ޒަރާރް ވެއްޓެމުން ދިޔަ މަންޒަރު ބަލަން ދައްޔާނަށް ހުރެވުނީ ސިހުމެއްގެ ތެރޭގައެވެ. ހާސްކަމާއެކު އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތް ވެސް ބާރު ބާރަށް ތެޅެމުން ދިޔަ އެވެ. ކަންފަތުގައި ހަރުލާފައި ވަނީ ޒަރާރްގެ ފަހު ބަސްތަކެވެ. ސިފަކުރެވެނީ ބިރުވެރިކަމުން ފުރިފައިވި ޒަރާރްގެ ދެލޮލެވެ. ހިމޭންކަމުގެ ދުލުން ކުރި އާދޭސްތަކެވެ. ތުރުތުރުއަޅަމުން ދިޔަ ދެއަތަށް ދައްޔާނަށް ބަލައިލެވުނެވެ. އަތުގައި ހުރި ލޭގެ އަސަރު ފެނުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ސިކުނޑިއަށް ބާރު ބޮޑުވާން ފެށިއެވެ. މޫނު މައްޗަށް އަނދިރިވެދާނެހެން ހީވި ވަގުތުކޮޅެއް ވެސް އައެވެ. ލިބިފައިވި ޝޮކު ފިލައިގެން ދިއުމާއެކުގައި ވެދިޔަ ކަންތަކަށް ވިސްނުން ހިންގާލެވުނެވެ. ނަފުރުތާއި ބަދަލުހިފުމުގެ ރޫހުން އޭނަގެ ހިއްސުތަކަށް އަތްގަދަކޮށްފައިވި ބާރު ކެނޑެން ފަށައިފިއެވެ. ރުޅި ފިނިވުމާއެކު އޭނައަށް ލިބުނީ ހާސްކަމެވެ.
''ވަޓް ޑިޑް އައި ޑޫ؟...'' ކުރެވުނު ކަންތަކުގެ ބޮޑުމިން ތަސައްވަރުކޮށްލެވުނީ ދެނެވެ. ލައިގެން ހުރި ޖިންސުގައި އަތްތިލަ ހިންގާލެވުނެވެ. ގަމީހުގައި ހުރި ޒަރާރްގެ އަތުގެ ނިޝާނާއި ލޭ ފެނުނީ ދެނެވެ. ދައްޔާނަށް ހަދާނެ ގޮތެއް ނޭނގުނެވެ. ޒަރާރްގެ މައްޗަށް އަނިޔާވެރިވި ހިނދުގައި ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނާލަން އޭނަ ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ ޒަރާރްގެ ފަރާތުން ބަދަލުހިފާށެވެ. ޒަރާރްއަށް އަމާޒުކުރި ކޮންމެ ހަމަލާއަކާއި، ވޭނުން ފުރިގެންވި ޒަރާރްގެ ހަޅޭކުގެ އަޑުން އިހުސާސްކުރެވުނީ ތަފާތު ޖޯޝެކެވެ. އުފާވެރިކަމެވެ. ޒަރާރްގެ މަރަށް ފަހުގައި ނޫނީ ހަމަޖެހުމެއް ނުލިބޭނެ ކަމަށް ހީކުރެވުނެވެ. އެހެންކަމުން އޭނަ މަސައްކަތްކުރީ އެލަނޑުދަޑި ހާސިލް ކުރާށެވެ.
ލޭނާރުތަކުގައި ދައުރުކުރި ރުޅީގެ ހޫނަށް ނިމުން އައުމާއެކު ހަޤީޤަތާ ކުރިމަތިލާން މަޖުބޫރުވެއްޖެއެވެ. ޒަރާރްގެ މަރުގެ ޚަބަރު ލިބުމުން އެކަމުގެ ތަހުގީގެއް ހިނގާނެއެވެ. އެމަރުގައި ޝައްކު ކުރެވޭނެ ހެކިތައް ޒަރާރްގެ ހަށިގަނޑުން ފެންނާނެއެވެ. ތުހުމަތުގެ އިނގިލި އޭނައަށް އަމާޒުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ބޭބެގެ ޤާތިލަކީ އޭނަކަން ސާބިތުވެއްޖެނަމަ ޖަލަށް ދާން ޖެހޭނެއެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟
ދައްޔާނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަފުސުގެ މައްޗަށް ކޮންޓްރޯލް ހޯދަން އޭނަ އަވަސްވެގަތެވެ. ވަގުތުގެ ނާޒުކުކަމާ ހުރެ އެތާ މަޑުކުރުން ބުއްދިވެރި ގޮތަކަށް ނުވިއެވެ. ދައްޔާނަށް ފެނުނު އެންމެ ރަނގަޅު ހައްލަކަށް ވީ މީހަކަށް ފެނުމުގެ ކުރިން އެތަނުން ފިލުމެވެ. އަމިއްލަ މީހާގެ ރައްކާތެރިކަން ހޯދުމެވެ.
