(3 އޯގަސްޓުގެ އަދަދާ ގުޅޭ)
ޝައްކެއްނެތެވެ. އިންޤިލާބީ ތަޙްރީކުތަކުގެ މަގަކީ ކަށިގަސްތަކުން ފުރިފައިވާ މަގެކެވެ. އިންޤިލާބީ މުޖާހިދުންނަށް މިންވަރުކުރެއްވިފައިވަނީ އެކަށިގަސްތަކުގެ މަތީން ހުސްފައިންޕުޅުން ހިންގަވައިފައި އެމަގު ކަޑައްތުކުރައްވާށެވެ. ތާރީޚު ހެކިވާ ފަދައިން އިސްލާމީ ރަޙްމަތުގެ ތަޙްރީކުގެ މުޖާހިދުންވަނީ އެ ކަށިގަސްތަކުން ފުރިފައިވާ މަގުންލައްވައިފައި އެބޭކަލުންގެ އަމާޒުފަތްގަނޑާ ހަމަޔަށް ވަޑައިގެންނެވުމުގައި ކާމިޔާބު ހޯއްދަވައިފައެވެ. އޭގެ އެއްސަބަބަކީ އެބޭކަލުންގެ ވަރުގަދަ އީމާނެވެ. އެތަޙްރީކުގެ ޞައްޙަކަމާމެދު އެބޭކަލުންގެ ހިތްޕުޅުތަކުގައިއޮތް ވަރުގަދަ އިޢުތިމާދެވެ. ނުގުޑާފަދަ ޔަޤީންކަމެވެ. ދެވަނަ ސަބަބަކީ އެބޭކަލުންގެ ޤާއިދު އަދި އެބޭކަލުންނަށް މަގުދައްކަވާ އިސްވާރު، އެންމެފަހުގެ އަދި އެންމެ މަތިވެރި ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޤިޔާދަތާމެދު އެބޭކަލުންގެ ހިތްޕުޅުތަކުގައިއޮތް ނިހާޔަތެއްނެތް އިތުބާރެވެ. މިދެންނެވި އިތުބާރުގެ ސަބަބަކީ އެމާތް ސާހިބާއަކީ ހުރިހައި މާނައެއްގައިވެސް އެ ތަޙްރީކުގެ މެންބަރުންކުރެ އެއްބޭކަލަކުކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވާ ދެއްވުމެވެ. ރަޙްމަތުގެ ތަޙްރީކުގެ ހުރިހައި މެންބަރުންނަށްވެސް އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މާޒީ އެނގިވަޑައިގަންނަވައެވެ. އެމާތް ސާހިބާއަކީ ކޮންކަހަލަ ޝަޚްޞިއްޔަތެއްގެ ވެރިޔެއްކަމެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމުގައި ދެވަނަ މިސާލެއް ނެތްފަދަ ބޭކަލެއްކަމެވެ. ހުރިހައި އުނދަގުލަކާއި ތުރާލަކާއި މުޞީބަތަކާއި ބިރުވެރިކަމެއްގެ ވަގުތު ތަކުގައިވެސް އެމާތް ސާހިބާ މިތުރު ޞަޙާބީންގެ އަރިހުގައި ހުންނަވާކަމެވެ. ނުސިޔާނު ކޮންމެ ޙާލަތެއްގައި އެންމެ ކުރީގައި ހުންނަވަނީ އެމާތް ސާހިބާކަމެވެ. އެމާތް ސާހިބާ އަބަދުވެސް މިތުރު ޞަޙާބީންނާއެކު މުޢާމަލާކުރައްވަނީ މަކާރިމުލް އަޚްލާޤުގެ އެންމެ ރިވެތި ނަމޫނާއަކީ އެމާތް ސާހިބާކަން ސާބިތުވާ ގޮތަށެވެ. ކީރިތި މާތް قــــــرآن ންވެސް އެކަން އެނގެއެވެ. ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ اللّــــه ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލުޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ. އަދި އެއުރެންނަށް ފާފަ ފުއްސެވުންއެދި ދަންނަވާށެވެ. އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللّــــه އަށް ވަކީލު ކުރައްވާށެވެ. ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ اللّــــه ލޯބިވެވޮޑިގެންވެތެވެ." (آل عــمــــــران: 159)
މުޝްރިކުންގެ އަމާޒުފަތްގަނޑަކީ ކައުސާހިބާ
މިތުރު ޞަޙާބީންނާއި ޞަޙާބިއްޔާތުންނަށްވުރެ ބޮޑަށް މުޝްރިކުންގެ އަމާޒުފަތްގަނޑަކަށް ހަދާން ބޭނުންވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޒާތުފުޅެވެ. އެބައިމީހުން ރަޙްމަތުގެ ނަބިއްޔާއަށް ތައުހީނުކޮށް ފުރައްސާރަ ކުރުމުގެގޮތުން ދައްކައިފައިހުރި ވާހަކަތަކާއި އެމާތް ސާހިބާއަށް ނިސްބަތްކޮށް އުފައްދައިގެންއުޅުނު ހުތުރު ލަޤަބުތަކުގެ މައްޗަށް އަޅުގަނޑުވަނީ އަވަސް ކަޅިޔެއް ހިންގައިފައެވެ. ޢާންމުކޮށް ޤަބޫލުކުރެވިފައިވާ ޙަޤީޤަތެކެވެ. ކަނޑީންކުރާ ޒަޚަމަށްވުރެ ފަސޭހަވުން އުނގަދޫވެފައި ވޭންގަދައީ ދުލުންކުރާ ފާރެވެ. އެހެންކަމާއެކުވެސް قـــــريـش ން ޖިސްމާނީ އަނިޔާކުރުމުގެ ހަތިޔާރުގައިވެސް ވަނީ ހިފައިފައެވެ.
