އޮޕަރޭޝަން ތިއޭޓަރުގައި ސާޖަރީއެއް ކުރަމުން ދިޔަ ވަގުތު، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް، މުހައްމަދު ރަފީގެ ލަވައެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ އާންމުކޮށްފިއެވެ.

އިންސްޓަގްރާމްގައި ސޯނޫ ނިގަމް ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ، 1949 ވަނަ އަހަރު ނުކުތް ފިލްމު "ދުލާރީ" ގައި މުހައްމަދު ރަފީ ކިޔާފައިވާ މަޝްހޫރު ލަވަ "ސުހާނީ ރާތު ދަލް ޗުކީ" އޭނާ ކިޔާ މަންޒަރެވެ. މި ވީޑިއޯ އާންމުކުރަމުން އޭނާ ބުނީ، މިއީ ސާޖަރީ ކުރި ޑރ. ނިލޭޝް ސަތްބާއީއާއި އޭނާގެ ޓީމަށް ހާއްސަކޮށް ކީ ލަވައެއް ކަމަށެވެ. އަދި ތަދުގައި އޮވެ ލަވަކިޔުމަކީ މިއުޒިކުން ލިބޭ އުފަލެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ސޯނޫ ނިގަމް ބުނި ގޮތުގައި، ސާޖަރީ ކުރަމުން ދިޔަ ވަގުތު ޑޮކްޓަރުން ދިޔައީ އޭނާގެ ލަވަތައް ޖަހަމުންނެވެ. އޭގެ ތެރެއިން ބައެއް ލަވަތަކުގެ އަޑު ކަނޑާލާފައި ހުރުމުން، އަމިއްލައަށް ލަވަކިޔަން ފެށުނީ ކަމަށް އޭނާ ބުންޏެވެ. އަދި އޮޕަރޭޝަން ތިއޭޓަރުގައި ލަވަކިޔަން ފެށުނީ ވަރަށް ގުދުރަތީ ގޮތަކަށް ކަމަށް އޭނާ ކިޔައިދިނެވެ.

ސޯނޫ ނިގަމް އިތުރަށް ބުނި ގޮތުގައި، އޭނާ ވަނީ ޑޮކްޓަރުންނަށް ދެތިން ލަވައެއް ކިޔައިދީފައެވެ. އަދި އެ މަންޒަރު ހަނދާނެއްގެ ގޮތުގައި ރެކޯޑުކުރުމަށް ޑޮކްޓަރުންގެ ކިބައިން އެދުނީ އޭނާ އަމިއްލައަށް ކަމަށްވެސް ބުންޏެވެ. ސޯނޫ ނިގަމް ކުރީ ކޮން ސާޖަރީއެއް ކަން އޭނާ ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ކަށީގެ މައްސަލައަކާ ގުޅިގެން އުފެދިފައިވާ "ގްރޯތް" އެއް ނެގުމަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ ކުރިން ޖޫން މަހުވެސް އޭނާ ވަނީ ނާރުގެ މައްސަލައަކަށް ފަރުވާ ހޯދަމުން އަންނަ ކަން އާންމުކޮށްފައެވެ.