މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު ހުސްވުމުންނެވެ. ފުރަތަމަ މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 21 ގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
މަގާމުގެ މައިގަނޑު ޝަރުތުތައް:
- އިގުތިސޯދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވުން ނުވަަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން
- އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން
- ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކުން ހޮވާފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
- ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބޭނެ ކަމަށާއި އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ކޮމެންޓް