قـــــريـش ން އަޑުއަރުވާގޮތުގައި އެބައިމީހުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޝަހީދުކޮށްނުލައި މަޑުކުރަނީ أبـــوطــالــب ގެފާނުގެ ޙުރުމަތަށްޓަކައެވެ. ނަމަވެސް ޙަޤީޤަތުގައި އެކަމުގެ އެންމެބޮޑު ސަބަބަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފަރާތްޕުޅުން އެބައިމީހުންނަށް ފެންނަ އެކިއެކި މުޢުޖިޒާތަކެވެ.
قـــــريـش ން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޝަހީދު ނުކުރެވުނު ކަމުގައިވިޔަސް އެމާތް ސާހިބާއަށް ނުހަނު ބޮޑަށް އުނދަގޫފުޅުކޮށް އިހާނެތި ކަންތައް ކުރިއެވެ. އެމާތް ސާހިބާގެ ގެކޮޅުގެ ދޮރުކޮޅުމައްޗަށް ރޭގަނޑު ކަށިގަސްގަހުގެ ގޮފިތަކާއި ކަށިތައް އެޅިއެވެ. ކުނިބުންޏާއި މުޑުދާރު އެއްޗެހި އެޅިއެވެ. އެ ގެކޮޅުގައި ނަމާދުކުރައްވާނަމަ ގައިކޮޅަށް ނަޖިސް އުކިއެވެ. އެ ގެކޮޅުގައި އެއްޗެއް ކައްކަވާނަމަ އެކަންވާރަކަށް ކުނިބުންޏާއި ނަޖިސްތައް އުކިއެވެ. ކައުސާހިބާ އެއްދުވަހަކު ޙަރަމްފުޅުގެ ތެރޭގައި ނަމާދަށް ހުންނަވަނިކޮށް أبــــو جــهـــل އޭނާގެ އެކުވެރީންގާތު ބުންޏެވެ. އެވެނިތަނެއްގައި ބަޔަކު ޖަމަލެއް ކަތިލައިގެން އެބައުޅެއެވެ. އެތަނުން ނަޖިހާއެކުހުރި ގޮހޮރުތަކެއްގެނެސް އެހެރަގެން ވައްތަރުޖައްސާ މީހާގެ ބުރިކަށިމައްޗަށް އަޅައިލާން ކެރޭނީ ކޮންކުއްޖަކަށް ހެއްޔެވެ. عــقـبــــة بــــن أبـــــى مـعـيط ތިމަންނާއޭ ބުނެފައި ދިޔަދިޔައިނުންގޮސް އޭގެ ބައިވަރުތަކެއް ގެނެސްފިއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ސަޖިދަޔަށް ވަޑައިގެންނެވުމުން އެމާތް ސާހިބާގެ ބުރިކަށިފުޅުމައްޗަށް އެތަކެތި އޮއްސައިލިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެތަކެތީގެ ބަރުކަމާހުރެ ތެދުވެވަޑައެއް ނުގެންނެވުނެވެ. އޮންނެވިގޮތަށް ސަޖިދައިގައި އޮންނެވީއެވެ. އެމާތް ސާހިބާއަށް ތެދުވެވަޑައިގެންނެވުނީ ތުއްޕުޅު ދަރިކަނބަލުން السّــيّــدة فــاطــمــــة الـــــزّهـــــــراء رضـــــى اللّــــه عــنـــهـــا އަށް އެޚަބަރު ލިބިވަޑައިގެން ޙަރަމްފުޅުގެ ތެރެޔަށް ވަޑައިގެން އެތަކެތި ނަންގަވައި އުއްކަވައިލެއްވުމުންނެވެ. عــقـبــــة بــــن أبـــــى مـعـيط އެހެންދުވަހަކު ވަނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަރަމްފުޅުގައި ނަމާދުކުރައްވާން ހުންނަވަނިކޮށް ފަހަތްޕުޅުންގޮސް އެމާތް ސާހިބާގެ ކަރުފުޅުގައި އޭނާގެ ފޮށާ އަޅުވައިފައި ބާރަށް ދަމައިގަނެ އެމާތް ސާހިބާ އުޑުތިލަފުޅުމައްޗަށް ވައްޓައިލައިފައެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، قـــــريـش ން ކުރާ ހުރިހައި ފުރައްސާރަޔަކާއި އިހާނެތިކަމަކާއި އަނިޔާތަކެއް ބަރުދާސްތުކުރައްވަމުން ގެންދަވާތީ قـــــريـش ން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. އެބައިމީހުން ދުށްގޮތުގައި އެމާތް ސާހިބާ ފުރާނަފުޅާ ކުޅުއްވަމުން ގެންދަވަނީ ޖާހާއި މުދަލާއި މަތިވެރި ނަން ހޯއްދެވުމުގެ ބޭނުންފުޅުގައެވެ. އޭރު އިސްލާމްވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުންނެވެ. އެހެންކަމުން ރަޙްމަތުގެ މުހިންމަތު ތަބްލީޣުކުރެއްވުން ހުއްޓައިލައްވާތޯ ވާހަކަދައްކާން އެބައިމީހުން عـُـــتُـــبــة بـــن ربــيــعــــة އެމާތް ސާހިބާގެ އަރިހަށް ފޮނުވިއެވެ. عـُـــتُـــبــة އަކީ قـــــريـش ންގެ ބޮޑުންކުރެ ތަންކޮޅެއް މަސަލަސް ބޭކަލެކެވެ. ރީތި ބަސްފުޅުތަކުން ވާހަކަ ދައްކަވާ މުޢުތަބަރު ބޭކަލެކެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)
عـُـــتُـــبــة ބޭނުންފުޅުވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ވާހަކަ ދައްކަވައިގެން ޞުލްޙަވެރިގޮތެއް ހޯއްދަވާށެވެ. އެހެންކަމުން عـُـــتُـــبــة ބޭނުންފުޅު މޭރުމަކުން ކައުސާހިބާއާ ވާހަކަ ދައްކަވާން قـــــريـش ން عـُـــتُـــبــة އަށް ހުއްދަ ދިނެވެ. އޭނާއަކީ އެބައިމީހުންގެ މަންދޫބަކު ކަމުގައިވެސް قـــــريـش ހަމަޖެއްސިއެވެ. ކުރީންވެސް ދެންނެވި ފަދައިން ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ރަޙްމަތުގެ ދީން ތަބުލީޣުކުރެއްވުން ހުއްޓައިލައްވާތޯ ބެލުމުގެ ގޮތުންނެވެ.
عـُـــتُـــبــة ވަޑައިގެން ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގެން ވާހަކަ ދައްކަވާން ފެއްޓެވިއެވެ. عـُـــتُـــبــة ވިދާޅުވިއެވެ. "ކޮއްކޯއެވެ! ކަލޭގެފާނަކީ އަޅުގަނޑުމެންގެ ތެރޭގައި ކޮން ހައިސިއްޔަތެއްގެ ބޭކަލަކުންކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. ކަލޭގެފާނުގެ ޤައުމުގެ ތެރެއަށް ވަރަށްބޮޑަށް އަރައިރުމަކާއި ހަމަނުޖެހުން އުފެދޭކަހަލަ ވާހަކަފުޅުތަކެއް ގެންނަވައިފީމުއެވެ. ކަލޭގެފާނުގެ ޤައުމު ބައިބައިކުރައްވައިފީމުއެވެ. އެބައިމީހުންނަކީ ތަންދޮރުނުދަންނަ ޖާހިލު މޮޔައިންތަކެއް ކަމުގައި ކަނޑައަޅުއްވައިފީމުއެވެ. އެބައިމީހުން އަޅުކަންކުރާ ފަރާތްތަކަށާއި އެބައިމީހުންގެ ދީނަށް ފުރައްސާރަ ކުރައްވައިފީމުއެވެ. އެބައިމީހުންގެ އިޙްތިރާމްކުރުން ވާޖިބު ކާބަފައިންގެ ގޮތްތަކަށް އިންކާރު ކުރައްވައިފީމުއެވެ. އަޅުގަނޑު ކަލޭގެފާނުގެ ކުރިފުޅުމައްޗަށް ގޮތްތަކެއް ހުށަހަޅާނަމެވެ. ކަލޭގެފާނު އެއިން ކޮންމެވެސް އެއްގޮތަކާ ފިކުރާވެވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެކެވެ."
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ. "أبــــولــيــد އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގަނޑު މިއިނީ އަޑުއަހާށެވެ."
عـُـــتُـــبــة ވިދާޅުވިއެވެ. "އަޚާގެ ދަރިކަލުންނޭވެ! ކަލޭގެފާނު ތިޔަގެންނަވައިގެން އުޅުއްވާ ދީނެއް ގެންނެވުމުގެ މަޤްޞަދަކީ ފައިސާއާއި މުދާ އެއްކުރެއްވުން ކަމުގައިވާނަމަ އަޅުގަނޑުމެން ކަލޭގެފާނަށް މުދަލާއި ފައިސާ އެއްކޮށްދީފާނޫއެވެ. މައްކާގެ އެންމެ މުއްސަނދިފުޅު ބޭކަލަކީ ކަލޭގެފާނުކަމުގައި ވެވަޑައިގަންނަވާވަރަށެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ ޢިއްޒަތާއި ވެރިކަން ކަމުގައިވާނަމަ އަޅުގަނޑުމެންގެ އެންމެބޮޑު ވެރިޔަކީ ކަލޭގެފާނުކަމުގައި ހަދައިފާނޫއެވެ! ކަލޭގެފާނުގެ ރުހިވަޑައިގެންނެވުމަކާ ނުލައި އެއްވެސް ނިންމުމެއް ނުނިންމާނޫއެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ ރަސްކަން ކަމުގައިވާނަމަ އަޅުގަނޑުމެން ކަލޭގެފާނު ރަސްކަލަކަށް ހަދައިފާނޫއެވެ. ކަލޭގެފާނަށް ކުރިމަތިވެވަޑައިގެންފައިވަނީ ޖިންނިފުރޭތައިގެ ނުވަތަ ސިހުރުހާހޫރައިގެ އުނދަގޫފުޅެއް ކަމުގައިވާނަމަ ކަލޭގެފާނު އެ އާލާސްކަންފުޅުން ސަލާމަތްކުރާން އަޅުގަނޑުމެން އެންމެން މިތިބީ ދީލަތިކަމާއެކު އަޅުގަނޑުމެންގެ މުދާ ހޭދަކުރާން ތައްޔާރަށެވެ."
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، عـُـــتُـــبــة ގެ ވާހަކަފުޅު ނިމުމުން ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ވާހަކަފުޅު ނިމުނީތޯއެވެ؟" عـُـــتُـــبــة އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ.
ދެން އަޅުގަނޑުގެ ކިބައިންވެސް އަޑުއައްސަވާށެވެ.
