ރާއްޖޭގެ ވަޒީފާގެ ބާޒާރާއި މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއާ ޑިވެލޮޕްމަންޓްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއާ ޕޯޓަލް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރު އަލީ އިހުސާންއެވެ.

ހޯމް މިނިސްޓްރީން ބުނީ އެއީ ކެރިއާ ސާވިސް (އެންސީއެސް) އިން ތަރައްގީކޮށްފައިވާ ރަސްމީ މަސައްކަތެކެވެ. އެ މަސައްކަތަށް ފަންޑްކޮށްފައި ވަނީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" (SAILS) ޕުރޮޖެކްޓުންނެވެ.

މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ.

މި ޕޯޓަލްގައި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، މުސްތަގުބަލު ބައްޓަން ކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނިފައިވެއެވެ.

10 އޮގަސްޓް 2026، މާލެ، ކަސްޓަމްސްގެ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާހުކުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ޕޯޓަލްގައި ހިމެނިފައިވާ ވަސީލަތްތައް:

  • ކެރިއާ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނު ލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށް ދިނުން.
  • މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ 'އެކްޝަން ޕްލޭން' ތައް މޮނިޓާ ކުރެވޭނެ އިންތިޒާމުތައް
  • ކެރިއާ ޕާތުވޭ ޑިޒައިނާ: ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާ އެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭ ބައިވެރިއެއް.
  • މައިލްސްޓޯން ޓްރެކާ: މީހާގެ ތައުލީމީ ފެންވަރާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެއް. މީގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި އިތުރަށް ތަރައްގީކުރަން ޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެ
  • ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިއުލާނު ކުރުމާއި މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭ.
10 އޮގަސްޓް 2026، މާލެ، ކަސްޓަމްސްގެ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާހުކުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ މަސައްކަތްތަކަކީ ވެސް، ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ގާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް 2.0 ގެ ތެރެއިން ކުރެވިގެންދާ މަސައްކަތެއް ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް ނެޝަނަލް ކެރިއާ ސާވިސް (NCS)ހެލްޕްލައިން 1475 އަސް ގުޅާލުމުން ލިބޭނެއެވެ.