ސިއްރުސިއްރުން ސިޑިން ފައިބަން ފެށިއެވެ. މާހައުލަށް ވެރިވެފައި އޮތް އަނދިރިކަމުން ދައްޔާނަށް ހަމަޖެހުން ގެނެސްދިނެވެ. އަނދިރީގެ ތެރެއަށް ގެނބިގެންދިއުން ވީ ފަސޭހަކަމަކަށެވެ. މީހަކަށް ނުފެނި ސަލާމަތުގެ އައްސޭރިއާ ހަމައަށް ދެވުނެވެ.
*****
ޒަރާރް ވެއްޓި ފުރަތަމަ ޖެހުނީ އިމާރާތުގެ ވަށައިގެން ޖަހާފައި ހުރި ސޭފްޓީ ނެޓްގައެވެ. އަރިމައްޗަށް ވާހެން ނެޓުގައި ޖެހި ސަލާމަތްވެދާނެހެން ހީވި ވަގުތުކޮޅެއް ދިޔަ އެވެ. އެހެނަސް ގިނަ ދުވަސްވެފައި ހުރުމުން އެއަށް ޒަރާރްގެ ބަރުދަން ނުހިފެހެއްޓުނެވެ. ނެޓް ފަޅާލާފައި ވެއްޓި ޖެހުނީ ބިންމަތީގައެވެ. އެހުރިހާކަމެއް ހިނގީ ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
އިވުނު އަޑުފަށްގަނޑާއެކު ތިރީގައި ތިބި ޒުވާން ގްރޫޕް ސިހުނެވެ. ތައްޔާރުކުރަން އުޅުނު ސިރިންޖްތައް ބަހައްޓަމުން އެކަކުއަނެކަކު މޫނަށް ބަލައިލެވުނެވެ. އުފެދުނު ޝައުޤުވެރިކަމާއެކު އެތަނުން އެކަކު ތެދުވީ އިވުނު އަޑު ތަހުގީގު ކުރުމަށެވެ. ބޭރަށް ނިކުތްތަނާ ފެނުނު މަންޒަރުން ބާރުބާރަށް އޭނަގެ ރައްޓެހިންނަށް ގޮވާލިއެވެ. ޒުވާނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ފޯނުގެ ފްލޭޝްލައިޓް ޖައްސާލީ ޔަޤީންކޮށްލުމަށެވެ. ދެމެދުން ދިޔަ ލޭގެ ކޯރާއި ލެއިން ތަތްތެޅިފައި އޮތް މީހާގެ ކައިރިއަށް ގުދުވެލަމުން ބަލައިލިއެވެ.
''އޭތް!، ކައޭ ކީއްތިކުރަނީ؟...'' ޒުވާނާގެ ރައްޓެއްސަކު އޭނަގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލިއެވެ.
''އޭނަ ނޭވާލާތޯ ބަލަނީއެއްނު...'' އެޒުވާނާގެ ނަޒަރު ހުއްޓިފައިވަނީ ޒަރާރް އަށެވެ. ސިހުން ފިލާނުދެއެވެ.
''ދެންމެ މައްޗަށް އެރި ގޮލާދޯ؟...'' އެތަނުން އެކަކު ބުންޏެވެ.
''ކިހިނެއް އޭނަ ވެއްޓުނީ؟...'' މައްޗަށް ބަލަމުން އަނެކަކު ބުންޏެވެ.
''އަވަހަށް މިތަނުން ރައްކާވާންވީ...'' ބިރުން ހުރި ޒުވާނަކު ބުންޏެވެ.
''އެބުނީ ތެދެއް، އެހެންނޫނީ އަހަރުމެން މިކަމުގަ ބެދޭނީ...''
''އޭނަ މަރުނުވާހެން އަހަންނަށް ހީވަނީ، ދެންމެ ނޭވާ ލިހެން ހީވި...''
''ކައެއަށް ކީއްތަ އޭނަ މަރުވިޔަސް ނޫނީ ދިރިހުއްޓަސް، އަހަރުމެންނާ ބެހޭ މީހެއް ނޫން އެއީ...... ކައޭ ބޭނުމީ މިކަމުގަ ބެދެންތަ؟...''
ލިބުނު ސިހުމަށްފަހު ރައްޓެހިންގެ ދެމެދު ހޫނު ޒުވާބެއް ފެށިދާނެކަމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. އެކަކު ބޭނުންވީ އެމްބިއުލާންސަށް ގުޅާށެވެ. ދެންތިބި މީހުން އެކަމާ ދެކޮޅެވެ. އެމީހެއްގެ ސަލާމަތް ހޯދަން އުޅުނެވެ.
''ކިހާ ދެރަކަމެއްތަ!، އެވެސް އިންސާނެކޭ، އޭނަ ކޮންމެ ގޮތަކަށް ވެއްޓުނަސް އަހަރުމެންނަށް ތާ އޭނަ މި ފެނުނީ...'' ފުރަތަމަ ޒުވާނާ ބުންޏެވެ. މަރުގެ ތުންފަތްމައްޗަށް މީހަކު ހުށަހެޅިފައި ވަނިކޮށް އަމިއްލަ ސަލާމަތްހޯދުން އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. އިންސާނިއްޔަތުކަމާއި ރަހުމުގެ ކުޑަ ވެސް ކަންފުޅެއް ވިއްޔާ ވަނީ އެޒުވާނާގެ ހިތުގައެވެ. އަނެއްކާ ވެސް ޒަރާރް ކައިރިއަށް ގުދުވެލިއެވެ. މޫނާއި ކައިރިއަށް ކަންފަތް ގާތްކޮށްލަމުން ޒަރާރްގެ މެޔަށް ނަޒަރު ހިންގާލިއެވެ. ހަރަކާތެއްކޮށްލާތޯ ބަލައިލިއެވެ.
