ރާއްޖޭގައި ޑިމާންޑު އޮތް ދާއިރާތަކުން ދިވެހިން މަތީ ތައުލީމާއި ތަމްރީނު ހޯދުން މުހިންމު ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރައްމިއްޔާތެއްގައި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒިފާތަކާއި އަދި އެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް ފަސޭހަކުރުމަށް "މައި ކެރިއާ ޕޯޓަލް" ވަނީ އިފްތިތާހުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި މިވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ވަޒީފާތަކާ ނުގުޅޭފަދަ ދާއިރާތަކުން ތައުލީމު ހާސިލުކޮށްގެން ހުނަރު ހޯދައިގެން އައިސް ވަޒީފާ ހޯދަން އުޅުން ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ފައިސާ ހޯދުމަށް އެ މީހާ ހިތްނޭދޭ ކޮންމެވެސް ވަޒީފާއެއް އަދާކުރަން މަޖުބޫރުވާ ކަމަށާއި އަދި މިހެން ކަންކަން ދިމާވުމުން ޑިމާންޑް އޮތް ވަޒީފާތަކަށް ދިވެހިން ހޯދުމަށް ދަތިވެ ބިދޭސީން ވަޒީފާތަކަށް ނަގަން މަޖުބޫރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިކަމުގެ ނަތީޖާއަކީ އެ މީހާ ހިތްނޭދޭ ކޮންމެވެސް ވަޒީފާއެއް ފައިސާ ހޯދުމުގެ ނިޔަތުގައި އަދާކުރުން، އަދި އެ ދާއިރާތަކުން ވަޒީފާތަކަށް ޑިމާންޑް އޮތް އެންމެ އެކަށީގެންވާ މީހުން ނުލިބުން. މިއީ ރާއްޖެގެ ލޭބާ މާކެޓުގައި ކުރިއަށްއޮތް ތަނުގައި ހައްލުކުރަންޖެހޭ އެންމެ ބޮޑު އެއް މައްސަލަ،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މިކަން ހައްލުވާނީ މަތީ ތައުލީމާއި ތަމްރީނުތައް ހޯދާއިރު ރާއްޖޭގައި ޑިމާންޑް އޮތް ދާއިރާތަކުން ތައުލީމު ހާސިލުކޮށް ތަމްރީނުވުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެޓްރެކްޓިވް އަދާކުރަން ބޭނުންވާ ފަދަ، އެންމެ ބޭނުންވާ ފަދަ އެންމެ އެދޭ ވަޒީފާތަކުގެ ފުރުސަތުތަކަކީ ފަހަރެއްގައި މާކެޓްގައި އަބަދު ހުންނާނެ އެއްޗެއް ނޫން. އެހެންވީމަ ބޭނުންވޭ ތައުލީމު ހާސިލުކުރުމުގެ ދާއިރާގައި މަސައްކަތްކުރަމުން ދާއިރުގައި، އަދި ތައުލީމު އުނގެނެމުންދާ އިރުގައިވެސް، އަދި ވަޒީފާގެ ބާޒާރަށް މީހާ ލޯހުޅުވަން ފަށާއިރު، އަދި ވަޒީފާއަކަށް ޓާގެޓްކޮށްގެން އަދި ކެރިއާއަށް ބަލައިގެން އެ މީހެއްގެ އަމިއްލަ ނަފްސު ތަރުބިއްޔަތު ކުރަމުން އަންނަ އިރުގައި ރާއްޖެ އޮތީ ކޮން ދިމާތަކުންތޯ. އެ ދިމާލަކުން ތިމަންނާގެ ސްކިލްސް ޑިވެލޮޕްކުރަން ޖެހެނީ ކޮން ދިމާލަކުންތޯ ދެނެގަނެވޭނެ ފަދަ ގޮތްތައްވެސް." ހޯމްލޭންޑް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން އަމަޒަކީ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދާ އިރު، ރާއްޖެއަށް ޑިމާންޑް ހުރި ދާއިރާތަކަށް ފޯކަސްކޮށްގެން ކަންކަން ރާވައި ދިވެހިން ވަަޒީފާގެ މާހައުލަށް ތަމްރީނުކުރުން ކަމަށެވެ.
މިއަދު އިފްތިތާހުކުރި "މައި ކެރިއާ ޕޯޓަލް" އިންވެސް ރާއްޖޭގައި ދިވެހިން ވަޒީފާތަކަށް ހޯދުމަށް ފަސޭހަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ.
ފާތިމަތު ލިއުޝާ
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް