މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމަޔަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފި އެވެ.

މީޓްރޮލޮޖިސްޓް ހުސެއިން ވަހީދު މިއަދު "ވަން"އަށް ވިދާޅުވީ ބުރާސްފަތި ދުވަހާ ހަމަޔަށްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރާއިރު ސަލާމަތީ ކަންކަމަށް ރައްކާވެތިބެ ދަތުރުފެށުމަށެވެ.

"ވިއްސާރަކުރާނެ ހުރިހާ ހިސާބަޔަކަށްވެސް، ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށްވެސް ވާރޭ ވެހޭނެ. މިއަދު އަދި ވައިގަދައެއްނޫން، ނަމަވެސް ލަފާކުރެވޭ، މިއަދާއި މާދަޔާ އަނެއް ދުވަހާ ތަންކޮޅެއް ވައިގަދަކޮށް ކަނޑުތައްވެސް ގަދަކޮށް އުޅެނީ." މީޓްރޮލޮޖިސްޓް ހުސެއިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވެސް ކަނޑުތައް އަދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. ރާޅުގެ އުސްމިނުގައި ފަސްފޫޓު ހުންނާނެއެވެ.

ވިލާގަނޑުގައި 40 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އާންމުގޮތެއްގައި 8 މޭލާއި 18 މޭލާ ދެމެދަށް ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށެވެ.

"ކަނޑުތައް އަދާއިގެ ވަރަކަށް ދަގަކޮށް އުޅެފައި ވިލާގަނޑުގައި ގަދަވާނެ. މޫސުން އިތުރަށް ގޯސްވަމުންދަނީ. އެހެންވީމަ އެލާޓުތައްވެސް ނެރެމުންގެންދާނެ. ހުރިހާ ބޭފުޅުން އެކަމަށް ސަމާލުކަން ދެއްވުން އެދެން. ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ބޭފުޅުން. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެދެން." ހުސެއިން ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ދަގަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުންވަނީ މިއަދުގެ 8:15 އިން 14:00 އަށް، ނ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.