''އޭނަ ނޭވާ އެބަލަޔޭ...'' ބުރަހެލިކޮށް ވިޔަސް ދޫކުރަމުންދާ ނޭވާތަކުގެ ހިލަންވުމާއެކު ޒުވާނާ ބުންޏެވެ.
''ގުޅާ އެމްބިއުލާންސަށް، އެކަމަކު އެމްބިއުލާންސް އައުމުގެ ކުރިން މިތަނުން އަހަރުމެން ދާނީ، އެވަރު ކުރެވޭނީ، މިކަން ޕޮލިސް ކޭސްއަކަށް ވެއްޖެއްޔާ ބެދޭނީ އަހަރުމެން...'' ރައްޓެހިން އެއްބަސްވުމަކަށް އާދެވުމާއެކު ޒުވާނާ އެމްބިއުލާންސަށް ގުޅިއެވެ. މާކަ ބޮޑު ތަފުސީލަކާ ނުލާ ފޯނު ކަނޑާލަމުން، ވެއްޓިފައި އޮތް ޒަރާރްއަށް ފަހުފަހަރަށް ޒުވާނާ ބަލައިލިއެވެ. އޭރު އޭނަގެ ރައްޓެހިންތައް ސައިކަލަށް އަރައިފިއެވެ.
''ކައޭ ހުންނަންޏާ ހުރޭ...'' ސައިކަލުތައް ސްޓާޓްކޮށްލުމާއެކު އޭނަ ބަހައްޓާފައި ގޮސްފާނެކަމުގެ ބިރާއެކު ސައިކަލެއްގެ ފަހަތަށް އެޒުވާނާ އަރައިފިއެވެ. ހިރަފުސް ބުރުވާލަމުން ގްރޫޕް މީހުންތައް ސައިކަލު ދުއްވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އެމްބިއުލާންސްގެ އަޑު މާހައުލުގައި ގުގުމާލައިފިއެވެ. ފުރަތަމަ ފަންގިފިލާގައި މަސްތުގެ ދުނިޔެއަށް ގެއްލިހަލާކުވެފައި ތިބި މީހުނަށް ހޭވެރިކަން ވީ ދެނެވެ. އެއާއެކު ތެޅިފޮޅިގެންފިއެވެ. އެމީހުން ހީކުރީ ފުލުހުން ކަމަށެވެ. މާހައުލު ހަލަބޮލިވާން ނެގީ ހިނދުކޮޅެކެވެ.
*****
ކާރުގައި އިން ދައްޔާންގެ އަތް ތުރުތުރުއަޅާވަރުން އޭނައަށް ކާރު ދުއްވޭވަރެއް ނުވިއެވެ. އެހެންކަމުން މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލަމުން ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލިއެވެ. ނޭވާގެ ހިނގުން ހަމައަކަށް އަޅުވަން ބޭނުން ވިޔަސް ހަމަޖެހުމެއް ނުލިބުނެވެ. ބޮލަށް ބަރުވާން ފެށުމުން ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.
''ވަޓް އިފް ހީ ސަވައިވްޑް؟...'' ހިމަހިމޭންވެފައި އޮތް ކާރުގެ ތެރެއަށް ދައްޔާންގެ އަޑު ފެތުރުނެވެ. އެސުވާލުން ސިކުނޑީގެ ނާރުތަކަށް ވާންކޮށްލައިފިއެވެ. އިމާރާތް ދޫކޮށްފައި އޭނަ ނިކުތް އިރު ޒަރާރް ވަށާ މީހުން ތިއްބާ ފެނުނެވެ. ޒުވާނުންގެ ދެމެދުގައި ހިނގި ޒުވާބު ކޮންމެވެސް ވަރަކަށް އަޑު އިވުނެވެ.
އެހާލަތުގައި ހުއްޓާ ގެއަށް ދިއުން އެއީ ބުއްދިވެރި ގޮތަކަށް ނުވާތީ ސިކުނޑިއަށް ބާރުލިއެވެ. ކާރުގައި އަބަދުހެން ގެންގުޅޭ ޖިމް ބޭގް ހުޅުވާލަމުން އޭގެން ނެގި ސޯޓާއި ޓީޝާޓް ލިއެވެ. އެއަށްފަހު ކުރިން ލައިގެން ހުރި ހެދުންތައް ޖިމް ބޭގް ތެރެއަށް ގަންބާލިއެވެ.
