މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 10 އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ބުނީ އެ ޕްރޮގްރާމަކީ ދެ ހަފުތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ބަލައި މަހު އުޖޫރަ ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެގޮތުން އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 8,000 ރުފިޔާ، ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 9,000 ރުފިޔާ އަދި މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 10,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ އެ އިންޓާންޝިޕްގެ ދަށުން އިކޮނޮމިކްސް، އައިޓީ، ފިންޓެކް، ބޭންކިން، ލީގަލް، މީޑިއާ، އަދި އެޗްއާރު ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މަސައްކަތުގެ ވަގުތަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 3:00 ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން careers.gov.mv' ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެކަމަށް އެމްއެމްއޭއިން ބުންޏެވެ. ފޯމާއެކު ސީވީ އާއި ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންޖެހޭއިރު، 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކުގައިކަމަށް އެމްއެމްއޭއިން ބުންޏެވެ.