އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އަސްކަރީ ހަމަލާތައް ދިނުން މަޑުޖައްސާލައި، އިގުތިސާދީ ފިޔަވަޅުތަކަށް ބަރޯސާވަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ އިދާރާއެއް ކަމަށްވާ "އެކްސިއޯސް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން މިހާރު އީރާނާ އެކު ކުރިއަށްގެންދަނީ ވަރަށް ކުޑަ މަޝްވަރާތަކެކެވެ. އީރާނުގެ އިންފްލޭޝަން މަތިވެ، ފައިސާ ނެތުމުން އެ ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތައް އެމެރިކާއިން ބަލަމުންދާ ކަމަށް ޓްރަމަޕް ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުންދާތީ، އަންނަ ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާގެ ރައްޔިތުންނަށް ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ މާލީ ތަކުލީފުތައް ކުޑަވެފައިވާ ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން، އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ޖޫން މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ފަހުމުނާމާގެ ދަށުން އެ ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ވަނީ ޝަރުތުތަކެއް ހުށަހަޅައިފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން ޑިމާންޑުކުރަނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށާއި، ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ.

ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭ ގޮތުން އޮމާން މެދުވެރިކޮށް އީރާނުން މަޝްވަރާކުރަމުންދިޔަ ނަމަވެސް، އެމެރިކާއިން އެ ގައުމުގެ ޝަރުތުތައް ގަބޫލު ނުކުރާހާ ހިނދަކު ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.