ބޭގުން ނެގި ފެންފުޅިއާއެކު ދައްޔާން ކާރުން ފޭބިއެވެ. މަގުގެ ދެފަރާތް ބަލަމުން އަތަށް ފެންއަޅާލިއެވެ. އަތުގައި ހިކިފައި ހުރި ލޭ ދޮވެވުނަސް، އޭނަ ކުރި ކަންތައް ސިއްރުނުކުރެވޭނެ ކަމުގެ އިންޒާރު ޒަމީރު ދިނެވެ. ބޯފަޅައިގެން ދާން ކައިރިވެފައި ވަނިކޮށް ރައިހާން މަތިން ހަނދާން ވިއެވެ. އެހެންކަމުން ކާރުގެ މިސްރާބު ބަދަލުކޮށްލީ ރައިހާންގެ އެޕާޓްމެންޓަށެވެ. އެޕާޓްމެންޓް ކައިރިއަށް ގޮސްފައި ރައިހާނަށް ގުޅަން ދައްޔާން މަސައްކަތްކުރިއެވެ. ދެތިން ފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. އެކަމާ ހުރެ ރުޅިއަންނަން ފެށިއެވެ. ކާރުން ފައިބަމުން ބާރުބާރަށް ހިނގައިގަތެވެ.
ބެލް އަޅަމުން ދައްޔާން މަޑުކޮށްލިއެވެ. ރައިހާންގެ ޚަބަރެއް ނުވުމުން ތަކުރާރުކޮށް ބެލް އަޅަން ފެށިއެވެ. ދޮރުގައި ޓަކި ދޭން އުޅުނު ވަގުތު ދޮރު ހުޅުވިއްޖެއެވެ. ހަމައެކަނި ބޮކްސާކޮޅެއްގައި ހުރި ރައިހާންގެ މޫނުން ފެންނަނީ ނުރުހުމުގެ އަސަރެވެ. ކުޑަކޮށް ދޮރު ހުޅުވާލަމުން އޭނަ ބަލައިލީ ދަންވަރު ގަޑީގައި އައީ ކާކު ތޯ އެވެ. ރުޅިވެރިކަމާއެކު އެއްޗެއް ބުނަން އުޅެފައި މަޑުޖެހިލެވުނީ ދައްޔާން ފެނުމުންނެވެ.
ހައިރާންކަމާއެކު ދައްޔާނަށް ބަލަން ރައިހާން ހުއްޓެވެ. ޖިމް ކިޓްގައި ހުރި ދައްޔާން ފެނުމުން ސުވާލު އުފެދުނެވެ. ސަމާލުވެ ދައްޔާންގެ މޫނަށް ބަލައިލުމުން ކަމެއް ގޯސްވެއްޖެހެން ހީވިއެވެ.
ދައްޔާންގެ މޫނާއި ނަޒަރުވަކިކުރުމެއް ނެތި ތަންކޮޅެއް ބޮޑަށް ރައިހާން ދޮރުހުޅުވާލިއެވެ. އެގަޑީގައި ދައްޔާން އައުމުން އޭނަ ހުރީ ބޮލުގައި ރިއްސާފައެވެ. ހަމައެއާއެކު ފާއިތުވި ދުވަސްތަކުގައި ދައްޔާންގެ ޚަބަރެއް ނުވުމުން އުފެދިފައިވި ރުޅިވެރިކަން ސިއްރެއް ނުވިއެވެ.
''އާދެވިއްޖެ ދޯ!...'' ރައިހާނަށް ބުނެވުނެވެ. ދައްޔާން ގޮސް އިށީނީ ސޯފާގައެވެ.
''ބޭބް؟...'' ކޮޓަރީގެ ދޮރުހުޅުވާފައި ނިކުތީ ބާތްރޯބެއްގައި ހުރި ބޭރު އަންހެންކުއްޖެކެވެ. އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް ރައިހާން ބުނެލިއެވެ. އެއަށްފަހު އިސްތަށިގަނޑުގައި އަތްފުނާއަޅަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
''އެބަ އަންނަން...'' ރައިހާން ކޮޓަރިއަށް ވަންތާ ގިނަ އިރެއް ނުވަނީސް ނިކުމެގެން އައީ ސޯޓަކާއި ޖޯޒީއެއް ލައިގެންނެވެ.
ރައިހާންގެ ފަހަތުން ނިކުތް އަންހެންކުއްޖާގެ މޫނުން ފެންނަނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. މިހާރު ހުރީ ކުރު ޓޮޕަކާއި ލެގިންސްއެއް ގައެވެ. ދައްޔާނަށް ލޯ އަޅަމުން އޭނަ ގޮސް ފައިވާނަށް އެރިއެވެ. ރައިހާން ދައްކަން އުޅުނު ވާހަކަ އަޑުއެހުމެއްނެތި ބޭރަށް ނިކުންނަމުން ބާރުބާރަށް ދޮރު ޖަހައިފިއެވެ.
''ތޭންކްސް ފޯރ ދެޓް!....'' ކަރުނަވަޅުގައި ބޮޑުވާ އިނގިލި ވިއްދައިގެން ހުރެފައި ރައިހާން ބުނެލިއެވެ. އޭނަ ދެން ހިނގައިގަތީ ދައްޔާންގެ ގާތަށެވެ. ދެފައި ތަޅުވާލަތަޅުވާލަ އިން ދައްޔާނަށް ފަރުވާތެރިކަމާއެކު ރައިހާން ބަލައިލިއެވެ.
''ކިހިނެއްވެފަ ތީނީ؟...'' ރައިހާން ސުވާލުކޮށްލިއެވެ. ''ގުޅީމަ ފޯނު ނެގެނީކީ ނޫން، އަހަރެން މީ ރައްޓެއްސެއްކަމަށް ދެކުނީ އެއް ނޫން... އެހެން އުޅެފަ ކުއްލިޔަކަށް ތިއައީ ބޮޑު ކަމެއް ވީމަ، ނޫންތަ؟...''
ދައްޔާން އިނީ ހިމޭނުންނެވެ. އަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިގެންނެވެ. ދައްޔާނަށް ބަލަމުން ދިޔަ ރައިހާނަށް ކަމެއް ފާހަގަ ވުމާއެކު ދައްޔާންގެ ގާތަށް ޖެހިލިއެވެ. ދައްޔާންގެ އަތުގައި ހުރި ޒަހަމްތައް ފެނުމާއެކު ރައިހާންގެ ސުވާލުތަކަށް ޖަވާބު ލިބުނެވެ. ހަމައެއާއެކު ދައްޔާންގެ ނިޔަފަތީގެ ދަށުގައި ނުފިލާ ހުރި ލޭ ފެނުމާއެކު ބުމަކައިރިކޮށްލެވުނެވެ.
''ޑޫޑް!...'' ރައިހާން ގޮވާލިއެވެ. ދައްޔާނަކީ ދުވަހަކު އެހާ މަޑުން ހުންނަ މީހެއް ނޫނެވެ. އެހެންކަމުން އިންޒާރުގެ ރަނގަބީލެއްގެ އަޑުއިވެން ފެށިއެވެ.
''މަޑުން ހުއްޓަކަސް ވީ ގޮތެއް އަހަންނަކަށް ނެނގޭނެ، އަތަށް ކިހިނެއްވެފަ ތިހިރީ؟...'' ދައްޔާންގެ އަތުގައި ރައިހާން ހިފިއެވެ. ލިބުނު ސިހުމާއެކު ރައިހާންގެ އަތް ފޮޅުވާލަމުން ދައްޔާން ދުރަށް ޖެހުނެވެ.
''ވަޓް ޑިޑް ޔޫ ޑޫ؟...'' ރައިހާނަށް ބުމަގޮށްޖަހާލެވުނެވެ.
''ސަމްތިންގް ސްޓުޕިޑް...'' އަނގައިން ނުބުނާހެނާ އިރުކޮށްފައި ދައްޔާން ޖަވާބުދިނެވެ. އިސްޖަހާލަމުން ކިޔައިދޭން ފެށިއެވެ. ޒަރާރްގެ ފަރާތުން ބަދަލުހިފަން އުޅުމުން އެކުޅިގަނޑު ހައްދުން ބޭރުވެ، ޒަރާރްއާ މެދު އޭނަ ކަންތައް ކުރި ގޮތުގެ ތަފުސީލު ހިއްސާކުރިއެވެ.
ރައިހާން ކޮޅަށް ތެދުވިއެވެ. ދައްޔާންގެ ވާހަކަ ނިމެންދެން އެއްޗެއް ނުބުނެ އޭނަ ހުއްޓެވެ. މޫނުން ފެންނަނީ ހާސްކަމެވެ.
''ވަޓް ދަ...'' ރައިހާނަށް ބުނެވުނެވެ. އޭނަ ހުރީ ރުޅިއައިސްފައެވެ. ހުރިހާ ގޯހެއް ހަދާފައި އޭނަގެ މަދަދަށް އެދިގެން ދައްޔާން އައުމުންނެވެ. ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނަގެ ކޮންޓްރޯލްގެ ދަށުން ހުރިހާ ކަމެއް ވަނީ ގޮސްފައެވެ. ބޮޑު މައްސަލައަކަށް ވާނެތީ ބޮލުގައި ރިއްސައިގަތެވެ.
''އައި ނޯ، އެހެންވެގެންނޭ މިއައީ!...'' ދައްޔާން ބުންޏެވެ. ޖަޒުބާތުތައް އެފުށްމިފުށަށް ޖެހިއްޖެއެވެ.
''ކައޭ ތީ ހާދަ މޮޔަ ގޮލައެކޭ، އަހަރެން ބުނިން ދޯ އިމޯޝަންގެ މައްޗަށް ކަމެއް ނުކުރާށޭ!، ބުނީމަ ތި ކުރި ކަންތައް ބަލާބަލަ...'' ދައްޔާންގެ ޓީޝާޓުގައި ދެއަތުން ހިފަމުން ރައިހާން ބުންޏެވެ. އޭނަގެ ބާރުގައި ދައްޔާން ކޮޅަށް ނަގައިފިއެވެ.
''ވަޓް ޑޫ ޔޫ ވޯންޓް ފްރޮމް މީ؟...'' ދަތްޕިލަޖައްސައިގެން ހުރެފައި ރައިހާން ސުވާލުކޮށްލިއެވެ.
