އެޕަލް ކުންފުނިން ކުރިއަށް އޮތް ތަނުގައި ނެރެން ހަމަޖެހިފައިވާ "އެޕަލް ވޮޗް ސީރީޒް 12" އާއެކު، އެ ގަޑީގެ ސެރަމިކް ކޭސް އަލުން ތައާރަފުކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބްލޫމްބާގްގެ ނޫސްވެރިޔާ މާކް ގާމަން އޭނާގެ "ޕަވާ އޮން" ނިއުސްލެޓާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލް ވޮޗްގެ ސެރަމިކް ކޭސް މިއަހަރު ނުވަތަ އަންނަ އަހަރު އަލުން ނެރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެޕަލް ވޮޗްގައި އެންމެ ފަހުން ސެރަމިކް ކޭހެއް ބޭނުންކޮށްފައިވަނީ 2019 ވަނަ އަހަރު ނެރުނު ސީރީޒް 5 ގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ސީރީޒް 6 ނެރުނު ހިސާބުން ފެށިގެން އެޕަލްއިން ވަނީ ސެރަމިކް ކޭސް އުފެއްދުން ހުއްޓާލާފައެވެ.
މި ރިޕޯޓުތަކާ ގުޅޭގޮތުން އެޕަލް ކުންފުނިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިއަންނަ ސެޕްޓެމްބަރު މަހު އައިފޯން 18 ސީރީޒްއާއެކު އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 ނެރޭނެކަން ވަނީ ޔަގީންވެފައެވެ. ގާމަން ފާހަގަކުރި ގޮތުގައި، މި އާ ގަޑިތަކަށް ގެންނަ އެންމެ ބޮޑު ބަދަލަކަށް ވާނީ އާ ޗިޕަކާއެކު ގަޑީގެ ސްޕީޑާއި ޕާފޯމަންސް ރަނގަޅުކުރުމާއި، ސިއްހަތާ ގުޅޭ އާ ފީޗާތަކެއް ހިމެނުމެވެ.
ސެރަމިކް ކޭހަކީ އާންމުކޮށް ބޭނުންކުރާ ސްޓެއިންލެސް ސްޓީލް ކޭސްތަކަށް ވުރެ ހަތަރު ގުނަ ހަރު، އަދި ރީތި އުފެއްދުމެއް ކަމަށް އެޕަލްއިން ކުރިން ވަނީ ބުނެފައެވެ. މި މޮޑެލްތައް އަލުން ބާޒާރަށް ނެރޭނެކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެޕަލްއިން ގެންނާނެ ރަސްމީ ބަދަލުތައް އެނގޭނީ އަންނަ މަހު ބާއްވާ އެ ކުންފުނީގެ ހާއްސަ އިވެންޓުގައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް