މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހާ ބެހޭގޮތުން ހުށަހެޅި ކަންތައްތައް ގާނޫނާއި ގާނޫނުއަސާސީއާ ހިލާފު ނޫން ކަަމަށާއި ބަދަލުދޭން ނުޖެހޭކަމަށް ނިންމައިފިއެވެ.
މި މައްސަލައަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ރައްދުވާގޮތަށް ގދ. ތިނަދޫ، ޝެރިފް، މުހައްމަދު ރުމެއިޒް ހަސަން 5 އޯގަސްޓު 2024 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ.
ޓްރައިބިއުނަލަށް މި މައްސަލަ ހުށަހެޅުމުގެ މައިގަނޑު އަސާސަކީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ފަންނީ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންނަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، ކުއްލި ހާލަތްތަކުގައި މަސައްކަތްކުރަންޖެހޭ ފަދަ ބައެއްގެ ގޮތުގައި ހިމަނާފައިވާތީއެވެ.
އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ގެޒެޓުކޮށް އެ ގަވާއިދަށް އަމަލުކުރަމުންދަނިކޮށް، ބަޖެޓުގައި ފައިސާ ނެތްކަމަށް ބުނެ އެ ގަވާއިދުގެ ދަށުން ލިބެމުންދިޔަ ބަންދު ދުވަހުގެ އިނާޔަތް ކަނޑާލާފައިވާތީ އާއި މައްސަލަ ހުށަހެޅި ފަރާތަށް މުސާރައިގެ ކުރިއެރުން ލިބިފައިނުވާތީއެވެ.
މައްސަލަ ހުށަހެޅި ފަރާތުން އެދޭގޮތް:
- މެޓް އޮފީހުގެ ފަންނީ އޮނިގަނޑުގެ ހަ ވަނަ މާއްދާގެ (ހ) އާއި (ށ) އަދި އެ މާއްދާގެ (ބ) ގެ (2) ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުކަމަށް ކަނޑައަޅައިދިނުން
- މައްސަލަ ބެލޭނެކަމަށް ކަނޑައެޅޭ މުއްދަތަކުން ފެށިގެން މަސައްކަތްކުރި ބަންދު ދުވަސްތަކާއި، ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކުގެ އިތުރުގަޑި އާއި ރަމަޟާން މަހުގެ ރަސްމީ ބަންދު ދުވަހުގެ އިނާޔަތް ލިބެންޖެހޭކަމަށް ކަނޑައަޅައިދިނުން
- ވަޒީފާއާބެހޭ ގާނޫނުގައި ކުއްލި ހާލަތުތަކުގައި މަސައްކަތް ކުރާ މީހުން ކަމަށް، މެޓް އޮފީހުގެ ފަންނީ މުވައްޒަފުންގެ ތެރެއިން ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއާބެހޭ ގާނޫނުގައި ހިމަނާފައިވަނީ ގާނޫނު އަސާސީގެ ހަމަތަކާއި އުސޫލުތަކުގެ ބޭރުން، މިނިސްޓްރީ އާއި މެޓް އޮފީހުގެ މެންޑޭޓާ ހިލާފަށްކަމަށް ކަނޑައަޅައިދިނުން
- 7 ފެބުރުއަރީ 2024 އިން ފެށިގެން މުސާރައިގެ ކުރިއެރުން ލިބިފައިނުވާތީ، ނުދީވާ މުސާރައިގެ ކުރިއެރުން ދިނުމަށް އަމުރުކޮށްދިނުން
- 7 ފެބުރުއަރީ 2024 އިން ފެށިގެން ބަންދު ދުވަހުގެ އިނާޔަތް ނުލިބި މަސައްކަތްކުރަން ޖެހުމުގެ ސަބަބުން ނަފުސާނީގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މުސާރަ އާއި އިނާޔަތަށް ޖެހޭ ނިސްބަތުގެ މިންވަރުން ހަ މަސް ދުވަހަށްވާ 114,192 ރުފިޔާ ނަގައިދިނުން
- ސިވިލް ސާވިސް ކޮމިޝަނުން ތަފާތުކުރުން ގެންގުޅެ، އިހުމާލުވުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މުސާރަ އާއި އިނާޔަތްތަކަށް ޖެހޭ ނިސްބަތުގެ މިންވަރުން 12 މަސް ދުވަހަށްވާ 22,8384 ރުފިޔާއެކު ޖުމްލަ 34,2576 ރުފިޔާ ނަގައިދިނުން
މި މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ފާހަގަކުރި ކަންތަކާއި ހެކިތަކަށް ރިއާޔަތްކޮށް، ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ، މެޓް އޮފީހުގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ގާނޫނުއަސާސީއާ ނުވަތަ އެހެންވެސް ގާނޫނަކާ ތައާރަޒުވާކަމަށް އެކަމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކު ންކަނޑަނާޅާހާ ހިނދަކު އެ ގަވާއިދުގެ މާއްދާތައް ސައްހަކަމަށް ބަލަންޖެހޭ ކަމަށެވެ.
ޓްރައިބިއުނަލުން އެ ގަވާއިދުގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް އެގޮތަށް ތަންފީޒު ކުރަންޖެހޭނެކަމަށް ފެންނާތީ، މައްސަލަ ހުށަހެޅި ފަރާތް އެދިފައިވާފަދައިން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުވުމަށްފަހު އެ ފަރާތަށް ލިބިފައިނުވާ ކަމަށް ބުނާ އެންމެހައި ފައިސާ އާއި އިތުރުގަޑީގެ ފައިސާ ނަގައިދެވިދާނެ ހަމައެއް ނެތްކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މެޓް އޮފީހުގެ ފަންނީ މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ސާބިތުކޮށްދެވިފައި ނުވާތީ، ތަފާތުކުރުން ގެންގުޅުނު ކަމަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށް ވެސް ވަނީ ނިންމައިފައެވެ.
ފެބުރުއަރީ 2024 އިން ފެށިގެން މައްސަލަ ހުށަހެޅި ފަރާތަށް މުސާރައިގެ ކުރިއެރުން ހައްގުވާކަން އަންގައިދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިވާކަން މި މައްސަލައިގެ ތެރެއިން އެނގެން ނެތަތީ، މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން މި މައްސަލަ ހުށަހެޅި ފަރާތަށް ބަންދު އިނާޔަތްދީފައި ނުވާތީ އާއ،ި މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތާ މެދު ތަފާތުކުރުން ގެންގުޅެ އިހުމާލުވެފައިވާތީ، ގެއްލުން ލިބިފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކުރި ނަމަވެސް، އެފަދައިން އެކަން ހިނގާފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނެތަތީ، ގެއްލުމުގެ ބަދަލު ނަގައިދޭނެ ހަމައެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ޓްރައިބިއުނަލުން ވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ކޮމެންޓް