އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށްޓަކައި ހާއްސަ އޯޕަންޑޭއެއް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ހަރަކާތް ކުރިއަށް ދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ހެނދުނު 9 އިން ހަވީރު 4 އަށް ކަމަށެވެ.

މި އޯޕަންޑޭގެ މައިގަނޑު މަގްސަދަކީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެ ބޭންކުން ބުންޏެވެ.

މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިން އޮފާތައް ފޮނުވައިފައެވެ.

މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާ އެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އޮފާ ގަބޫލުކުރައްވާ ފަރާތްތަކަށް އާ އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާލެވޭނެއެވެ. ރީފައިނޭންސް ކުރަން އަންނައިރު އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި އައިޑީ ކާޑު ގެންނަން ޖެހެއެވެ.

އިސްލާމިކް ފައިނޭންސް އަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އާ ފެސިލިޓީއެއް އެކުލަވާލުމާއި ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ.

މީގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިން ހޯދުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ.

މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ފިޔަވަޅެކެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.