އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަނުގައި އިހުތިސާސުން ވަކި ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބުރާސްފަތި ދުވަހު ހުށަހަޅައިގެން، ޕެޓިޝަން އާންމު ކުރަން ބޭނުންވާ ފަސް ބޭފުޅުންގެ ސޮޔާއެކު މިއަދު މަޖިލިސް ވެބްސައިޓުގައި ސޮއިކުރަން އާންމުކޮށް ހުޅުވާލި މި އީ ޕެޓިޝަނަށް މިހާތަނަށް 127 މީހުންގެ ސޮއި ވަނީ ލިބިފައެވެ.
ސަރުކާރުގެ ފަރާތުން ފޮނުވައިގެން ތުޅާދޫ ދާއިރާގެ އަމިއްލަ ކަމަށްބުނާ މެންބަރު އަބްދުލްހައްނާނު މާދަމާ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލާބެހޭ ގޮތުން އަމިއްލަ ފަރާތަކުން ޝާއިއުކޮށްފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ، ގާނޫނަށް އިސްލާހު ގެންނަން އެ ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ.
އެއާއެކު އެ ބިލުގައިވާ އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށްބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބިގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވާތީ، އެ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނުގެ ރޫހާ ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނިކުރާނެ އިސްލާހުތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.
ގާނޫނަށް އެ އިސްލާހުތައް ގެނައުމުގެ މައިގަނޑު ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ.
މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން، މި އިސްލާހު ގެންނަންޖެހޭ ސަބަބުތަކުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ކައުންސިލް މެންބަރުގެ ސުލޫކީ މިންގަޑު ކަނޑައަޅާފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 16 ވަނަ ބާބުގައެވެ.
އެގޮތުން ކައުންސިލް މެންބަރުން މަސައްކަތުގައި ގެންގުޅެންޖެހޭ އާންމު އުސޫލު ކަމަށް ހަތް ކަމެއް ކަނޑައަޅައި، ކައުންސިލަރުންނަކީ، އެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެ އުސޫލުތައް ނަގަހައްޓާނެ މީހުން ކަމަށް އެ ބާބުގައި މިހާރު އޮތީ ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ ހަތް ކަންތައް:
- ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށްވުން
- ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން
- ކައުންސިލްގެ ހިދުމަތް ލިބިގަންނަ މީހުންނާ މުއާމަލާތު ކުރުމުގައި އިހުލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކައުންސިލްގެ ހިދުމަތުގެ ދާއިރާގައި އަމަލުކުރެވޭ ހަމަތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން
- ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން
- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށްވުން
- ކައުންސިލްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކުރުމުގައި އިގުތިސާދުކުރުމާއެކު، އެންމެ ފައިދާހުރި ގޮތުގައި ރަސްމީ ބޭނުންތަކަށް ނުވަތަ ހުއްދަ ކުރެވިފައިވާ ބޭނުންތަކަށް އެ އެއްޗެހި ބޭނުންކުރާ ބަޔަކަށްވުން
- ކައުންސިލްގެ އިދާރާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން
ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، އެ ކަންކަމުގެ ތެރެއަށް ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން، އެ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ކައުންސިލް މެންބަރުން ކޮށްގެން ނުވާނެ ފަސް ކަމެއްވެސް އެ ބާބުގައި މިހާރު ކަނޑައަޅާފައި އޮވެއެވެ.
އެ ފަސް ކަމަކީ:
- ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކުރުމާއި އަދި އެއިން ކަމަކަށް ބުރޫއަރާފަދަ އަމަލުތަކާއި ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން
- ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން
- އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުކުރުން
- ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް އަމަލެއްކުރުން
- އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލުކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކުރުން
މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާގައިވާ ބިލުގައި، އެ ފަސް ކަމުގެ ތެރެއަށް، ސަަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލް މެންބަރުން އަމަލު ކުރުން، ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން، އިތުރުކުރަން ވަނީ ހުށަހަޅައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް