ލީގު ކޮލިފަޔާގައި ޖުމްލަ ފައިސާގެ އިނާމުގެ ގޮތުގައި 5,000 ރުފިޔާ ކަނޑައަޅައިފައިވާ އިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 2,500 ރުފިޔާ، ރަނަރަޕް އަށް 1,500 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 1,000 ރުފިޔާ ލިބިގެންދާނެއެވެ.
ދިރާގުން ބުނީ ޕަބްޖީގެ ކޮލިފަޔާގެ ރެޖިސްޓްރޭޝަން ހުޅުވާލާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
ދިރާގުން ބުނީ މި ކޮލިފަޔާތަކުގައި ބައިވެރިވެ މި ވަރުގަދަ މުބާރާތުގައި ހުނަރި ދައްކާލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ގޭމް ކުޅުންތެރިއަކަށްވެސް މިހާރު ހުޅުވިގެން ގޮސްފައިވާ ކަމަށާއި ބައިވެރިވުމަށް އެއްވެސް ފީ އެއްވެސް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަލީ ޔާމިން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް