ސާކް ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާ (ސާކް-އޭއޭ) އިން ބާއްވާ 15 ވަނަ ސަރަހައްދީ ކޮންގްރެސް މިފަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 15 އިން 16 އަށް ކުރިއަށްގެންދާ މި ބައިނަލްއަގުވާމީ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އއ. އުކުޅަހުގައެވެ.

މިއީ ހޭނައްތާ ޑޮކްޓަރުންގެ އެފަދަ ކޮންގްރެސްއެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ، އެފަދަ ބޮޑު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ސިއްހީ ދާއިރާގެ އިލްމީ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އަޝްރަފް ފާހަގަކުރެއްވި ގޮތުގައި، މި ކޮންގްރެސްގެ ތެރެއިން ސަރަހައްދުގެ ސައިންޓިފިކް މާހިރުން އެއް ތަނަކުން ބައްދަލުވެ، އެނެސްތީޒިއަލޮޖީ ނުވަތަ ހޭނައްތާ ބޭސްވެރިކަމުގެ ދާއިރާއިން ހޯދާފައިވާ އެންމެ ފަހުގެ ރިސާޗްތަކާއި އާ އުކުޅުތައް ހިއްސާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

މިއީ ރާއްޖޭގެ މި ދާއިރާގެ ކުރިއެރުމަށް ލިބޭނެ މުހިއްމު ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ ސިއްހީ މާހިރުންގެ މެދުގައި ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެގެންދާނެކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

އަދި ބައިނަލްއަގުވާމީ ފެންވަރުގެ މިފަދަ ކޮންފަރެންސްތައް އިންތިޒާމުކޮށް ބޭއްވުމުގެ ތަޖުރިބާ އާއި ގާބިލުކަން ރާއްޖެއަށް ލިބުމަކީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.