''ޔޯރ ހެލްޕް...'' ދައްޔާން އާދޭސްކުރިއެވެ. އެވަގުތު އަނެއްކާ ވެސް ޒަރާރްގެ އަޑު ކަންފަތުގައި ގުގުމާލައިފިއެވެ. ޒަރާރްގެ ދެލޮލުން ފޭބި ކަރުނަތަކާއި އެމޫނުން ދުށް ބިރުވެރިކަން ވެގެން ދިޔައީ ބޮޑު ތަކުލީފަކަށެވެ. ޒަރާރް ވައްޓާލުމުގެ ކުރިން ފަސްޖެހުނު ހަނދާން ފިލައިދާ ގޮތެއް ނުވިއެވެ.
''ނުވާނެ!...'' ރައިހާން ދެކޮޅު ހެދިއެވެ. ''ކުރިން ބުނިހެން އަހަރެންގެ ގާތަށް އައި ނަމަ މިހެން ނުވީސް، އަހަރެން ބުނިން ދޯ ސައިލެންޓްކޮށް އޭނަ ގެއްލުވާލަދޭނަމޭ، އެކަމަކު މިހާރު މާ ލަސްވެއްޖެ، މީހުން ތިބި ތަނެއްގަ ތިވަރުކަމެއް ތިކުރީ.......... ސިދް އިޒް ގޮއިންގް ޓު ޓާން އިންޓު އެ ފުލްބޮލޯން އިންވެސްޓިގޭޝަން... ސޮރީ، އަހަންނަށް އެކަމުގެ ތެރެއަށް ނުވަދެވޭނެ!...''
''ވަޓް!...'' ދައްޔާނަށް ޤަބޫލެއް ނުކުރެވުނެވެ.
''މި ބުނީނުވާނެޔޭ...'' ރައިހާން ތަންކޮޅެއް ބާރަށް ބުންޏެވެ.
''މިހާރު އެނގިއްޖެ ކަލޭގެ ފެންވަރު!...'' ދައްޔާންގެ ހިއްސުތަކުގެ މައްޗަށް ވެރިވެގަތީ ރުޅިވެރިކަމެވެ.
''އަދިވެސް އަހަރެންގެ ފެންވަރުތަ ނުފެނިގެން މިއުޅެނީ!، ކަލެއަށް ކައޭގެ އިމޯޝަންސް ކޮންޓްރޯލް ނުކުރެވުނީމަ މިހެން މިވީ، މިކަމުގަ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ކަލޭ!...'' ރައިހާން ދުލެއް ނުކުރިއެވެ. އެކަމާ ވައިއެޅޭ ހިސާބުގައި ހުންނާކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ. އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވެން އޮތީ އެހެންނެވެ. ރައްޓެހިކަމުގައި ވެސް ވަކި އިންތަކެއް ކަނޑައެޅިގެން ވެއެވެ. އެހެންނޫނަސް އެހާލަތަށް ދިއުމުގެ ކުރިން ދައްޔާނަށް އެހީވެވިދާނެ ގޮތްތައް އޭނަ އޮތީ ބުނެދީފައެވެ. އަމިއްލައަށް އުޅެގެން ލިބުނު ބޮނޑިއެއްގެ ޒިންމާ އޭނަ ނަގަންވީ ކީއްވެގެން ހެއްޔެވެ؟
''ޔޫ ހޭވް ޓު ހެލްޕް މީ...'' ދައްޔާން ދިނީ އިންޒާރެކެވެ.
''ރިއަލީ؟...'' ރައިހާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
''އެހެން ނޫނީ...'' ދައްޔާނަށް އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
''އެހެން ނޫނީ ކީއްކުރެވޭނީ؟، އޭނ!...'' ރައިހާންގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. ''ބުނަން ރަނގަޅުވާހަކައެއް؟، އަހަންނަށް ފެންނަނީ ކައޭ މިތަނުން ދާން، ސޯޓް ޔޯރ އޯން މެސް...''
''ޕޮލިހުންނަށް ކަލޭގެ އިންޓެލް ލިބިއްޖެއްޔާ މާ ރީއްޗެއް ނުވާނެ...'' ދައްޔާން ދުލެއް ނުކުރިއެވެ. އޭނައަށް އެހީވާން ރައިހާން ދެކޮޅު ހެދުމުން ލިބުނު ދެރައާއި ހިތާމައިގެ ސަބަބުން ސިކުނޑި ގޯސްވެއްޖެއެވެ. އެންމެ ބޭނުން ޖެހުނު ހިނދުގައި ރައްޓެހިން ވެސް އޭނަ ބާކީކޮށްލައިފިއެވެ. އޭނަގެ ހަތުރުންނަށް ވެއްޖެއެވެ.
ކުއްލިޔަކަށް ހޭން ފެށި ރައިހާން ހިފީ ދައްޔާންގެ ކަރުގައެވެ. އެދިޔަ ބާރު މިނުގައި ގޮސް ތަތްކޮށްލީ ފާރަށެވެ. ދައްޔާނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނޭވާލާން ދަތިވުމާއެކު ލޯކުރިމަތިން ސިފަވާން ފެށީ އޭނަގެ އަތްދަށުން ސަލާމަތަށް އެދި ޒަރާރް ތެޅިފޮޅުނު މަންޒަރެވެ. ބިރުން ގޮސް މީހާ ހުރީ ހިމޭންވެފައެވެ. ނޭވާ އުފުރިގެން ހިނގައިދާނެހެން ހީވިޔަސް ސިކުނޑީގެ ސިގްނަލްތަކަށް ހަށިގަނޑު އިޖާބަ ނުދިނެވެ.
''ޕޮލިހުންނަށް ނޭނގޭ ކަމަށްތަ ކައޭ ހީކުރީ؟...'' ދައްޔާންގެ ކަރަށް ބާރުކުރަމުން ރައިހާން ބުންޏެވެ. އޭނަގެ މޫނު ދައްޔާންގެ މޫނާ ކައިރިކޮށްލަމުން ބަލައިލީ އިންޒާރުގެ ނަޒަރަކުންނެވެ.
''އަހަރެން ޕޮލިހަށް ގޮސްފިނަމަ ވާނެ ގޮތް މާ ސަރަކާތްވާނެ، ރައްޓެއްސެއްގެ ގޮތުގައި ދެކުނީތީ ދިއުމުގެ ފުރުސަތު މިދެނީ...'' ދައްޔާންގެ ކަރުން ދޫކޮށްލަމުން ރައިހާން ފަހަތަށް ޖެހުނެވެ.
ދައްޔާން ކޮޅަށް ހުރީ ރައިހާންގެ ބާރުގައި ކަމަށްވުމުން ކުޑަކަކޫ މައްޗަށް ދައްޔާން ވެއްޓުނެވެ. ކަރުން ނަގަމުން ދިޔަ ދިލައިގެ ސަބަބުން ކަރުގައި ފިރުމާލެވުނެވެ. ގުދުވެލައި ޓައިލިސްތަކުގައި ނިއްކުރި ޖައްސާލަމުން ނޭވާލާން އުޅުނެވެ.
''އިފް ޔޫ އާރ ލަކީ، ހީ އިޒް އޯލްރެޑީ ޑެޑް...'' ރައިހާން ބުނެލިއެވެ.
*****
ގެއަށް އައިސް ވަދެވުމާއެކު ވަކިން ބޮޑަށް ބިރުގަތެވެ. އަވަސްއަވަހަށް ސިޑިން މައްޗަށް އަރައި ކޮޓަރިއަށް ވަނެވެ. ޒަރާރްގެ ޚަބަރު ބައްޕަގެ ކަންފަތާ ހަމައަށް ފޯރާނެއެވެ. ލަފާކޮށްލަން އުނދަގުލީ ފޯރާނެ އިރެކެވެ. އޭރުން ގޭތެރެއަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުން އަންނާނެއެވެ. ޒަރާރްއަށް އެހާލަތު މެދުވެރި ސަބަބު ހޯދަން ބައްޕަ ކޮންމެ ފަދަ ދަރަޖައަކަށް ވެސް ގޮސްދާނެއެވެ. އެޚިޔާލުން އެކަނި ވެސް ދައްޔާން ބިރުން ރޫރޫއަޅަން ފެށިއެވެ.
ފެންމާގަނޑުގެ ދަށުގައި ހުއްޓި ހުރެގެން ވެސް ދައްޔާނަށް ވިސްނެނީއެވެ. އެކިދިމަދިމާއަށް ޚިޔާލުތަކުގެ ކުރި ފަޅައިގެން ދިޔައެވެ. ހުއްޓުމެއްނުވާ ކަހަލައެވެ.
''އައި ޖަސްޓް ހޯޕް ހީ އިޒް ޑެޑް...'' ސަލާމަތުގެ އައްސޭރިއަކަށް ދެވެން އޮތް ހަމައެކަނި ރާސްތާއަކީ އެއެވެ. ފެންވަރާލަމުން ލޯގަނޑު ކުރިމައްޗަށް ދައްޔާން ހުއްޓުނެވެ. ހޫނު ފެނުގެ އަސަރުކޮށް ފުސްވެފައި ހުރި ލޯގަނޑުގައި އަތްތިލަ ހިންގާލިއެވެ. އެއަށްފަހު އޭނަގެ ސޫރައަށް ބަލައިލިއެވެ. ކަރުގައި ހުރި ނިޝާންތައް ފެނުނެވެ. ހަމައެއާއެކު އަތުގައި ހުރި ޒަހަމްތައް ވެސް މެއެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އޭނަގެ އަތުގައި ޒަރާރް ހިފެހެއްޓި ތަނެވެ. އިނގިލިތަކުގެ ނިޝާން ރީއްޗަށް ފެންނަން ހުއްޓެވެ.