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، އެހެން ޙަދީސުކުރައްވައިފައި فُـصِّــلَــتْ ސޫރަތް ފަށްޓަވައިގެން ވިދާޅުވާން ފަށްޓަވައިފިއެވެ. عـُـــتُـــبــة ގެ ކަންފަތްޕުޅުގައި މާތް اللّــــه ގެ ކަލާމްފުޅުގެ އަޑުޖެހުމުން ދެއަތްޕުޅުފުރަގަހުން ވިއްދަވައިގެން އިންނަވައި އަޑުއައްސަވާން ފަށްޓަވައިފިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކިޔަވައި ވިދާޅުވަމުން ގެންދަވައި ސަޖިދައިގެ އާޔަތާ ހަމަޔަށް ވިދާޅުވެފައި ސަޖިދަކުރައްވައިފިއެވެ. ކައުސާހިބާ ސަޖިދައިން ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އޭ أبــــوالــولــيــد އެވެ! އަޅުގަނޑު ކަލޭގެފާނަށް އިއްވާން ބޭނުން ބަސްފުޅުތައް އަޑުއައްސަވައިފީމުއެވެ. ދެންއޮތީ ކަލޭގެފާނު ނިންމަވާ ގޮތްކޮޅެކެވެ." (نـــبـــى رحـمت صــلّـــــى اللّــــه عــلـيــــه وســلّـــــم: مـــولانــا سيّــد أبـــوالحســن عــلــــى نــــدوى)
މި ހާދިސާގެ ބައެއް އެހެނިހެން ރިވާޔަތްތަކުގައިވާގޮތުން عـُـــتُـــبــة بـــن ربــيــعــــة ގެ ހުށަހެޅުއްވުމުގެ ތެރޭގައި قـــــريـش ވަންހައިގެ މާތް ޚާންދާންތަކުން ޅަ، ޅަބާޅަ "އަފީނެއްކަހަލަ ރިވެތި" (އަފީނެއްކަހަލަ ރިވެތި: ފުވައްމުލަކު ބަހެއް. އަންހެންކުދީންގެ އާދަޔާ ޚިލާފު ރީތިކަން ބަޔާންކުރާ އިސްތިޢާރައެއް. ފުވައްމުލަކު ބަހުރުވައިގައި އަފީނަކީ އަފިހުނެވެ.) އަންހެން ސާހިބުންގެ ކާވެނިފުޅުވެސް ހިމެނެއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކިޔަވައިވިދާޅުވަމުން ގެންދެވިއިރު عـُـــتُـــبــة އިންނެވީ އާސޯޚުވެވަޑައިގެންފައި އަޑުއައްސަވާށެވެ. އޭނާގެ ހިތްޕުޅު ކީރިތި قــــــرآن ގެ ޖަލާލަތުގެ ކުރިމަތީގައި ލަންބައިނުލައްވައެއް ފަރުޖެހިވަޑައެއް ނުގެންނެވިއެވެ. އޭނާގެ ކުފުރު އީމާންކަމަށް ބަދަލުވާން ކައިރިވިއެވެ. އެހެންކަމުން ކައުނަބިއްޔާގެ ކިޔަވައި ވިދާޅުވުން ހުވާ މެދުވެރިކުރައްވައި ހުއްޓުވައިފައި އެއްވެސް ބަސްފުޅެއް ވިދާޅުނުވެ އެނބުރިވަޑައިގެންފިއެވެ. އެކަމަކު އޭނާގެ ހިތްޕުޅަށްވަނީ ޙައްޤުގެ ކުއްލިއެއް ޖެހިފައެވެ. އޭނާގެ މިޒާޖުފުޅަށްވަނީ އިހުނާ ތަފާތު ބަދަލުތަކެއް އައިސްފައެވެ. އޭނާ قـــــريـش ންގެ ގާތަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ޙަޤީޤަތަށް ބުނާނަމަ محــمّــــد (صــلّـــــى اللّــــه عــلـيــــه وســلّـــــم) ވިދާޅުވެދެއްވި ކަލާމްފުޅަކީ ސިހުރެއް ހާހޫރައެއް ނޫނެވެ. އެއީ ޅެމެއްވެސް ކަހާނަތެއްވެސް ނޫނެވެ. އެހެން ކޮންމެވެސް އެއްޗެކެވެ. އެއަށްވުރެ ރީތި ކަލާމެއް މީގެކުރިޔަކު އަހަރެންގެ ކަންފަތަކަށް އިވިފައެއް ނުވެއެވެ. އަހަރެންގެ ލަފަޔަކީ އެކަލޭގެފާނު އެއުޅުއްވާ ގޮތްކޮޅަކަށް އުޅުއްވާން ތިޔަބައިމީހުން އެކަލޭގެފާނު ދޫކޮށްލާށެވެ. (އެކަލޭގެފާނާއި ޢަރަބީންނާ ދެމެދުން ތިޔަބައިމީހުން އެއްފަރާތްވެލާށެވެ.) އެކަލޭގެފާނު ޢަރަބީންގެ މައްޗަށް ގަދަވެވަޑައިގެން ކާމިޔާބު ހޯއްދަވައިފި ކަމުގައިވާނަމަ އެއީ ތިޔަބައިމީހުންގެވެސް ޢިއްޒަތްތެރިކަމެވެ. ނުވަތަ ޢަރަބީން އެކަލޭގެފާނުގެ ކަންތައް ނިންމައިލައިފާނެއެވެ. ނަމަވެސް عـُـــتُـــبــة ގެ ބުއްދިވެރި ހުށަހެޅުއްވުން قـــــريـش ންނަކަށް ބަލައެއް ނުގަނެވުނެވެ. (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް