ހައްޖު ކޯޕަރޭޝަނުން ވަކިކުރި އިންޓާނަލް އޮޑިޓަރަށް ބަދަލާއެކު ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާގޮތަށް ނ. މަނަދޫ، ރީހުއްސަބާ، މުހައްމަދު ހަލީމް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

އޭނާ މި މައްސަލަ ހުށަހެޅީ، 23 ނޮވެމްބަރު 2020 އިން ފެށިގެން އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 20 ޖެނުއަރީ 2025 ގައި ވަޒީފާއިން ވަކިކުރުމުންނެވެ.

މި މައްސަލައިގައި އޭނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށްވާތީ، ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން ވަޒީފާ އިއާދަކޮށްދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ އޭނައަށް ލިބިދިނުމަށެވެ.

އޭނާ ވަޒީފާއިން ވަކިކުރުމުގައި ކޯޕަރޭޝަނުން އަމަލުކުރިގޮތުން އޭނާގެ ކުރިއެރުމަށާއި، ނަމަށް ލިބފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޓްރައިބިއުނަލަށް ފެންނަ ބަދަލެއް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު، ޓްރައިބިއުނަލުން ނިންމީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، މުހައްމަދު ހަލީމް އޭނާ އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަކުރުމަށް ކަނޑައަޅާ ކަމަށެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި ކަމަށްވާތީ އޭނާ ވަޒީފާއިން ވަކިކުރިއިރު، ނޯޓިސް މުއްދަތުގެ ގޮތުގައި އޭނާއަށް ދީފައިވާ 26،509 ރުފިޔާގެ ނިސްބަތުން، ވަޒީފާއެއް އަދާކުރަން ފެށުމާ ހަމައަށް މުހައްމަދު ހަލީމަށް 74،225 ދޭން ކަނޑައަޅައި އެ ފައިސާއިން ނޯޓިސްގެ މުއްދަތަށް ދިން 26،509 އުނިކުރުމަށްފަހު، ޖެހޭ އަދަދަކީ ހައްޖު ކޯޕަރޭޝަނުން އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގައި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަން ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ޓްރައިބިއުނަލުން ވަނީ ހައްޖު ކޯޕަރޭޝަނަށް އަންގައި އަމުރުކޮށްފައެވެ.