ވޮޝްބޭސިންގެ ކެބިނެޓް ހުޅުވާލަމުން ނެގި ފަސްޓްއެއިޑް ކިޓުން ޒަހަމްތަކުގައި ބޭސް އެޅިއެވެ. އޭރު ވެސް އަތްތުރުތުރުއަޅައެވެ. ލޯގަނޑުން ފެންނަ އަމިއްލަ ސޫރަ ވަކިކުރަން ދައްޔާނަށް އުނދަގޫ ވިއެވެ. އޭނައަކީ ބިރުގަންނަ ޒުވާނެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަން މަތީ ދެމިހުރީ ބޭނުން ކޮންމެކަމެއް ހާސިލްވާނެ ކަމުގެ ޔަޤީންކަމާއެކުގައެވެ. އެހެނަސް މިފަހަރު ހުރިހާ ކަމެއް ތަފާތެވެ. އޭނައަށް އެހީވާނެ މީހަކު ނެތެވެ. ގިނިކަންޏާ އެކަނި ދުނިޔެއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟
*****
ފަތިސް ނަމާދަށް ހޭލި ތަނާލްގެ މޫނުން ފެންނަނީ އުފާވެރިކަމެވެ. ސައިޑްޓޭބަލް މަތީ ހުރި ސޯނާ ގަޑިއަށް ދިން ނަޒަރާއެކު ފޯނު ނެގިއެވެ. ޒަރާރްގެ މެސެޖެއް އައިސްފައި އޮވެދާނެކަމުގެ ފޮނި އުއްމީދުގައެވެ. ކޮންމެ ދުވަހަކު ފަތިސް ގަޑީގައި ޒަރާރްގެ މެސެޖެއް ތަނާލްއަށް ލިބޭނެއެވެ. ބާއްޖަވެރި ހެނދުނަކަށް އެދެމުން ލޯބީގެ އިޤުރާރުތައް ހިމެނިފައިވާނެއެވެ. ފަތިސް ނަމާދާއެކު ތަނާލްގެ ދުވަސް ފެށިގެން ދަނީ ޒަރާރްގެ ލޮބުވެތި ބަސްތަކުންނެވެ. ނަމަވެސް މިފަހަރު ފޯނުން ފެނުނު ފަޅުކަމާ ހުރެ ތަނާލްގެ ހިނިތުންވުން ފަނޑުވެލިއެވެ.
''ހޭނުލެވުނީކަން ނޭނގެ...'' ތަނާލްއަށް ބުނެވުނެވެ. އޭނަ އުޅުނީ ޒަރާރްއަށް ގުޅާށެވެ. ފޯނު އޮތީ ނިވިފައެވެ.
''ހޫމްމް، ޔަޤީން ޗާޖުކުރަން ހަނދާން ނެތުނީ...'' ތަނާލް އެނދުން ތެދުވިއެވެ. ދެ ފަހަރެއްގެ މަތިން އެހެން ވެފައި އޮތުމުން ފަތިސް ނަމާދަށް ފަހު ޒަރާރްގެ ޚަބަރެއް ވޭނެކަމަށް ތަނާލް ޔަޤީންކުރިއެވެ. އުނަގަނޑާ ހަމައަށް އަންނަ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ތަނާލް ވަނީ ފާޚާނާ އަށެވެ. މޫނުދޮވެލާ ތާޒާވެލައިގެން އޭނަ ނިކުތީ ވުޟޫކޮށްގެންނެވެ.
ނަމާދުކޮށްގެން ދުޢާކުރުމަށް ތަނާލް ވަގުތުކޮޅެއް ހުސްކޮށްލިއެވެ. މިއަދަކީ އޭނައާއި ޒަރާރްގެ ދިރިއުޅުމުގައި ތަފާތު ބާބެއް ހުޅިވިގެންދާނެ ދުވަހެކެވެ. މާޒީގެ ސަބަބުން ތަނާލްގެ ހިތް ނުތަނަވަސްކުރުވިއެވެ. ދުވަސް ކައިރިވި ވަރަކަށެވެ. އުފާވެރިކަމަށް ނިމުން އަތުވެދާނެތީއެވެ. ޒަރާރްއާއެކު ޒަވާޖީ ހަޔާތެއް ފެށުމަށް ދެކެމުންދާ ހުވަފެންތައް ބިލާހަކަށް ވެދާނެތީއެވެ. އެހާސްކަމާއި ކުރިމަތިލުމުގެ ތައުފީޤުދެއްވުމަށް އެދި މާތްﷲއަށް ދުޢާ ދެންނެވިއެވެ. ސާބިތުކަން މިންވަރުކޮށްދެއްވުމަށް އެދިއެވެ.
''އެވްރީތިންގް ވިލް ބީ ޕާފެކްޓް، إِنْ شَاءَ اللَّهُ...'' ތަނާލް ބުނެލިއެވެ. އޭނަ އިތުބާރުކުރީ އާލަމްތަކުގެވެރި ﷲ އަށެވެ. އެކަލާނގެއީ ހުރިހާކަމެއް އެންމެ ފުރިހަމައަށް ރާއްވަވާ ރަސްކަލާނގެއެވެ.
ނަމާދަށް ފަހުގައި ވެސް ޒަރާރްގެ ޚަބަރެއް ނުވުމުން ތަނާލްގެ ހިތް ތެޅިލިއެވެ. ދުވަހަކު ޒަރާރްގެ ފަރާތުން އެފަދަ ބަދަލެއް ފެނިފައި ނުވާތީއެވެ. ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު ތަނާލްއަށް އިވުނެވެ. އޭނަ ހިނގައިގަތީ ދޮރު ހުޅުވާށެވެ. ބޭރުގައި ހުރީ މަންމަ އެވެ. މަންމަގެ މޫނު ފެނުމާއެކު ތަނާލްއަށް ލިބުނީ ހައިރާންކަމެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮމެންޓް