ޔޫރަޕް ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާއާއި އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީގެ އިތުރުން އުތުރު އަދި މެދުތެރޭ އެމެރިކާ ފުޓުބޯޅައިގެ އިދާރާ ކޮންކެކަފް އެކުވެގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުބާރު ނެތް ކަމަށް ހާމަކޮށް ބަޔާން ނެރެފިއެވެ.

އިންފަންޓީނޯ ފީފާއަށް ގެންނަވަން އުޅުއްވި ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ޕްލޭން ފެއިލްވެ، އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެ ޕްލޭނަކީ ފީފާ މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ އިންވެސްޓްމަންޓް ޕްލޭނެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ އެއީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށެވެ.

އެ ޕްލޭންގެ ދަށުން ވޯލްޑް ކަޕްގެ ހިއްސާވެސް ވިއްކޭނެ ގޮތަށް އޮތް އިރު، އެއީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެކެވެ. ޕްލޭންގެ ދަށުން ފީފާއަށް އެއް ފަހަރާ 4.2 ބިލިއަން ޑޮލަރު އިންވެސްޓަރުން އަތުން ހޯދައި، ގައުމުތަކަށް ބަހަން އިންފަންޓީނޯ ވަނީ މަސައްކަތް ކޮށްފައެވެ.

އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ބަޔާން ނެރުނު ތިން ސަރަހައްދުގެ ގައުމުތަކުންނެވެ. އެގޮތުން ޔޫއެފާއިން ވަނީ ފީފާ ބޮއިކްޓްކުރުމަށްވެސް ގޮވާލައިފައެވެ.

ކޮންކެކަފާއި އޭޝިއާގެ އިތުރުން ޔޫރަޕުންވެސް ބަޔާނުގައި ބުނީ އިންފަންޓީނޯ މެމްބަރު ގައުމުތަކަށް އޮޅުވާލުމެއްގެ ތެރެއިން ހިންގި ކަންކަމުގެ ސަބަބުން އޭނާ ބާކީކޮށްލަން ޖެހިފައިވާ ކަމަށެވެ. ސީދާ އިސްތިއުފާ ދޭން ނޭދުނު ނަމަވެސް ބަޔާނުގައި ހަރުކަށި އިބާރާތުން ގޮވާލާފައި ވަނީ ހިނގާދިޔަ ކަންކަން ރިވިއުކުރުމަށް ވެރިން އެއް ފަރާތްވެލުމަށެވެ.

ތިން ކޮންފެޑެރޭޝަނުންވެސް ބުނީ މިއީ ފުޓުބޯޅައަށްޓަކައި ހުރިހާ ގައުމަކުންވެސް ތެދުވަން ޖެހޭ ވަގުތު ކަމަށާއި، ކަންކަން ހައްލުކުރަން ގައުމުތައް އެކުވާނެ ކަމަށެވެ.

ތަޖުރިބާކާރުން ބުނީ މިހާރު އޮތްގޮތުން އަންނަ އަހަރު އޮންނަ އިންތިހާބާ ހަމައަށް އިންފަންޓީނޯއަށް މަގާމު ދަމަހައްޓަން އުނދަގޫވާނެއެވެ. އަދި ޔޫރަޕާއި އެމެރިކާގެ އިތުރުން އޭޝިއާ އެކުވެ ނެރުނު ބަޔާނަކީ އިންފަންޓީނޯ ރީތި ގޮތުގައި އިސްތިއުފާދޭން އެކަށީގެންވާ ވަގުތު ދިނުމަށް ނެރުނު ބަޔާނެއް ކަމަށްވެސް ނޫސްތައް ބުނެއެވެ.

އިންފަންޓީނޯއަށް އަދިވެސް އެފްރިކާގެ ތާއީދު އޮތް އިރު، ތިން ކޮންފެޑެރޭޝަނުންވެސް ގޮވާލީ މިނިވަން ތަހުގީގެއް ހިންގުމަށެވެ.

ހަބަރުތައް ބުނެފައި ވަނީ އުތުރު އެމެރިކާއާއި އޭޝިއާގެ އިތުރުން ޔޫރަޕުންވެސް ފީފާގެ ރައީސަކަށް ގެންނަން ބޭނުންވާ އެއް ފަރާތަކީ ނޯވޭގެ ފުޓުބޯޅަ އިދާރާގެ ރައީސް ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް އަންހެން ޝަހުސިއްޔަތު ލީސޭ ކްލަވެނެސް ކަމަށެވެ. އޭނާ ދާދިފަހުން ވަނީ އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.