އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރުކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެމްޑީޕީއަކީ ހަމައެކަނި ނަމުން ޑިމޮކްރެޓިކް ޕާޓީއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހަމައެކަނި ނަމުން ޑިމޮކްރަޓިކް ވުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި އެމްޑީޕީން ކުރި ކަމަކީ ތަންތަން ހުޅުދާން ކުރުން ފަދަ ކަންކަން ކަމަށެވެ. އަދި އެމްޑީޕީ އަކީ ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ނިންމައި، ދެން ތިބީ ޑިމޮކްރަސީއާ ދެކޮޅު މީހުންނޭ ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދެން އަނެއްކާވެސް އަޅައިކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާ އިބްރާހީމް މުޙައްމަދު ސޯލިހަށޭ. ނޫން، އަދިވެސް އިނގޭތޯ، އަދިވެސް އެނީޓައިމް އޮފް ދަ ޑޭ, އެނީޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ. އެމްޑީޕީން ރާއްޖޭގެ ހުރިހާ މުއައްސަސާތައް، ކޮބައިތޯ މުޅި ފަނޑިޔާރުގެ ބަދަލުކޮށްލަން ކުރި މަސައްކަތް؟ ޖޭއެސްސީ ހުޅުވައިގެން ރޭގަނޑު ދަންވަރު ކުރި ކަންތައް ކޮބައިތޯ؟ އެމީހުންނަކީ ފާޅުގައި ހުރިހާ އަސާސްތަކަށް، ޑިމޮކްރަސީގެ އަސާސްތަކަށް އަރައިގަތް ބައެއް ނޫންތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމަށާއި ދިވެހިރާއްޖޭގައި އޮންނާނީ މި ގައުމަށް ފިޓުވާ ޑިމޮކްރަސީއެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީއަކީ އަބަދުވެސް ބަދަލު އަންނަން ޖެހޭ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮންމެހެން ތައުލީމު ހާސިލުކުރައްވައިގެން ތިއްބެވި ބޭފުޅުން ވާން ނުޖެހޭ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނާއި ހުރިހާ ކަމެއް ނައްތާލަންވެސް އެންމެ އައުލާކަން ބޮޑީ އިލްމު ކަމަށެވެ. އިލްމު އުނގުނިގެން ތިބޭ ބަޔަކު ތިބެންޏާ، ކޮރަޕްޝަންގެ ކަންތައްތައް ކުރަން ޖެހުލުން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.