ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ހުށަހަޅާ ބިލްތަކަށް ބަހުސް ކުރެއްވުމަށް މަޖިިލިސް މެންބަރުން މަޖިލިސް ތަޅުމުގައި މަޑު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

މަޖިލިސް ރައީސް މިކަމަށް އެދިވަޑައިގެންނެވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ބިލުގައި އިބްތިދާއީ ބަހުސްގައި، ވާހަކަ ދެއްކެވުމަށް ފުރުސަތަށް އެދިވަޑައިގެންނެވި މެންބަރުން، ތަޅުމުގައި ނެތުމުންނެވެ.

އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން މި ބިލު ހުށަހެޅުއްވުމުން އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވީ، އިދިކޮޅު އެމްޑީޕީގެ މެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެކަންޏެވެ.

އެއަށް ފަހު ރިޔާސަތުން ފުރުސަތު ދެއްވަން ބެލިއިރު، ބިލަށް ވާހަކަ ދައްކަވަން ފުރުސަތަށް އެދިވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެކަކުވެސް މަޖިލިސް ތަޅުމަކު ނެތެވެ. އެހެންކަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ބިލުގެ ބަހުސް ނިންމަވައިލެއްވިއެވެ.

އެކަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ތަޅުމަށް މުހިއްމު ބިކުތައް ހުށަހެޅިގެންދާ އިރު އެ ބިލު ތަކުގެ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަން އެދިވަޑައިގެންނެވުމަށްފަހު، ބަހުސް ހިނގަމުންދާ އިރު، ތަޅުމުގައި މަޑު ކުރައްވައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ބަހުސްގައި ބައިވެރިވެ ވަޑައިގެންފައި މެންބަރު ތަޅުމުގައި ނެތުމުން ޖެހެނީ ބިލުގެ ބަހުސް ކުރުކޮށްލަން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދެއްވަން ބޭނުންފުޅުވާ ބޭފުޅުން މިތާގައި ތިއްބަވައިގެން ބިލްގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދެއްކުމަކީ މުހިއްމު ކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.