ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމްޑީ ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ސާކްގެ އެސްޖީގެ ދައުރުގައި އެމްޑީ ގޯލަމް ކޮށްދެއްވި އިހްލާސްތެރި ހިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ސާކް އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށާއި ސާކް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރު ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ސާކްގެ އެސްޖީ ވަނީ ރާއްޖޭގެ ފަރާތުން ލިބެމުން އަންނަ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށެވެ.

މީގެ އިތުރުން ސާކް އުފެއްދި މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަކީ، އެ ޖަމްއިއްޔާއަށް ނުހަނު މުހިއްމު ގައުމެއްކަން ފާހަގަކުރައްވައި، ޖަމްއިއްޔާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް އޭނާ ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި، ރައީސް މުއިއްޒާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ސާކްގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަހައްދީ ގުޅުން ބަދަހިކުރުމާއި ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ރާއްޖެއަކީ ސާކް އުފެއްދުމުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ހިމެނޭ މެންބަރު ގައުމެކެވެ. ސާކް ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.